maavahinfo

Wednesday, Feb 22nd

Last update07:55:18 PM GMT

:: މާވަށު ސުކޫލުގެ މިއަހަރުގެ ދެވަނަ ޓާރމްގެ ރިޕޯޓް ފޮތް ދީފި

މާވަށު ސުކޫލުގެ މިއަހަރުގެ ދެވަނަ ޓާރމްގެ ރިޕޯޓް ފޮތް ދީފި

E-mail Print

ފޮޓޯ: އަހުމަދު ރަޝީދު

މާވަށު ސުކޫލުގެ މިއަހަރުގެ ދެވަނަ ޓާރމްގެ ރިޕޯޓް ފޮތް ދީފިއެވެ. މިއަދު 10 ގަޑި 15 ގައި މާވަށު ސުކޫލުގެ ހޯލުގައި އޮތް ޖަލްސާ ފެށުނީ ކީރިތި ޤުރުއާނުގެ ބަރަކާތުންނެވެ. ޤުރުއާން ކިޔެވީ ގްރޭޑް 6 އޭގެ ދަރިވަރު އަލީ މުޝްފިޤު މުހައްމަދު ޝަރީފެވެ.

އެއަށްފަހު ޖަލްސާ ތައާރަފު ކޮށްދެއްވީ މާވަށު ސުކޫލުގެ ޕްރިންސިޕަލް އަލްފާޟިލް މުހައްމަދު އަހުމަދެވެ. ތައާރަފު ކޮށްދެއްވުމުގެ ކުރިން ޕްރިންސިޕަލް ދެއްކެވި ވާހަކަފުޅުގައި ކޮންމެ ކުއްޖަކުވެސް ކޮންމެ ކަމަކަށް ލަނޑު ދަނޑިއެއް ކަނޑަ އަޅައިގެން މަސައްކަތް ފެށުމަށް ގޮވާލެއްވިއެވެ. އަދި ދަރިވަރުން އެއް ގުރޭޑުން އެނެއް ގުރޭޑަށް ބަދަލުކުރުމަށް ގެންގުޅުނު މިންގަނޑުތައްވެސް ކިޔައިދެއްވިއެވެ. އެއަށް ފަހު ރަސްމިއްޔާތު ކުރިއަށް ދާނޭ ގޮތުގެ ތައާރަފެއްވެސް ދިނެވެ. ނިންމަވާލެއްވެވީ ދަރިވަރުންނަށް ހާއްސަ ނަސޭހަތެއް ދެއްވަވާފައެވެ. އެގޮތުން މިފެށުނު ޗުއްޓީ ތެރޭގައި ސުކޫލު ކުދިންގެ ޤަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސް ކުރެއްވިއެވެ. އަދި ހާއްސަގޮތެއްގައި ރޭގަނޑު މާދަންވަންދެން ބޭރުގައި ނޫޅުމާއި އެހެން މީހުންނަށް ގެއްލުން ލިބޭފަދަ އެންމެހައި ކަންތައް ނުކުރުމަށް ނަސޭހަތްތެރިވިއެވެ.

އެއަށްފަހު ނާދީ އަލްްޤުރުއާންގެ ފަރާތުން ބޭއްވި ދިނީ ކުއިޒު މުބާރާތާއި މަދަހަ މުބާރާތުގެ ނަތީޖާ އިއުލާން ކޮށްދެއްވެވީ ނާދީ އަލްޤުރުއާނުގެ ވިލަރެސްވެރިޔާ އަލްފާޟިލާ ހައްވާ އިސާއެވެ. ދީނީ ކުއިޒު މުބާރާތުގެ ހަނދާނީ ލިޔުމާއި ތަށި ހަވާލުކޮށްދެއްވެވީ މާވަށު ސުކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަލްފާޟިލް ހަސަން މަނިކެވެ. އަދި މަދަހަ މުބާރާތުގެ ހަނދާނީ ލިޔުމާއި ތަށި ހަވާލުކޮށްދެއްވެވީ މާވަށު ސުކޫލުގެ ޕްރިންސިޕަލް އަލްފާޟިލް މުހައްމަދު އަހުމަދެވެ. ދިނީ ކުއިޒު މުބާރާތާއި މަދަހަ މުބާރާތުގެ އެއްވަނަ ހައުސްއަކަށް ހޮވުނީ ނިކަ ހައުސްއެވެ.

ދެން އޮތީ 2012ވަނަ އަހަރަށް ހޮވުނު ޕްރިފެކްޓް ބޯޑު އިއުލާންކޮށް އެކުދިންނަށް ބެޖު ހަވާލުކޮށްދިނުމެވެ. އެކުދިންގެ ނަންތައް އިއުލާންކޮށްދެއްވެވީ ޕްރިފެކްޓް ބޯޑްގެ ވިލަރެސްވެރިޔާ އަލްފާޟިލް ހުސައިން ރަފީއު އެވެ. އަދި ބެޖުތައް ހަވާލުކޮށްދެއްވެވީ މާވަށު ސުކޫލުގެ ޕްރިންސިޕަލް އަލްފާޟިލް މުހައްމަދު އަހުމަދެވެ. ޕްރިފެކްޓް ބޯޑަށް ހޮވުނު މަޤާމްތަކަކީ ޖޫނިޔާ ޕްރިފެކުޓް، ޕްރިފެކްޓް، ސީނިޔާ ޕްރިފެކްޓް، ސްކޫލްގެ ފިރިހެން ވައިސް ކެޕްޓަން، ސްކޫލްގެ އަންހެން ވައިސް ކެޕްޓަން އަދި ސުކޫލުގެ ކެޕްޓަނެވެ. 2012 ވަނަ އަހަރަށް ހޮވުނު ސްކޫލްގެ ފިރިހެން ވައިސް ކެޕްޓަނަކީ ގްރޭޑް 9 ބީގެ ދަރިވަރު މުހައްމަދު ހުސައިނެވެ. 2012 ވަނަ އަހަރަށް ހޮވުނު ސްކޫލްގެ އަންހެން ވައިސް ކެޕްޓަނަކީ ގްރޭޑް 11 ގެ ދަރިވަރު ފާތިމަތު އަރުނީމާއެވެ. އަދި 2012 ވަނަ އަހަރުގެ ސްކޫލުގެ ކެޕްޓަނަކަށް ހޮވުނީ ގްރޭޑް 11 ގެ ދަރިވަރު މަރިޔަމް ޝަމްލާއެވެ. 2012 އަހަރުގެ ޕްރިފެކްޓް ބޯޑަށް ހޮވުނު ހުރިހާ ކުދިންނަކީވެސް އެމަޤާމަތަކަށް ކުރިމަތިލައިގެން ހޮވުނު ދަރިވަރުންނެވެ.

ޖަލްސާގައި ދެންއޮތީ ދެވަނަ ޓާރމުގެ ނަތީޖާ އިއުލާންކޮށް ދެއްވުމެވެ. އެގޮތުން ގްރޭޑް 1 އިން 3 ގެ ހުރިހާ މާއްދާއިން އޭ ރިޕޯޓް ހޯދި ދަރިވަރުންގެ ނަތީޖާ އިއުލާންކޮށްދެއްވެވީ ގްރެޖްއޭޓް ލީޑިންގ ޓީޗަރ އަލްފާޟިލް މޫސާ ހުސައިނެވެ. މިގުރޭޑްތަކަށް ރިޕޯޓް ފޮތްތައް ބައްސަވައިދެއްވެވީ މާވަށު ސުކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަލްފާޟިލް ހަސަން މަނިކެވެ. އެއަށްފަހު ދެން އޮތީ ގްރޭޑް 4 އިން ފެށިގެން މަތީ ދަރިވަރުންގެ ތެރެއިން އޮނަލިސްޓެޑް އަދި ކޮމަންޑެޑް ހޯދި ދަރިވަރުންނަށް ރިޕޯޓް ފޮތް ދިނުމެވެ. އެގޮތުން ގްރޭޑް 4އަދި 5 ގެ ނަތީޖާ އިއުލާންކޮށްދެއްވެވީ ގްރެޖްއޭޓް ލީޑިންގް ޓީޗަރ އަލްފާޟިލް އާދަމް ހަލީމު މޫސާ އެވެ. ގްރޭޑް 6 އަދި 7 ގެ ނަތީޖާ ޓްރެއިންޑް ލީޑިންގް ޓީޗަރ އަލްފާޟިލް މޫސާ އިބްރާހިމް އިއުލާންކޮށްދެއްވިއިރު ގްރޭޑް 8 އިން 12 ގެ ނަތީޖާ އިއުލާންކޮށްދެއްވެވީ ޓްރެއިންޑް ލީޑިންގް ޓީޗަރ އަލްފާޟިލް މުހައްމަދު އަލީއެވެ. މިގުރޭޑްތަކަށް ރިޕޯޓް ފޮތްތައް ބައްސަވައިދެއްވެވީ މާވަށު ސުކޫލުގެ ޕްރިންސިޕަލް އަލްފާޟިލް މުހައްމަދު އަހުމަދެވެ.

މިރަސްމިއްޔާތު ނިންމާލީ ސްކޫލުގެ ލަވައިންނެވެ.

 

މިލިޔުމަށް ހިޔާލުފާޅުކުރެއްވުމަށް
Report givin
Anees .

ހާދަ ތުއްތު ތުއްތު ކުދިންތަކެއް . ވ ސަޅި
ނަން:
އީމެއިލް:
 
ސުރުހީ: