މާވަށުގައިވާ ހާއްސަތަންތަނުގެ ތެރެއިން އެންމެ މުހިއްމު އެއްތަނަކީ މާވަށުގެ ކުޅި އެވެ. ރަށުގެ މީހުން ކިޔާއުޅޭ ގޮތުންނަމަ ކިލާގަނޑެވެ. މިތަން އޮންނަނީ ރަށުގެ ހުޅަގުއުތުރު ކޮޅުގައެވެ.
މީހުން އުޅޭ ހިސާބާއި ރަށުގެ ކޮޅުގައިވާ ރުއްގަޑާއި ދެމެދުގައެވެ. ކުޅީގެ އުތުރު ފަރާތާއި ރަށުގެ އަތިރިމައްޗާއި ދޭތެރޭގައި ހުންނާނީ ގާތްގަޑަކަށް 30 ހަކަށް ފޫޓެވެ.
މީގެ ދުވަސްކޮޅެއް ކުރިން މިތަން މީހުން އުޅޭ ސަރަހައްދާއި ދުރުގައި އޮތް ނަމަވެސް މިހާރު ރަށް ފުރެމުން އައިސް މި ހިސާބާއި ޖެހެންދެން މީހުން ގޯތި ނަގާ އަދި ބައެއްމީހުން ދިރިއުޅެންވެސް ވަނީ ފަށާފައެވެ.
މި ކުޅި ތަންކޮޅެއް ކުރީގައި އޮންނަގޮތާއި މިހާރު ތިޔަފެންނަ ގޮތާއި ވަރަށް ތަފާތެވެ. އެއީ ކުޅީގައި ކުރިން އެންމެ ގިނައިން ހެދިފައި ހުންނަ ބާވަތް ކަމަށްވާ ކަނޑޫ ގަސްތައް މަދުވުމާއި އެކު ވިނަ ހެދިފައި ވުމެވެ. އަދި ކުޅީގެ ފެންގަޑުގެ ޖާގަ އިހުނަށްވުރެ ކުޑަވެފައި ވުމެވެ. ފެންގަޑަށް އެރުމުން ގާތްގަޑަކަށް ފައިގެ ފަލަމަސް ގަޑާއި ހަމަޔަށް އަޑިޔަށް ކިސަޑުގަޑުގެ ތެރެއަށް ވަދެގެން ދެއެވެ. ކުޅީގެ ފެންގަޑަކީ އަބަދު އެއްގޮތަކަށް އޮންނަ ފެންގަޑެއް ނޫނެވެ. ވާރޭ ނުވެހި ދުވަސްތަކެއް ވެއްޖެނަމަ ފެންގަނޑު އެއްކޮށް ހިދެއެވެ. އެހެންކަމުން ބައެއް ކުޅިތަކުގައި ދިރިއުޅޭ ބާވަތްތަކުގެ މަސް މިތަނުގައި ދިރިނޫޅެވެއެވެ. ނަތީޖާއަކަށް ވަނީ މިތަނުގައި މަދިރި ބިސްއަޅާ އާލާވުމެވެ. މިގޮތުން މި ކުޅިޔަކީ ރަށުގައި މަދިރި އާލާވާ މައި މަރުކަޒެވެ. މި ކަންތައް ހުއްޓުވުމުގެ ގޮތުން މިތަނަށް ބައެއް ފަރާތްތަކުން އެތަށް ފަހަރެއްގެ މަތިން ފެނުގައި އުޅޭ ބާވަތުގެ މަސް ވަނީ ލާފައެވެ. އެހެންނަމަވެސް ކުރިން ބުނިހެން ފެންގަނޑު ހިނދޭތީވެ މި ކަންތައް ކާމިޔާބުވާ ގޮތެއް ނުވެއެވެ.
މި ކުޅިޔަކީ ރަށުގެ މީހުންނަށް ރީތި މަގުބޫލު ސަރަހައްދެއްގެ އިތުރުން އެކިމޫސުމުގައި ރަށަށް އަންނަ ދޫނިސޫފާސޫފީގެ ވެސް އެންމެ ހާއްސަމަންޒިލެވެ. އެކި މޫސުމުގައި ރަށަށް އަންނަ ދޫނިތައް މަޑުކޮށްލައިގެން ތިބޭ ތަނެކެވެ. އިރުވައި މޫސުމުގައި އަންނަ އިރުވައިހުދު، ބުޅިތުނބި، ފިދަނަ، ރޭރު، ރާބޮނދި އަދި ކަބިނލި ފަދަ ދޫނިތައް ބައެއް ދުވަސްވަރު މިތަނުން ފެނެއެވެ. މިކަމުގެ ސަބަބުން މިތަނަށް އިތުރު ފުރިހަމަކަން ގެނެސްދެއެވެ.
މިތާނގައި ކުރީގައި އެންމެ ގިނައިން ހެދިފައި ހުންނަ ބާވަތަކީ ކަނޑުލެވެ. މިހާރު މިގަސްތައް މަދު ނަމަވެސް ކުރީގައި ރަށުގެ މީހުން ކަނޑޫ ގަސްތަކުގައި އަޅާ ކަޑޫ ބިނދެ މަށައި ފެނުގައި ކެއްކުމަށްފަހު ވަރަށް މީރުކޮށް އޭގެން ބޯކިބާވެސް އަޅައެވެ. މި ސަރަހައްދަކީ ކުރީގައި ރަށުގެ މީހުން ދަނޑުވެރިކަން ކުރުމަށް ބޭނުން ކުރަމުން އައި ސަރަހައްދެކެވެ. މި ތާގައި އާންމުކޮށް އިންދާފައި ހުންނަނީ ފަލަމަޑީގެ ބާވަތްތައް ކަމަށްވާ އަލަޔާއި އެކިވައްތަރުގެ ކައްޓަލައެވެ. ކުޅީގެ ބިއްދޮށު ފަރާތުން އެކި މީހުންގެ އަލަދަނޑު ތަކާއި ކައްޓަލަ ދަނޑުތައް އިންވަކިކޮށް އިންދާފައިވާތީ ފެނުނު ދުވަސްވަރެއް ހަދާންވެއެވެ. މި ކަހަލަ އެއްޗެހި އިންދާ ހެއްދުމަށް މި ސަރަހައްދަކީ އެއްވަނައެވެ. އެހެންނަމަވެސް މިހާރަކަށް އައިސް މިމަސައްކަތް ކުރާތަނެއް މަދުންނޫނީ ނުފެނުމަކީ ވިސްނަން ވެއްޖެކަމެކެވެ.
މާވަށު ކުޅީގެ ބައެއް އިތުރު ފޮޓޯތައް:








Need History How, Why..........!!!!!?????