maavahinfo

Saturday, May 19th

Last update10:58:41 PM GMT

:: މެދުޒަމާނުގެ ތާރީޚުގެ ތެރެއިން ބައެއް ރަސްރަސްކަލުން (3 ވަނަބައި)

މެދުޒަމާނުގެ ތާރީޚުގެ ތެރެއިން ބައެއް ރަސްރަސްކަލުން (3 ވަނަބައި)

E-mail Print PDF

އައްސުލްޠާނު އިބްރާހިމް (ތިންވަނަ) ކަލާފާނު ސިރީ ސުއްދަ ސުވަރުދަ މަހާރަދުން

3.1- ޢާއިލާ (ދަރިފަސްކޮޅު): އައްސުލްޠާން  އިބްރާހިމް ކަލާފާނަކީ ތިލަދުންމަތީ އުތީމު ކަޅު ޢަލީ ޚަޠީބު ތަކުފާނުގެ ޙުސައިން ޚަޠީބު ތަކުރުފާނުގެ އަލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް ސިރީ "ސަވާދީއްތަ" މަހާރަދުންގެ އައްސުލްޠާން އިބްރާހިމް (ތިންވަނަ) ކަލާފާނު ސިރީ ސުއްދަ ސުވަރުދަ މަހާރަދުންނެވެ. މަންމާފުޅަކީ، ބޯށިވަލު ބުޅާފާތިމަގެ [1]އާމިނައެވެ.  (ޗާޓް 4 ބައްލަވާ). ތާރީޚްގައި މިރަދުންގެ މަޝްހޫރު ނަންފުޅަކީ ކަލާފާނު އެވެ. މުޙައްމަދު އިބުރާހިމް ލުޠުފީ (2006) ހާމަކުރައްވާފައިވަނީ "ކަލާފާނު" މިލަފުޒަކީ ފާރިސީ ލަފުޒަށް އިންޙިރާފު ގެނެވިގެން ބޭނުންކޮށް އުޅޭލަފުޒެއްކަމުގައެވެ. އެޒަމާނުގައި، ބޭނުންކޮށް އުޅޭނެކަމަށް މުޙައްމަދު އިބުރާހިމް ލުޠުފީ (2006) ދެކެލައްވަނީ "އިބުރާހިމް ކަލާން" މިގޮތަށެވެ. މާނައަކީ އަމީރު އިބުރާހީމެވެ. "ފާނު" މިލަފުޒުގެ މާނައަކީ ޠާހިރު، މުޤައްދަސް، އިތުރު، ފަދަ މާނަތަކަށް ވުމުން، "ފާނު" އެނަންފުޅަށް އިތުރުކުރެވިފައިވަނީ، ދިވެހި އަދަބީ އުޞޫލުން މާތްކުރުމުގެ ގޮތުންކަމަށް މުޙައްމަދު އިބުރާހިމް ލުޠުފީ (2006) ބަޔާންކޮށްފައިވެއެވެ. މިރަދުންނަކީ އުޠީމުދަރިކޮޅުން ތަޚްތަށްއަރާވަޑައިގެންނެވި 2ވަނަ ރަސްގެފާނެވެ.

 

3.2- ކޮލީނަންފުޅު

ކަލާފާނުގެ ކޮލީނަންފުޅު ތާރީޚީ އެކިފަތްފުށްތަކުން ފެންނަން ހުރީ އެކިގޮތްގޮތަށް ލިޔެފައިވަނިކޮށެވެ. ތާވަލު 1 ގައި އެވަނީ ތާރީޚީ ބައެއް ފަތްފުށްތަކުން ކަލާފާނު ރަދުންގެ ކޮލީނަންފުޅު ފެންނަން ހުރި  ބައެއް ގޮތްތަކެވެ.

 

ތާވަލު 1: އައްސުލްޠާން އިބުރާހިމް (ތިންވަނަ)ގެ ކޮލީނަންފުޅު ވާރިދުވެފައިހުރި ބައެއް ގޮތްތައް

އަލް ޣާޒީ ޙަސަން ތާޖުއްދީން

އައްސުލްޠާން އިބްރާހީމް ސިރީސުއްދަ ސުވަރަ މަހާރަދުން

ނަސީމާ މުޙައްމަދު (2010) އާއި،

މުޙައްމަދު އަމީން (1949)

އައްސުލްޠާން އިބްރާހީމް ސިރީސުއްދަސުވަރުދަ މަހާރަދުން

މުޙައްމަދު ވަޙީދު މަންދު (1992)

އައްސުލްޠާން އިބްރާހީމް ސިރީސުއްދަސުވަރަލޯކަ މަހާރަދުން

ދިވެހިތާރީޚް

އައްސުލްޠާން އިބްރާހީމް ސިރީސަންދަ ސުވަރުދަލޯކަ މަހާރަދުން

ރާދަވަޅި

އައްސުލްޠާން އިބްރާހީމް ސުވަސްތިސިރީސިއްދަސުވަރުދަލޯކަ މަހާރަދުން

ޗާޕު ނުކުރާ ރާދަވަޅިއެއް

އަލްޣާޒީ އިބްރާހީމް ކަލަމިންޖާން ސިރީސިންދަސުވަރުދަލޯކަ މަހާރަދުން

ސޯސް: އަލް އުސްތާޛު މުޙައްމަދު އިބުރާހިމް ލުޠުފީ. (2006). އުތީމުދަރިކޮޅުގެ ރަސްކަން. ޞ. 28

3.3- އަނބިއަނބިކަނބަލުންނާއި ބޭފުޅުން

ކަލާފާނު ރަދުން ކާވެނިފުޅު ބައްލަވައިގެންނެވިކަމަށް ޕިރާޑަށް ޙަވާލާދެއްވައި، މުޙައްމަދު އިސްމާޢީލްދީދީ (1995) އާއި މުޙައްމަދު އިބުރާހިމް ލުޠުފީ (2006) ހާމަކޮށްފައިވާ ބޭބޭފުޅުންނަކީ، ރަދުންގެ ބައްޕާފުޅު ކަނޑައެޅުއްވި ބޭފުޅާއާއި، މާލިމީގެ އަނބިމީހާއި، ރަދުންގެ ނެވިޔުގެ[2] އަނބިކަނބަލުންނާއި، ބަންގާޅު ސައުދާގަރުގެ ފުރަތަމަ އަނބިކަނބަލުންނާއި، ދެވަނަ އަނބިކަނބަލުންނެވެ. މުޙައްމަދު އިބުރާހިމް ލުޠުފީ (2006) ހާމަކުރައްވާގޮތުގައި ކަލާފާނު ރަދުން ކާވެނިކުރެއްވިކަމަށް ލަފާކުރެއްވެނީ 5 ބޭކަނބަލުންނާއެވެ. ފަހަރެއްގައި އެއަށްވުރެ ގިނަވެފައިވުން ނުވަތަ މަދު ވުމަކީވެސް އެކަށީގެންވާކަމެކެވެ. ޕިރާޑަށް ޙަވާލާދެއްވައި މުޙައްމަދު އިބުރާހިމް ލުޠުފީ (2006) އިތުރަށް ހާމަކުރައްވާފައިވަނީ ކަލާފާނުގެ އަބަދުވެސް ތިން އަނބިކަނބަލުން ތިއްބަވާކަމަށާއި، އަދި އޭގެ އިތުރަށް އެތައް ޖާރިޔާ އަނބިކަނބަލުންނާއި އެތައް ޢަޝީގާއިން ގެންގުޅުއްވާކަމަށެވެ(ޞ. 43).

 

ނަސީމާ މުޙައްމަދު (2010) ހާމާކުރައްވާގޮތުގައި ކަލާފާނު ޝަހީދުވީއިރު 3 އަނބިކަނބަލުން ތިއްބެވިއެވެ. އެބޭބޭފުޅުންނަކީ، ސާސްކަ ފުރަދާނަ ކަނބާ ޢާއިޝާ ރަނިކިލެގެފާނާއި، ނުޞްރަތު ކަމަނާއާއި، އަދި ކުރީގެ ކާވެނިފުޅަކުން ތިން ދަރިކަނބަލުން ލިބިވަޑައިގެންފައިވާ އަނބިކަނބަލެކެވެ(ޞ. 125). އެހެންނަމަވެސް، މުޙައްމަދު އިބުރާހިމް ލުޠުފީ (2006) ހާމަކުރައްވާގޮތުގައި ކަލާފާނު ޝަހީދުކުރެވުނުއިރު ތިއްބެވީ 2 އަނބިކަނބަލުންނެވެ. އެއީ ޢާއިޝާ ބިބީ އާއި ނުޞްރަތު ކަމަނާއެވެ. ދެން އޮޑިކޮޅުގައި އިންނެވީ އެކްސް ކުއީން ސިއްތިމާވާ ރަނިކިލެގެފާނުކަމަށް މުޙައްމަދު އިބުރާހިމް ލުޠުފީ (2006) އިތުރަށް އޮޅުންފިލުވައިދީފައިވެއެވެ.  ކޮންމެއަކަސް، ކަލާފާނުގެ އަނބިއަނބިކަނބަލުންނާ ބެހޭގޮތުން ތާރީޚުން ލިބެންހުރި މަޢުލުމާތުތަކުގެ މައްޗަށްބުރަވެ، ކަލާފާނުގެ އަނބިއަނބިކަނބަލުންގެ ޢަދަދު ކަނޑައެޅިގެންދަންނަވާކަށް އަދި ނޭނގެއެވެ.

 

ކަލާފާނު ރަދުންނަށް ބޭފުޅުން ލިބިވަޑައިގަތީ މާފިލާފުށީ ކަނބާ ޢައިޝާ ރަނިކިލެގެފާނުގެ ފުށުންކަމަށް ނަސީމާ މުޙައްމަދު (2010) އާއި، މުޙައްމަދު އިބުރާހިމް ލުޠުފީ (2006) ލިޔުއްވާފައިވެއެވެ. މި ބަނޑުފުޅުން ލިބިވަޑައިގަތް ދެބޭފުޅުންވެސް ޅަފަތުގައި އަވަހާރަވީކަމަށް ބުނެވެއެވެ. މުޙައްމަދު އިސްމާއީލް ދީދީ (1995) ހާމަކުރައްވާގޮތުގައި ކަލާފާނަށް ބޭފުޅުން ލިބިވަޑައިގެންނެވީ ކަލާފާނުގެ ނެވިޔުގެ ކިބައިން ވަރިކުރުވި އަނބިކަމަނަޔާއަށެވެ. އެއީ ދެވައްތަރުގެ ދެބޭފުޅުންކަމާއި، އެދެބޭފުޅުންގެ އުމުރުން 1 އަހަރުފުޅުވުމުގެ ކުރިން އަވަހާރަވީކަމަށްވެސް މުޙައްމަދު ޢިސްމާއީލްދީދީގެ ލިޔުމުގައި އިތުރަށް އޮޅުންފިލުވައިދީފައެވެ. އަދި ހަމައެހެންމެ، ބަންގާޅުގެ އަނބިކަނބަލަކަށްވެސް ބޭފުޅަކުލިބިވަޑައިގަތްކަމާއި ރައްކައުވުމުގެ ތެރޭގައި އެބޭފުޅަކު އަވަހާރަވީކަމުގައި މުޙައްމަދު އިސްމާޢީލް ދީދީ (1995) ހާމަކުރައްވާފައިވެއެވެ.

 

3.4- ރަސްކަމަށް އިސްވެވަޑައިގަތުމާއި ރަސްކަމުގެ މުއްދަތު.

އައްސުޠާން އިބްރާހިމް (ތިންވަނަ) "ކަލާފާނު" ރަސްކަމަށް އިސްވެވަޑައިގެންނެވީ އެމަނިފާނުގެ ބައްޕާފުޅުގެ ވަޞިއްޔަތަކާއި ހިއްޕަވާފައިވާ ޢަހްދެއްގެ މަތީން ކަލާފާނުގެ އުމުރުފުޅުން 18 ނުވަތަ 22 އަހަރުފުޅުގައިކަމަށް މުޙައްމަދު އިބުރާހިމް ލުޠުފީ (2006) ލިޔުއްވާފައިވެއެވެ. ކަލާފާނު ރަސްކަމަށް އިސްވެވަޑައިގެންނެވި ފުރިހަމަ ތާރީޚެއް އަދި ހޯދިފައެއްނުވެއެވެ. އެހެންނަމަވެސް، އެމަނިކުފާނު ރަސްކަމަށް އިސްވެވަޑައިގަތީ އެމަނިކުފާނުގެ ބައްޕާފުޅު އަވަހާރަވުމާގުޅިގެންކަމަށް ނަސީމާ މުޙައްމަދު (2010) އާއި، މުޙައްމަދު އިބުރާހިމް ލުޠުފީ (2006) އެއްބަސްވެލައްވައެވެ. އަލްޣާޒީ މުޙައްމަދު ތަކުރުފާނު އަވަހާރަވީ ހިޖުރައިން 993ވަނަ އަހަރުގެ ރަމަޟާން މަހު 1ވަނަ ދުވަހުއެވެ. އެހެންކަމުން، ކަލާފާނުގެ ރަސްކަމުގެ ފުރަތަމަ ދުވަހަކީ 993ހ ރަމަޟާން 2ވަނަ ދުވަސްކަމަށް ބެލިދާނެއެވެ. މިރަދުންނަކީ ރާއްޖެ އިސްލާމުވުމަށްފަހު ރާއްޖޭގެ ތަޚްތަށް އިސްވެވަޑައިގަތް 64ވަނަ ބޭފުޅާއެވެ. ރަދުން ޝަހީދުވީ ހިޖުރައިން 1017ވަނަ އަހަރު ޝައްވާލުމަހުގެ 28ވީ ބުދަދުވަހުއެވެ. އެހެންކަމުން ކަލާފާނު ރަދުން، 24 އަހަރާއި 2 މަސްދުވަހު ރަސްކަންކުރިކަމަށް ބެލެވިދާނެއެވެ.

 

3.5- ރަސްކަން

ޙަސަން ތާޖުއްދީނަށް ޙަވާލާދެއްވައި، މުޙައްމަދު އަމީން (1949) ހާމަކުރައްވާފައިވާގޮތުގައި "ކަލާފާނަކީ ހައިބަވަންތަވެރި، ބުއްދިވެރި، ޢަދުލުވެރި، ޢިލްމުވެރި، ދަންނަބޭކަލުންނަށް ލޯބިކުރައްވާ، ޢިލްމު އުނގެނުމަށް އަމުރުކުރައްވާ، ޢިލްމުވެރިންނަށް ވާގިދެއްވާ، ގިނަގިނަކަންކަމުގައި އެމީހުންނާ މަޝްވަރާ ކުރައްވާ، ރައްޔިތުންގެ ތަޑުމަޑު ޙާލު ބައްލަވައި، ޢަދުލަށް ރަސްކަންކުރެއްވި ރަސްކަލެއްކަމަށެވެ"(ޞ. 174). ނަމަވެސް، ކަލާފާނުގެ ރަސްކަމުގައި "ކޯބިން" ނަމަކަށް ކިޔާ ފަރަންސޭސި ނަވެއްގައި ބެހިގެން ރާއްޖެއަށް އައިސް، 7 އަހަރު ވަންދެން މާލޭގައި ހުރި، ޕިރާޑް ޑި ލަވާލްގެ ލިޔުމުގައި، ކަލާފާނާ ބެހޭ، ތަފާތު ވަރަށް ގިނަ ނޭދެވޭ ވާހަކަތައް އެބަހުރިކަމަށް ނަސީމާ މުޙައްމަދު (2010) ލިޔުއްވާފައިވެއެވެ. މުޙައްމަދު އަމީން (1949) ހާމަކުރައްވާގޮތުގައި ޕިރާޑުގެ ނަޒަރުގައި ކަލާފާނަކީ، ވަރަށްވެސް އަޚްލާޤް ނުބައި، އަނިޔާވެރި ރަސްކަލެކެވެ. ހަމައެހެންމެ، ކަލާފާނަކީ އެމަނިކުފާނުގެ ބައްޕައާއި ބޮޑުބޭބެ ޙަސަން ރަންނަބަނޑޭރި ކިލެގެފާނުފަދަ ހަރުދަނާ އަދި "އަބުއި" ޝަޚްޞިއްޔަތެއް ނޫންކަމަށާއި، އެބޭފުޅުން ފެއްޓެވި ޤައުމީ ޚިދްމަތް ފުރިހަމަޔަށް ހިންގެވޭހައި ތަޖްރިބާއާއި ސިޔާސަތު ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ނޫންކަމަށްވެސް، މުޙައްމަދު އިބުރާހިމް ލުޠުފީ (2006) ހާމަކުރައްވައެވެ.

 

ކޮންމެއަކަސް، ރަސްކަމުގެ ކުރީކޮޅުގައި އެރަސްކަން ޙިމާޔަތްކޮށްދީ ހަރުދަނާކަމާއެކު ހިންގައިދޭން ޒުވާން ރަސްގެފާނުގެ އަރިހުގައި ތިބީ ކަމުގެ ލަޔާޤަތާއި ތަޖްރިބާލިބިފައިތިބި ޣާޒީރަދުންގެ ފަހުލަވާނުންނާއި އެޒަޢީމުގެ އިޚްލާސްތެރި ވަފާތެރިންނަށް ވުމާއެކު ރަސްކަމުގެ ކުރީކޮޅު ފާހަގަވެގެންދިއައީ ރަސްކަމުގެ ރީތިކަމާއި މޫރިތިކަންމަތީގައި ރަސްކަން ދެމިގެން ދިޔަދުވަސް ތަކެއްކަމުގައި މުޙައްމަދު އިބުރާހިމް ލުޠުފީ (2006) ހާމަކުރައްވައެވެ.

 

އެހެންނަމަވެސް، ކަލާފާނުގެ ޒުވާންކަމާވިދިގެން ހިނގަމުންދިޔަ ކަންކަމުގެ ސަބަބުން ޣާޒީރަދުންގެ އެކުވެރިން ދިޔައީ ކަލާފާނުގެ ރަސްކަމާދުރުވަމުންނެވެ. ހުސްވަމުން ދިޔަ މަޤާމުތަކަށް އިސްކުރެވެމުންދިޔައީ ރަސްކަމުގެ ތަޖުރިބާމަދު، ސިޔާސަތަށް އައު ބަޔެއްކަމަށްވެއެވެ. އެހެންކަމުން ކަލާފާނުގެ ރަސްކަމުގެ ފަހު ދައުރު ހިނގަމުންދިއައީ ރަސްކަމުގެ ހަރުދަނާ ތަރަހައައިން ކޮންމެވެސް ވަރަކަށް ނެއްޓިގެންކަމަށް މުޙައްމަދު އިބުރާހިމް ލުޠުފީ (2006) ބަޔާންކުރައްވައެވެ. އެކަން ސާބިތުކުރުމަށްޓަކައި މުޙައްމަދު އިބުރާހިމް ލުޠުފީ (2006) ދައްކާފައިވާ ހެކިތަކަކީ:

1، ރަސްކަމާ ދެކޮޅަށް، އެރަދުންގެ ޅިޔަނު "ސާމިޔާފާށިނާ" ފެއްޓެވި [3]ބަޣާވަތުގައި ރަދުންގެ އެންމެ ލޯބިފުޅުވާ "ޢައްޔާޝީ އަނބިކަނބަލުން" ކަނބާ ޢައިޝާ ބައިވެރިވެވަޑައިގަންނަވަމުން ގެންދެވިކަން ސާބިތުވަމުން ދިޔައިރުވެސް އެކަމާ ދެކޮޅަށް ފިޔަވަޅެއް ނޭޅުއްވުނުކަމީ ކަލާފާނަށް ކެރިވަޑައިގަތުން ލިބިވަޑައިގެންފައި ނުވާކަމުގެ ހެއްކެކެވެ.

2، [ހޮސްޓިލްފްލީޓް] މާލެ އައުމުން ހަނގުރާމައަށް ތައްޔާރުވެވަޑައިނުގެން، އޭރުގެ ފަނޑުޔާރުގެ ލަފަޔަށް ފިއްލަވަން ދެކުނަށް ފުރާވަޑައިގަތުމަކީވެސް އެކަމުގެ ހެއްކެކެވެ.

3، މާލޭގައި ތަފާތު ހަމަނުޖެހުން އުފެދުމުން މާލެ ދޫކުރައްވައި މާލެ އަތޮޅު ގުރައިދުއަށް ވަޑައިގެން އެކަން ހަމަޖެހެންދެން ހުންނެވުންވެސް އެއީ އެކަމުގެ އިތުރު ހެއްކެކެވެ.

މިކަންކަމުން އެނގެނީ ކަލާފާނަކީ އެރަދުންގެ ބައްޕާފުޅުފަދަ ހިތްވަރާއި ޢަޒުމު ވަރުގަދަ ބޭފުޅެއް ނޫންކަމެވެ. މިބަހަށް ތާޢީދުކުރައްވައި މުޙައްމަދު އިސްމާޢީލް ދީދީ (1995) ބަޔާންކުރައްވާގޮތުގައިވެސް ކަލާފާނަކީ ފިނޑިބޭފުޅެކެވެ. އެމަނިކުފާނުގެ ބައްޕާފުޅުފަދަ ކެރޭ ޝަޚްޞިއްޔަތެއްނޫނެވެ.

ކަންމިހެން ހުރިނަމަވެސް، ވަރަށްގިނަފަހަރު ކަލާފާނަށް ތާޢްރީފްކޮށް އެމަނިކުފާނުގެ ރަނގަޅު ސިފަފުޅުތައް ޕިރާޑުގެ ބަޔާނުގައި ލިޔުއްވާފައިވެއެވެ. ކަލާފާނަކީ، މީހުންނަށް އޯގާވެރި، ފަޤީރުންނަށް އެހީދެއްވާ އަދި އެބައިމީހުންގެ ޙާލުބައްލަވާ، ދިވެހިންގެ އާދަކާދައާ އެއްގޮތަށް ވެރިކަމުގެ ހައިބަތު ހިފެހެއްޓެވުމަށް މަސައްކަތްކުރައްވާ، އިންސާފަށް ލޯބިކުރައްވާ، ޝަރީއަތުގެ ތެރެއަށް ވަދެވަޑައިނުގަންނަވާ ބޭފުޅެއްކަމަށް ޕިރާޑާ ޙަވާލާދީ މުޙައްމަދު އިބުރާހިމް ލުޠުފީ (2006) ހާމަކުރައްވައެވެ. ކަލާފާނާބެހޭގޮތުން ޕިރާޑު ދެއްވާފައިވާ މިބަޔާނާއި ޣާޒީ ޙަސަން ތާޖުއްދީން ކަލާފާނާބެހޭގޮތުން ދައްކަވާފައިވާ ވާހަކަތަކުގެމެދުގައި ހުރި އެއްގޮތްކަން ފާހަގަކުރަމެވެ.

 

3.6- ރަސްކަމުގައި ހިނގައިދިޔަ ހަމަނުޖެހުންތައް.

ކަލާފާނުގެ ރަސްކަމުގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށް ބަލާއިރު ފުރަތަމަ ފާހަގަކޮށްލެވެނީ، ދޮންމަންމާ ފުޅަށް ދިމާވި ހާދިސާގެ ގޮތުގައި ނަސީމާ މުޙައްމަދު (2010) ބަޔާންކޮށްފައިވާ ހާދިސާއެވެ. ބޮޑުތަކުރުފާނު އަވަހާރަވުމުގެ ކުރިން، ކަލާފާނުގެ ދޮންމަންމާފުޅަކަށް ވާ މާނަޔަ ކިލެގެ[4] އަށް ހެޔޮކޮށް ހިއްތެވުމަށް ކުރެއްވި ވަޞިއްޔަތަށް ކަލާފާނު ފަރުވާ ނުބެހެއްޓުމުގެ ސަބަބުން، މާނަޔަ ކިލެގެ ކަލާފާނު ދެކެ ކޯފާއިސްވެގެން ބަދަލު ހިއްޕެވުމަށް ޤަސްދުކޮށް ކުރެއްވިމަސައްކަތެވެ. މިކަމަނާގެ ބޭބޭފުޅު ފާމުލަދޭރިއާ ދެބޭފުޅުން ކަލާފާނު އަވަހާރަކޮށްލައްވައި، ފާމުލަދޭރިގެ ދަރިކަލުން ރަސްކަމަށް އިސްކުރެއްވުމަށް ރޭވިރޭވުން ކަލާފާނަށް ފައުޅުވެ، ދޮންމަންމާފުޅާއި ފާމުލަދޭރިއާއި އޭނާގެ ބައިވެރިން ހައްޔަރުކޮށް، އަތްބުރިކޮށްލައްވައި، ހުވަދުއަތޮޅަށް އަރުވާލެއްވިކަމަށްވެއެވެ.

 

މިހަމަނުޖެހުމުގެ ފަހުން މާލޭގައި އެހެން ހަމަނުޖެހުންތަކެއް ހިނގައި ރަދުންނަށް މާލޭގައި ހުންނެވުމަށް ދަތިފުޅުވެގެން މާލެ އަތޮޅު ގުރާދުއަށް ވަޑައިގެންނެވިކަމަށް ނަސީމާ މުޙައްމަދު (2010) ލިޔުއްވާފައިވެއެވެ. މިއުފެދުނު ހަމަނުޖެހުންތަކުގެ އަޑީގައި ހުރީ ފާށަނާތަކުރު ކިޔުނުބޭފުޅެކެވެ. މިބޭފުޅާ ރަށްރަށަށް ފައިބައިވަޑައިގަންނަވަނީ ރަސްކަލެއްގެ ޢިއްޒަތުގައި، އިސްތަށިފުޅަށް ހުދު ހަތްކޮޅެއް[5] ނަންގަވައިގެން ކަމަށް ބުނެވެއެވެ. ކޮންމެއަކަސް، ފާށިނާތަކުރާ ހަނގުރާމައަށް އެތަށް ލަޝްކަރެއް ފޮނުއްވައިގެން، އެންމެ ފަހުން ފާށިނާތަކުރު ހައްޔަރުކޮށް، ފާށިނާ ތަކުރަށް ވާގިވެރިވީ ގިނަމީހުން ޤަތުލުކުރެއްވީކަމަށާއި، އަނެއްބައި މީހުން ކަނާއަތް ބުރިކުރައްވައި އަރުވައިލެއްވީކަމަށް ނަސީމާ މުޙައްމަދު (2010) ހާމަކޮށްފައިވެއެވެ.

 

3.7- ޝަހީދުވެވަޑައިގަތުން.

ޙަސަން ތާޖުއްދީނަށް ޙަވާލާދެއްވައި މުޙައްމަދު އަމީން (1949) ހާމަކުރައްވާފައިވާގޮތުގައި "ޢިލްމު ފަތުރުއްވަމުން، ފަޤީރުންނާއި، އެހީވެވަޑައިގަންނަވަމުން ޢަދުލަށް ރަސްކަން ކުރައްވާތާ 24 އަހަރުވީތަނާ ދިވެހިރާޖެއަށް، މަލާބާރީންގެ ކަނޑުފޭރޭ ބަޔަކުއަތުއްވެއްޖައޫއެވެ"(ޞ.182). މިއައި މީހުންނާމެދު، ނަސީމާ މުޙައްމަދު (2010) ބަޔާންކުރައްވަނީ އެއީ އަސްލު ޕިރާޑުމެން ދަތުރުކުރި ނައު "ކޯރބިން"ގައި ހުރި މޮޅުބަޑިތައް ހޯދުމަށްޓަކައި ބަންގާޅުގެ ސެޓިގަމުން (ޗިޓަގޮންގްއިން) އައި  ބަޔެއްކަމަށެވެ. މިބައިމީހުންގެ ތެރޭގައި މަލާބާރުން ތިބުމަކީވެސް އެކަށީގެންވާކަމެއްކަމުގައި ނަސީމާ މުޙައްމަދު (2010) ދެކެލައްވައެވެ.

 

ކޮންމެ އަކަސް، ރާއްޖެއާ ދިމާކުރަން ދުޝްމިނުން އަންނަކަން އެނގުމުން، ވަޒީރުންނާއި، އަމީރުންނާއި، ފަނޑިޔާރުކަމުގައި ހުންނެވި ފޮނަދޫ މުޙައްމަދު ފަނޑިޔާރުކަލޭގެފާނު އެއްކުރައްވައި މަޝްވާރާ އެއްސެވިކަމަށް މުޙައްމަދު އިބުރާހިމް ލުޠުފީ (2006) ހާމަކުރައްވައެވެ. ފަނޑިޔާރު ކަލޭގެފާނު ފަޠުވާދެއްވިކަމަށް ނަސީމާ މުޙައްމަދު (2010) ބަޔާންކުރައްވަނީ "އެބާވަތުގެ ދުޝްމިނުންގެ ބަޔަކާ ހަނގުރާމަ ކުރެއްވުމަށްވުރެ، ބުއްދިވެރިގޮތަކީ ފިލާވަޑައިގަތުންމެވެ"

 

ރަދުން 3 އަނބިކަނބަލުންނާއި[6]، ބައެއް ވަޒީރުންނާއި، އަމީރުންނާއިގެން ބޮޑު ގުރާބަކަށް އަރާވަޑައިގެން ދެކުނަށް ދަތުރުކުރަށްވަނިކޮށް، ދުޝްމަނުންނަށް އެކަން އެނގި، ދުޝްމަނުންގެ ބާރަށްދުވާ ގުރާބުތައް ރަދުންގެ ގުރާބު ފަހަތުން ގޮސް ދެލަޝްކަރު ބައްދަލުވީ، އަރިއަތޮޅު ހަންޏާމީދޫކައިރިންނެވެ. މިހަނގުރާމައިގައި ކަލާފާނާއި، ޖަމާލުކަލޯއާއި ދެކަލުން ފިޔަވައި އެހެންހުރިހާ ބޭކަލުން ކަނޑަށް ފުންމަވާލައްވައިގެން ކައިރީގައި އޮތް ފަޅުރަށަކަށް އެރިކަމަށް ނަސީމާ މުޙައްމަދު (2010) ލިޔުއްވާފައިވެއެވެ. އަދި ރަދުން ގަދަ ހިތްވަރުފުޅާއެކު، ހަނގުރާމަކުރަމުން ދަނިކޮށް، ދުޝްމަނަކު ޖެހި ނޭޒާއަކުން ރަސްގެފާނު ޝަހީދުވެވަޑައިގަތީއެވެ. އެއީ، ހިޖުރައިން 1017ވަނަ އަހަރު ޝައްވާލުމަހުގެ 28ވީ ބުދަދުވަހެވެ. މީލާދީން އެއީ، 1609ވަނަ އަހަރު ފެބްރުއަރީމަހުގެ 4ވީ ބުދަ ދުވަހެވެ. ކަލާފާނު ޒިޔާރާތް ހުންނަނީ ހަންޏާމީދޫގައެވެ. (އެޕެންޑިކްސް 1 ބައްލަވާ). ކަލާފާނު ޝަހީދުވެ ދުޝްމަނުންނަށް ކާމިޔާބުލިބުންވީ ދިވެހިންނަށާއި، ދިވެހިރާއްޖެއަށް ލިބުނު ވަރަށްބޮޑު ގެއްލުމެއްކަމުގައެވެ. އެހެނީ، ދުޝްމިނުން ދަމުން ދިއައީ، ގަނޑުވަރުތެރެއާއި މުޅި މާލެ ލޫޓްވައި މާލޭގައި ހުރިނަމަ ހުރި މުދަލެއް ހިފައިގެންކަމަށް ވެއެވެ. އެބައިމީހުންއައި އޮޑިތައް ބަރާކުރެވުނީ، 10 ދުވަހުންކަމަށް މުޙައްމަދު އިސްމާއީލް ދީދީ (1995) ލިޔުއްވާފައިވެއެވެ. އަދި ދިޔަ މަގުމަތީގައި އުތީމުގައި ޖައްސައި، އެރަށްވެސް ލޫޓްވިކަމަށް ބުނެވެއެވެ.

 


[1] މުޙައްމަދު އަމީން (1949) ހާމަކުރައްވަނީ ބުޅާފާޠިމާގެ ރެހެންދިޔަކަމަށެވެ.

[2] ޕިރާޑު ބަޔާންކުރައްވާފައިވާ "ނެވިޔު"އިންގެ ވާހަކައަކީ ރާއްޖޭގެ ތާރީޚުން އެނގޭ ބޭފުޅުންނެއްނޫނެވެ. އެއީ، އުތީމު ޙަސަން ރަންނަ ބަނޑޭރިކިލެގެފާނާއި، އުތީމު ޢަލިތަކުރުފާނާއި އަދި ފާޠިމާފާނުގެ އެހައި ބޮޑެތި ފިރިހެން ބޭފުޅުން ތިއްބެވިކަން އެނގެން ނެތުމުންނެވެ. (މުޙައްމަދު އިބުރާހިމް ލުޠުފީ، 2006، ޞ 43-44)

[3] ތާރީޚުން އެނގޭގޮތުގައި މި ބަޣާވަތަކީ ރާއްޖޭގެ ރަސްކަމާ ދެކޮޅަށް ހިންގުނު ފުރަތަމަ ބަޣާވާތެވެ. (މުޙައްމަދު އިބުރާހިމް ލުޠުފީ، 2006، 30)

[4] ސިއްތިމާވާ ރަނިކިލެގެފާނު ކަމަށް ބެލެވެއެވެ. އެހެންނަމަވެސް، ފުރިހަމަ މަޢުލޫމާތު އަދި ހޯދިފައެއްނުވެއެވެ(ނަސީމާ މުޙައްމަދު، 2010، ޞ. 127).

[5] މިއީ ރަސްރަސްކަލުންނަށް ގިނިކަންޏާ އަރުވާ ޢިއްޒަތެކެވެ. (ނަސީމާ މުޙައްމަދު، 2010، ޞ. 128)

[6] މުޙައްމަދު އިބުރާހިމް ލުޠުފީ (2006) ހާމަކުރައްވާގޮތުގައި ރަދުންގެ 2 އަނބިކަނބަލުންނާއި، އެކްސް ކުއީން.

 

ނުނިމޭ