maavahinfo

Saturday, May 19th

Last update10:58:41 PM GMT

:: މާވަށުގެ ތާރީޚްގެ ތެރެއިން.... ވެވު

މާވަށުގެ ތާރީޚްގެ ތެރެއިން.... ވެވު

E-mail Print PDF


ވެވަކީ އިހުޒަމާނުގައި ދިރިއުޅުނު މީހުން އެބައި މީހުން ފެންވެރުމަށާއި ވުޟޫކުރުން ފަދަ ކަންކަމަށް ބޭނުން ކުރަމުން އައި ތަނެކެވެ. ދިވެހިރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ވެވު ހަދާފައި ހުރެއެވެ. މިހާރުވެސް ވަރަށް ގިނަ ރަށްރަށުގައި ހުރި ވެވުތައް ފެންނަން އެބަހުއްޓެވެ. ތާރީޚްގެ ތެރެއަށް ނަޒަރު ހިންގާލާއިރު ހައްދުންމަތީ މާވަށުގައިވެސް ދެ ވެވު ކުރިން ހުރިކަމަށް ވެއެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންގެ ލޯތަކަށް މިއިން އެއްވެސް ވެވެއް ފެންނާކަށް ނެތެވެ. ނަމަވެސް މިދެވެވާ ބެހޭގޮތުން އަޅުގަނޑަށް ލިބިހުރި މައުލޫމާތެއް ހިއްސާކޮށްލާނަމެވެ.


މާވަށުގައި ހުރި ދެވެވުގެ ތެރެއިން އެއް ވެވު ހުރީ ބޮޑުވެލު އަވަށުގައެވެ. އަނެއް ވެވު ހުރީ ތުނޑީ އަވަށުގައެވެ. ބޮޑުވެލު އަވަށުގައި ހުރި ވެވު ހުރީ މިހާރު ހަޒާރުމާގޭ ގޯތީގެ އިރުދެކުނު ފަރާތުގައި މިހާރު ހުރި އަނބު ގަސްތަކާއި ބޮޑުވެލު ހަރުގެ ކައިރީގައި ތަންގީތައް ބަހައްޓާފައި ވާ ހިސާބުގައި ކަމަށް ބުނެވެއެވެ. ތުނޑީ އަވަށުގައި ހުންނަ ވެވު ހުރީ މާވަށު ހުކުރު މިސްކިތުގެ އިރުމަތީ ފަރާތުގައި ކަމަށް ބުނެވެއެވެ. މި ދެވެވުގެވެސް ބޭނުމަކީ ކުރިން ދެންނެވި ފަދަ ބޭނުން ތައް ފުއްދުމެވެ.


އާންމުގޮތެއްގައި މަސްވެރިން މަހުން އައިސް ފެންވަރަށް އެދުވަސްވަރު ދާކަމަށް ވަނީ މިވެވު ދޮށަށެވެ. މަސްވެރިން ނޫނަސް ބައެއް މީހުން ފެންވެރުމަށާއި ވުޟޫކުރުމަށް މިވެވުތައް ދޮށަށް ދެއެވެ. މިގޮތަށް ފެންވެރުމަށް މީހުން މިވެވުތަކަށް އެރުމުގެ ސަބަބުން ވެވުތަކުގެ ފެންގަނޑު ވަރަށް ބޮޑަށް ތަޣައްޔަރުވެއެވެ. އާންމު ގޮތެއްގައި މިވެވުތަކުގެ ފެންގަނޑު ހިއްކަނީ އަހަރަކު އެއްފަހަރުއެވެ. އެއީ ރަމަޟާން މަސް ކައިރިވުމުން ނެވެ.

ވެވުގެ ސިފަތަކަށް ބަލާއިރު، ވެވު ހަދާފައި ހުންނަނީ ހަތަރެސްކަނަށެވެ. ވެވުމުގެ ފުންމިނުގައި 4 ފޫޓު ނުވަތަ 4.5 ފޫޓު ހުންނަ ކަމަށް ވެއެވެ. ވެވުގެ އެންމެ އަޑީގައި ފަތިކޮށް ކޮށާފައިވާ ހިރިގައު ޖަހާފައި ހުރެއެވެ. ވެވުގެ އެންމެ ތިރިން ފެށިގެން މައްޗާ ހަމައަށް އަރިމަތީގައި ބޮޑެތި ރުއްގުޅިތައް، އެއްގުޅި މަތީ އަނެއް ގުޅި ޖެހޭގޮތަށް، ކައިރި ކައިރީގައި ޖަހާފައި ހުރެއެވެ. ވެވުގެ މަތި ހުންނަނީ ރާނާފައެވެ. ވެވުގެ އެންމެ މަތީގައި 3 ދޫނިފަތް ހުރެއެވެ. ( ދޫނިފަތަކީ މިހާރު ގޮތަށްނަމަ ސިޑިއެވެ. )


މިވެވުތައް ހަލާކުކޮށްލެވުނީ އަލްމަރުޙޫމް ސުމުއްވުލް އަމީރު މުހަންމަދު އަމީން ދީދީގެ ދައުރުގައެވެ. ވެވުތައް ހަލާކުކޮށްލެވުނީ އެދުވަސްވަރު މިއަތޮޅުގެ ވެރިޔަކަށް ހުރި ތުއްތީ ދޮންމަނިކުގެ އަމުރަށެވެ. ބުނެވޭ ގޮތުގައި މިގޮތަށް އަމުރު ކުރެއްވީ ވެވުގައި މަދިރިފަނި އަޅާ މަދިރި އާލާވަމުން ދާތީއެވެ.

( ނޯޓް: މަތީގައިވާ މަޒުމޫނަކީ 2007 ވަނަ އަހަރު އަޅުގަނޑު އެއްކޮށްފައިވާ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ. މައުލޫމާތުގައި ކުށެއް ވާނަމަ ކިޔުންތެރިންގެ އަރިހުން މާފަށް އެދެމެވެ. )

*************

މިލިޔުމަށް ހިޔާލުފާޅުކުރެއްވުމަށް
ވެވް .

ވަރަށް މުހިއްމު މައުލޫމާތު ކޮޅެއް. މަދިރިފަނި އަޅަންޏާ ފެނުގައި އުޅޭމަސް ލިނަމަ މަދިރިފަނި އެޅުން ކޮންޓްރޯލް ކުރެވޭނެ ތާ. މިއަދާއި ހަމަޔަށް މި ފަދަ އާސާރީ ތަކެތި ފެންނަން ހުރިނަމައޭ ހިތަށްއަރާ.
ނަން:
އީމެއިލް:
 
ސުރުހީ: