
އައްސުލްޠާން މުޙައްމަދު ސިރީ ބަވަނަ އަބާރަނަ މަހާރަދުން
2.1- އާޢިލާ (ދަރިފަސްކޮޅު)
އައްސުލްޠާން މުޙައްމަދު ސިރީބަވަނަ އަބާރަނަ މަހާރަދުންނަކީ ސުލްޠާން ހަސަނުލް ހިލާލީ (އެއްވަނަ)ގެ ސުލްޠާން އަބޫބަކުރު (އެއްވަނަ)ގެ ސުލްޠާން ޙަސަން ޙާޖީ (ތިންވަނަ)ގެ ސުލްޠާންމުޙައްމަދު ސިރީބަވަނަ އަބާރަނަ މަހާރަދުންނެވެ. (ޗާޓް 2 ބައްލަވާ). މިރަދުންނަކީ ހިލާލީދަރިކޮޅުން ރާއްޖޭގެތަޚުތަށް އަރާވަޑައިގެންނެވި 9ވަނަ ރަސްގެފާނެވެ. ރާދަވަޅީގައި މިރަދުންގެ ނަންފުޅު ލިޔެފައިވަނީ "ހަދި މުޙައްމަދު ކަލަމިންޖާ" މިފަދައިންކަމަށް ނަސީމާ މުޙައްމަދު (2010) ލިޔުއްވާފައިވެއެވެ. މަންމާފުޅަކީ ގޮލާވެހީ ސަންފާރަނިކިލެގެފާނުކަމަށްވެސް ނަސީމާ މުޙައްމަދު (2010) އެލިޔުމުގައި އިތުރަށް ހާމަކުރައްވާފައިވެއެވެ. ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީމަރުކަޒު (1990) އާއި އެޗް.ސީ.ޕީ ބެލް (1940) އަދި މުޙައްމަދު އަމީން (1949) ހާމަކުރައްވާގޮތުގައި، މިރަދުންގެ ކޮލީނަންފުޅަކީ އައްސުލްޠާން މުޙައްމަދު ސިރީ ބަވަނަ އަބާރަނަ މަހާރަދުންނެވެ. ނަމަވެސް، ނަސީމާ މުޙައްމަދު (2010) ލިޔުއްވާފައިވަނީ، "އައްސުލްޠާން ހަދި މުޙައްމަދުލް ހިލާލީ ސިރީ ބޮވަނަ އަބާރުނަ މަހާރަދުން"(ޞ. 75) މިފަދައިންނެވެ.
2.2- އަނބިކަނބަލުންނާއި ބޭފުޅުން
މިރަދުން ކައިވެނިފުޅު ބައްލަވައިގެންނެވިކަން އެނގޭ ބޭކަނބަލަކީ ގޮލާވެހީ ރަނިކިލެގެކަމަށް ނަސީމާމުޙައްމަދު (2010) ބަޔާންކުރައްވައެވެ. މިރަދުންނަށް ލިބިވަޑައިގެންނެވިކަން ތާރީޚުން އޮޅުންފިލަނީ އެންމެ ބޭފުޅެކެވެ. އެއީ މިރަދުންގެ ފަހުން ރަސްކަމަށް އިސްކުރެވުނު އައްސުލްޠާން ޙަސަން (ހަތަރުވަނަ) ސިރީ ރާދަ ލޯކަ މަހާރަދުންނެވެ.
2.3- ރަސްކަމަށް އިސްވެވަޑައިގަތުމާއި މި ރަދުންގެ ރަސްކަން
މިރަދުން ރަސްކަމަށް އިސްވެވަޑައިގަތީ، މިރަދުންގެ ބައްޕާފުޅު އައްސުލްޠާން ޙާޖީ ޙަސަން (ތިންވަނަ)ގެ ދެވަނަ ރަސްކަން ނިމުމުންނެވެ. އައްސުލްޠާން ޙާޖީ ޙަސަން (ތިންވަނަ)ގެ ދެވަނަ ރަސްކަން ނިމުނުގޮތް ތާރީޚީލިޔުންތެރިން ސިފަކޮށްފައިވަނީ ވަރަށް ނުރައްކާތެރި އެހައިމެ ބިރުވެރި ހާދިސާއެއްގެ ގޮތުގައެވެ.
އައްސުލްޠާން ޙާޖީ ޙަސަން (ތިންވަނަ) މައްކާއަށް ވަޑައިގެންފައި އެނބުރި މާލެވަޑައިގެންނެވި އިރު 70 އަޅުން ޢަރަބިކަރައިން ގެންނެވިއެވެ. މި ތަނުން އަޅަކު ދިވެއްސެއްމަރައިގެން އެމައްސަލަ ބައްލަވައި ޤާޟީ ޙަސަން ޝިރާޖީ، ނިޔާ ކަނޑައެޅުއްވީ އެއަޅުކަލޭގެއަށް އެކަމުގެ އަދަބު ލިބެންވާނެކަމަށެވެ. އަދި މިނިޔާއަށް ރަސްގެފާނު އިޢުތިރާޟު ކުރައްވައިފިނަމަ ރަސްގެފާނަށް ނަރަކައިގެ އަޛާބު ހުންނާނެކަމަށްވެސް އެންގެވިއެވެ. އެހެންނަމަވެސް، ރަދުން އެޙުކުމާމެދު ނުޤަބޫލުފުޅުވެ ޤާޞީ ޙަސަން ޝިރާޖީގެ ގައިކޮޅުގައި ކަފަ ބަންނުވައި ތެލުންފޯކޮށް އަންދަވައިލެއްވިއެވެ. ޤާޟީ ޙަސަން ޝިރާޖީ އަނދައިގެން ދިއުމާއެކު އައް ސުލްޠާން ޙާޖީ ޙަސަން (ތިންވަނަ) ގެ ހަށިކޮޅުން ގަދަހޫނެއް ނަގައި ރަދުން އަވަހާރަވެގެން ދިއައީވެސް އެހޫނުގެ ސަބަބުންކަމަށްވެއެވެ. ރަދުން އަވަހާރަވެގެން ސައްދޯއްޕުޅުގައި ވަޑުވައި ވަޅުފުޅުލާން ގެންދިއައިރު ހޫނުގަދަވެގެން ސަންދޯއްޕުޅު ނުގެންދެވިގެން އެންމެފަހުން ގަލުގެ ސަންދޯއްކޮޅެއްގައި ގެންދެވުނު ހިސާބަކަށް ގެންގޮސް ވަޅުފުޅުލީކަމުގައި ބުނެވެއެވެ.
ކޮންމެއަކަސް، އައްސުލްޠާން މުޙައްމަދު ސިރީބަވަނަ އަބާރަނަ މަހާރަދުންނަށް ރަސްކަން ލިބުމަށް މެދުވެރިވީ އިސްވެދެންނެވުނު ހާދިސާހިނގައި ދިއުމާއެކުގައެވެ. މުޙައްމަދު އަމީން (1949) އާއި، ދިވެހިބަހާތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު (1990) ލިޔުއްވާފައިވަނީ މުޙައްމަދު ސިރީބަވަނަ އަބާރަނަ މަހާރަދުން ރަސްކަމަށް އިސްވެވަޑައިގެންނެވީ ހިޖުރައިން 885ގައި ކަމަށެވެ. އެހެންނަމަވެސް، ނަސީމާ މުޙައްމަދު (2010) ބަޔާންކުރައްވާފައިވަނީ މިރަސްގެފާނު ރަސްކަމަށް އިސްވެވަޑައިގެންނެވީ ހިޖުރައި 875ގައި ކަމަށެވެ. އެހެންކަމުން، މިރަދުން ރަސްކަމަށް އިސްވެވަޑައިގެންނެވި ތާރީޚާމެދު ތާރީޚުދިރާސާކުރައްވާ ބޭފުޅުންގެ މެދުގައި ޚިލާފުހުރިކަން ފާހަގަކުރެވެއެވެ. އައްސުލްޠާން މުޙައްމަދު ސިރީބަވަނަ މަހާރަދުންނަކީ ދިވެހިރާއްޖެ އިސްލާމްވުމަށްފަހު ރާއްޖޭގެ ތަޚްތަށް އިސްވެވަޑައިގަތް 43ވަނަ ބޭފުޅާއެވެ. ރާދަވަޅިތަކާއި ޙަވާލާދެއްވައި ދިވެހިބަހާތާރީޚަށް ޚިދްމަތްކުރާ ޤައުމީމަރުކަޒު (1990) އާއި ނަސީމާ މުޙައްމަދު (2010) ބަޔާންކުރައްވަނީ މި ރަސްގެފާނު 14އަހަރު ރަސްކަން ކުރެއްވިކަމަށެވެ.
2.4- ރަސްކަމުގައި ހިނގައިދިޔަކަމަށް ބެލެވޭ މުހިއްމު ޙާދިޘާއެއް
މިރަދުންގެ ރަސްކަމުގައި ހިނގައިދިއަކަމަށް ނަސީމާ މުޙައްމަދު (2010) އެއްބަސްވެލައްވާ އެންމެ މުހިންމުކަމަކީ، މިރަދުންގެ ބައްޕާފުޅު (ހަދި ޙަސަން ރަސްގެފާނު) ޢަރަބި ކަރައިން ގެންނެވި 70 އަޅުންނާއި އަދި އެދުވަސްވަރު މާލޭގައިތިބި އެނޫން އަޅުންތައް، ރާއްޖެތެރޭގެ ރަށަކަށް ފޮނުވައިލެއްވުމެވެ. އެއީ، އެއަޅުން ހިންގި ނުބައި ޢަމަލާއި އަދި ރަދުންގެ ބައްޕާފުޅު ޢަމަލުކުރެއްވި އަނިޔާވެރިގޮތާ ގުޅިގެންކަމަށްވެއެވެ. އެގޮތުން އެއަޅުން ރުހޭ ރަށެއް ޚިޔާރުކުރުމުގެ ގޮތުން، އައްސުލްޠާން މުޙައްމަދު ސިރީ ބަވަނަ އަބާރަނަ މަހާރަދުންގެ މަންދޫބަކާއި އަޅުންގެ އިސްމީހަކު ރާއްޖޭގެ އުތުރަށް ފޮނުއްވެވިކަމަށް ބުނެވެއެވެ. މިދަތުރުން އެނބުރި މާލެ އައިސް ރަދުންގެ މަންދޫބު ދެންނެވިކަމަށް ނަސީމާ މުޙައްމަދު (2010) ލިޔުއްވާފައިވަނީ މިލަދުންމަޑުލު ދެކުނުބުރީ (ނ.އަތޮޅު) މެދުތެރޭގައި އޮތް ކުޑަކުޑަ ފަރި ފަޅުރަށާ (މިހާރުގެ ނ.ކުޑަފަރީއާ) އަޅުން ރުހެއެވެ. ނަސީމާ މުޙައްމަދު (2010) އިތުރަށް ބަޔާންކުރައްވާ ގޮތުގައި "މިއަދު ކުޑަފަރީގައި ދިރިއުޅޭ މީހުންނަކީ ހަދި ޙަސަން ރަސްގެފާނުގެ 70 އަޅުންނާއި އަދި އެދުވަސްވަރު މާލޭގައި ތިބި އެނޫން އަޅުންގެ ދަރިކޮޅެވެ"(ޞ. 75). މިހާދިސާގެ ސަބަބުން، މާލޭގައި އޭރު އުފެދިފައި އޮތް އަޅުންނާއި ދިވެހިންގެ ދެކޮޅުވެރިކަމަށް ނިމުމެއް އައިސްފައިވާނޭކަމަށް ޤަބޫލުކުރެވެއެވެ.
2.5- ރަސްކަން ނިމުން
އައްސުލްޠާން މުޙައްމަދު ސިރީބަވަނަ އަބާރަނަ މަހާރަދުންގެ ރަސްކަން ނިމުނުކަމަށް ނަސީމާ މުޙައްމަދު (2010) ބަޔާންކުރައްވާފައިވަނީ ހިޖުރައި 875ގައި ކަމަށެވެ. ބެލެވޭގޮތުގައި، މިރަދުންގެ ރަސްކަން ނިމުމަކަށް އައީ ރަދުން އަވަހާރަވުމާއިވިދިގެންނެވެ. މުޙައްމަދު އަމީން (1949) އާއި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު (1990) ހާމަކުރައްވަނީ ރަދުން އަވަހާރަވީ ހިޖުރައިން 885ވަނަ އަހަރުގައެވެ. ކޮންމެއަކަސް، އައްސުލްޠާން މުޙައްމަދު ސިރީބަވަނަ އަބާރަނަ މަހާރަދުންގެ ރަސްކަން ނިމުނުކަމަށް ނަސީމާ މުޙައްމަދު (2010) ބަޔާންކުރައްވާފައިވާ ތާރީޚާއި، މިރަދުން އަވަހާރަވިކަމަށް މުޙައްމަދު އަމީން (1949) އަދި ދިވެހިބަހާތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު (1990) ބަޔާންކޮށްފައިވާ ތާރީޚްގެ މެދުގައި 10 އަހަރުގެ ތަފާތު ހުރިކަން ފާހަގަކުރަމެވެ.



kobaitha dhen huri baitha. ehbai liyefa ehaa gina dh...
އަނާއަށް ހާޓް އެޓޭކެއްޖެހި މަރުނުވިކަން ރަގަޅެއްނު
ވީއެއް ނުވީއެއް ނޭގުނު ހީވީ އަދި އެއްބައި އޮންނާނެހެން
maavah - komme meehaku komme ehche k keeas maavah ae...
varah reethi thankolheh dhwwwww