
ހ. ތަޢާރަފު
ދިވެހިންނަކީ، ޤަދީމީ ޒަމާނުއްސުރެ، އަމިއްލަވަންތަ ރަސްކަމެއްގެ ހިމާޔަތުގެ ދަށުގައި، ފުދިގެންތިބިބައެކެވެ. އަމިއްލަވަންތަ ރަސްކަމެއް ޒަމާނުއްސުރެން ދެމިގެން އައި ކަމުގެ އެންމެ ބޮޑު ހެއްކަކީ، މީލާދީން 362ގައި އެމްޕެރަރ ޖޫލިއަންގެ އަރިއަހަށް ވެދުން ހިފައިގެން، ދިވެހި ވަފުދެއް ދިޔަދިއުމެވެ. މިކަމަކީ، ޤަދީމީ ޒަމާނުގައިވެސް ރާއްޖޭގައި ފުރިހަމަ ރަސްކަމެއް އޮތްކަމުގެ އިތުބާރުހުރި ހެއްކެކެވެ. ކޮންމެއަކަސް، 2500އަށް ވުރެ ގިނަ އަހަރު، މީހުންއުޅުނުކަމަށް ބެލެވޭ މި، ދިވެހިރާއްޖޭގައި މަދުވެގެން 1300 އަހަރު ރަސްރަސްކަލުންނާއި ރަނީން ދިވެހި ތަޚްތު ރެދަލިކުރައްވާފައިކަން ފަހުގެ ހޯދުންތަކުން ސާބިތުވެއެވެ. ރާއްޖެ އިސްލާމްވި ހިސާބުން ބަލާކަމަށްވާނަމަ، ރާއްޖޭގެ ތަޚްތު ރެދަލިކުރެއްވިކަން އެނގެން އޮތީ 7 ދަރިކޮޅަކުން ވަޑައިގެންނެވި ރަސްރަސްކަލުންނާއި ރަނީންނެވެ. އެއީ، ތީމުގޭދަރިކޮޅާއި، ޢުމަރުވީރުދަރިކޮޅާއި، ހިލާލީދަރިކޮޅާއި، އުތީމުދަރިކޮޅާއި، އިސްދޫދަރިކޮޅާއި، ދިޔަމިގިލީ ދަރިކޮޅާއި، އަދި ހުރާދަރިކޮޅެކެވެ. މި ދިރާސީކަރުދާހުގައި ހިމަނާފައިވާނީ، އުމަރުވީރު ދަރިކޮޅުންވަޑައިގަތް 2ވަނަ ރަސްކަލުން، އައްސުލްޠާން އަޙުމަދު ޝިހާބުއްދީނާއި، ހިލާލީދަރިކޮޅުން ވަޑައިގަތް 9ވަނަ ރަސްކަލުން، އައްސުލްޠާން މުޙައްމަދުލް ޙިލާލީއާއި، އުތީމުދަރިކޮޅުން ވަޑައިގަތް 2ވަނަ ރަސްކަލުން އައްސުލްޠާން އިބްރާހީމް ކަލާފާނާއި، އިސްދޫދަރިކޮޅުން ވަޑައިގަތް 2ވަނަ ރަސްކަލުން އައްސުލްޠާން ޙަސަން (ދިހަވަނަ) އެވެ. މިބޭބޭފުޅުންގެ ނަޞަބުފުޅާއި، ރަސްކަމަށް އިސްވެވަޑައިގެންނެވިގޮތާއި، ރަސްކަމާއި ރަސްކަމުގައި ހިނގައިދިޔަ ހާދިސާތަކާއި، ފާހަގަކޮށްލެވޭ ޚިދުމަތްތަކާއި، ރަސްކަމުގެ ނިމުން އައިގޮތް މަޢުލޫމާތުލިބެންހުރި މިންވަރަކުން ހުށަހަޅާދީފައިވާނެއެވެ.
1-އައްސުލްޠާން އަޙްމަދު ޝިހާބުއްދީން ސިރީ ލޯކަ އާދިއްތަ މަހާރަދުން
1.1- ޢާއިލާ (ދަރިފަސްކޮޅު)
އައްސުލްޠާން އަޙުމަދު ޝިހާބުއްދީން ސިރީ ލޯކަ އާދީއްތަ މަހާރަދުންނަކީ، އައްސުލްޠާން ޢުމަރުވީރު ޖަލާލުއްދީންގެ ދަރިކަލުންނެވެ(ދިވެހިބަހާއިތާރީޚަށް ޚިދްމަތްކުރާޤައުމީމަރުކަޒު، 1990، ޞ.140). (ޗާޓް 1 ބައްލަވާ). މަންމާފުޅަކީ ކޮން ބޭކަނބަލެއްކަމެއް ތާރީޚުން އަދި އޮޅުންފިލާކަށްނެތެވެ. އަޙުމަދު ޝިހާބުއްދީނަކީ ސުލްޠާން ޖަލާލުއްދީން އުމަރުވީރަށް ލިބުނު ހަމައެކަނި ފިރިހެން ދަރިފުޅުމެއެވެ. ޝިހާބުއްދީންގެ އިތުރުން، ސުލްޠާން ޖަލާލުއްދީން އުމަރުވީރަށް ލިބިވަޑައިގެންނެވި ކަމަށް އޮޅުންފިލަނީ 3 (ތިން) އަންހެން ދަރިކަނބަލުންނެވެ. އެއީ، ސުލްޠާން ރެހެންދި ޚަދީޖާއާއި، ސުލްޠާން ފާޠިމަތު ރާދަފަތި ކަނބައިދިލިލެގެއާއި، މަރިޔަމް ކަނބާ އެވެ. އެޗް.ސީޕީ.ބެލްގެ ޗާޓުގައި ކުރައްސަވާފައިވާ ގޮތުން ސުލްޠާން ރެހެންދި ޚަދީޖާއާ ސުލްޠާން އަހުމަދު ޝިހާބުއްދީންއަކީ އެއް ބަނޑު ދެބޭފުޅުންނެވެ. އެހެންނަމަވެސް، ނަސީމާ މުޙައްމަދު (2010) ލިޔުއްވާފައިވާގޮތުގައި "ރެހެންދި ޚަދީޖާއާއި އަޙުމަދު ޝިހާބުއްދީނަކީ ދެ ބަނޑުފުޅުގެ ދެބޭފުޅުންނެވެ."(ޞ. 41). ނަސީމާ މުޙައްމަދަށް ތާއީދުކުރައްވައި މުޙައްމަދު ޢިބުރާހިމް ލުޠުފީ (1991) ލިޔުއްވާފައިވާގޮތުގައި އައްސުލްޠާން ޖަލާލުއްދީން ޢުމަރުވީރު، އެންމެ މަދުވެގެން ތިން ބޭފުޅުންނާ ކާވަނި ބައްލަވައިގަތްކަމަށާއި، ފުރަތަމަ ބަނޑުފުޅުން ލިބިވަޑައިގަތީ ރެހެންދިޚަދީޖާކަމަށާއި، ދެވަނަ ބަނޑުފުޅުން އައް ސުލްޠާން ޝިހާބުއްދީން ލިބިވަޑައިގަތްކަމަށެވެ(ޞ. 148). ސުލްޠާން އަޙުމަދު ޝިހާބުއްދީންއަކީ އުމަރުވީރު ދަރިކޮޅުގެ ދެވަނަ ރަސްކަލުންނެވެ. ރަދުންގެ ކޮލީ ނަންފަޅު "ލޯކަ އަބާރުނަ" ،މިފަދައިން ރާދަވަޅީގައި ލިޔުއްވާފައިވާކަމަށް ނަސީމާ މުޙައްމަދު (2010) ހާމަކުރައްވާފައިވެއެވެ.
1.2- އަނބިއަނބިކަނބަލުންނާއި ބޭފުޅުން.
ނަސީމާ މުޙައްމަދު (2010) ހާމަކުރައްވާގޮތުގައި ޝިހާބުއްދީން ކައިވެނިފުޅުކުރެއްވި ބޭފުޅުންނެއް މާރަނގަޅަކަށް އެނގޭކަށްނެތެވެ. އެހެންނަމަވެސް އިބުނި ބަޠޫޠާއަށް ޙަވާލާދެއްވައި ނަސީމާ މުޙައްމަދު (2010) ލިޔުއްވާފައިވަނީ ރެހެންދި ޚަދީޖާގެ ފިރިކަލުން އަލްވަޒީރު މުޙައްމަދު ޖަމީލްގެ ވަރަށް ޒުވާން ދަރިކަނބަލަކާ ޝިހާބުއްދީން ރަދުން ކައިވެނިފުޅު ކުރެއްވި ކަމަށާއި، މިކަމަނާއަށް ބޭފުޅަކު ލިބިވަޑައެއް ނުގަންނަވާކަމަށެވެ. މިނޫން އެހެން ބޭފުޅަކާ ކައިވެނިފުޅުކުރެއްވިކަމެއް އަދި ދަރިކަލެއް ނުވަތަ ދަރިކަނބަލެއް ލިބިވަޑައިގެންނެވިކަމެއް ވެސް ތާރީޚުން އަދި އޮޅުންފިލާކަށް ނެތެވެ.
1.3- ރަސްކަމަށް އިސްވެވަޑައިގަތުން.
އައްސުލްޠާން އަޙުމަދު ޝިހާބުއްދީން ދިވެހިރާއްޖޭގެ ރަސްކަމަށް އިސްކުރެވުނީ، އުތުރު އަރުމާޒުގައި ކުރެއްވި ދަތުރުފުޅުގައި، އެމަނިކުފާނުގެ ބައްޕާފުޅު، އައްސުލްޠާން ޖަލާލުއްދީން އުމަރުވީރު އަވަހާރަވުމާ ވިދިގެންނެވެ. ޝިހާބުއްދީންރަދުން ރަސްކަމަށް އިސްވެވަޑައިގެންނެވި ތާރީޚާމެދު ތާރީޚުދިރާސާކުރައްވާ އެކި ބޭބޭފުޅުންގެ މެދުގައި ޚިލާފުހުރިކަން ފާހަގަކުރަމެވެ. އެގޮތުން، ޙަސަންތާޖުއްދީންގެ ތާރީޚްފޮތުގައި ލިޔުއްވާފައިވާކަމަށް މުޙައްމަދު އަމީން (1949) ބަޔާންކުރައްވާފައިވަނީ ޝިހާބުއްދީން ރަދުން ރަސްކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 741ވަނަ އަހަރުއެވެ. އެހެންނަމަވެސް، މުޙައްމަދު އަމީން އެތާރީޚް ދޮގުކުރެއެވެ. މުޙައްމަދު އަމީން (1949) ހާމަކުރައްވާފައިވަނީ "ދިވެހިރާއްޖޭގައި ލިޔެވިފައިވާ ލޯމާފާނުތަކުގެ ތެރެއިން އެންމެ މުޢުތަބަރު ލޯމާފާނު[1]، ޙަސަން ތާޖުއްދީންގެ ބަހާއި ޚިލާފެވެ"(ޞ. 57). ހަމައެހެންމެ، ހުކުރުމިސްކިތުގައި ސުލްޠާން އަޙުމަދު ޝިހާބުއްދީން ބެހެއްޓެވިފިލައާއި، އިބުނި ބަޠޫޠާގެ ލިޔުމުން ހެކިލިބޭގޮތުގައި އައްސުލްޠާން އަޙުމަދު ޝިހާބުއްދީން ރަސްކަމަށް އިސްވެވަޑައިގެންނެވިކަމަށް ބުރަވެވެނީ ހިޖުރައިން 735ވަނަ އަހަރުއެވެ. މީލާދީން އެއީ 1335ވަނަ އަހަރެވެ(މުޙައްމަދު އަމީން، 1949، ޞ. 57). އެހެންނަމަވެސް، ޙަސަން ތާޖުއްދީނަށް ތާޢީދުކުރައްވައި ދިވެހި ބަހާތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު (1990) އާއި، އެޗް.ސީ.ޕީ. ބެލް (1940) ހާމަކުރައްވަނީ، ޝިހާބުއްދީން ރަދުންނަށް ރަސްކަންލިބިވަޑައިގެންނެވީ ހިޖުރައިން 741ވަނަ އަހަރުގައިކަމަށެވެ. ކަންމިހެންހުރިހިރު، ޝިހާބުއްދީން ރަދުން ރަސްކަމަށް އިސްވެވަޑައިގެންނެވިކަމަށް ނަސީމާ މުޙައްދު (2010) ހާމަކުރައްވާފައިވަނީ ހިޖުރައިން 742ވަނަ އަހަރުގައިކަމަށެވެ. މިއީ އިސްވެދިޔަ ތާރީޚްތަކާ ތަފާތު ތާރީޚެކެވެ. އެހެންކަމުން، ކުރިންވެސް ދެންނެވުނު ފަދައިން ޝިހާބުއްދީން ރަދުން ރަސްކަމަށް އިސްވެވަޑައިގެންނެވި ތާރީޚާމެދު، ތަފާތު ބޭބޭފުޅުންގެ މެދުގައި ޚިލާފުއެބަހުއްޓެވެ. ކޮންމެއަކަސް، ޝިހާބުއްދީން ރަދުން ރަސްކަމަށް އިސްކުރެވުނުއިރު، އެމަނިކުފާނަކީ ތަޞައްރަފު ނުފުދޭ ތުއްޕުޅު ބޭފުޅެއްކަމަށް މުޙައްމަދު އަމީން (1949) އާއި ނަސީމާ މުޙައްމަދު (2010) އާއި ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރުކަޒު (1990) ލިޔުއްވާފައިވެއެވެ. މިރަސްގެފާނަކީ ރާއްޖެ އިސްލާމްވުމަށްފަހު ރާއްޖޭގެ ތަޚްތަށް އިސްކުރެވުނު 18ވަނަ ރަސްގެފާނެވެ.
1.4- ރަސްކަން
އައްސުލްޠާން އަޙުމަދު ޝިހާބުއްދީން ރަސްކަމަށް އިސްކުރިއިރު ވަރަށް ތުއްޕުޅެވެ. މިހެންކަމުން ރަސްކަމުގެ ކަންތައްތައް ހިންގަވަމުން ގެންދެވީ މިރަސްގެފާނުގެ މަންމާފުޅާ ކައިވެނި ބައްލަވައިގެން ހުންނެވި އަލްވަޒީރު ޢަބުދުﷲ އޭ ކިޔޭ ބޭކަލަކުމަށް ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީމަރުކަޒު (1990) ބަޔާންކުރައްވައެވެ. މި ބަޔާނުން ދޭހަކުރަންފަސޭހައީ ރަސްކަމުގެ ކަންތައްތައް ހިންގެވުންއެއީ އަލްވަޒީރު ޢަބުދުﷲގެ ހެޔޮފުޅުކަމުން ރަސްގެފާނަށް ކޮށްދެއްވިކަމެއްގެ ގޮތުގައެވެ. އެހެންނަމަވެސް، ޢިބުނިބަޠޫތާއަށް ޙަވާލާދެއްވައި ނަސީމާ މުޙައްމަދު (2010) ހާމަކުރައްވާ ގޮތުގައި ޝިހާބުއްދީން ރަދުންނަށް ރަސްކަން ލިބުނީ ތުއްޕުޅު ދުވަސްވަރުގައިކަމުން، ދޮން ބައްޕަ ޢަބުދުﷲ މުޙައްމަދު އަލްޙަޟްރަމީ، ޝިހާބުއްދީންގެ މައްޗަށް ވެރިވެ ވަޑައިގެން ރަސްކަމުގެ ކަންތައްތައް ހިންގަވަން ފެއްޓެވިކަމަށެވެ. ޢަބުދުﷲ މުޙައްމަދު އަލްޙަޟްރަމީއަކީ، ޝިހާބުއްދީންގެ ބައްޕަގެ ރަސްކަމުގައި ވަޒީރެކެވެ. ޝިޙާބުއްދީންގެ ބައްޕަ އަވަހާރަވުމުން، އެ ރަދުންގެ ހުވަފަތް އަނބިކަނބަލުންނާ ކައިވެނި ބައްލަވައިގަތީއެވެ.
ކޮންމެއަކަސް، ޝިހާބުއްދީން ރަދުން ތަޞައްރަފު ފުދުމާއިއެކީ، ދޮންބައްޕާފުޅު އަލްވަޒީރު ޢަބުދުﷲގެ އަތްޕުޅުން ރަސްކަން އަތުލައްވައި ހުވަދު އަތޮޅަށް އަރުވައިލެއްވިކަމަށް ނަސީމާ މުޙައްމަދު (2010) އާއި ދިވެހިބަހާތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (1990) ލިޔުއްވާފައިވެއެވެ. ދޮންބައްޕާފުޅަށް އޮތް ވަޒީރުކަން ދެއްވިކަމަށް މުޙައްމަދު އިބުރާހިމް ލުޠުފީ (1991) އެއްބަސްވެލައްވަނީ 'ޢަލީ ކަލޯ' ނަމަކަށް ކިޔުނު، އެ ރަދުން މިނިވަންކުރެއްވި އަޅަކަށެވެ. މީގެ ފަހުން މީނާއަށް ކިލަގެކަން ދެއްވިކަމަށްވެސް ވެއެވެ. އެހެންނަމަވެސް، ތިން އަހަރު ފަހުން، ޢަލީކިލަގެ ވެސް ހުވަދު އަތޮޅު ތިނަދުއަށް އަރުވައިލެއްވި ކަމަށް މުޙައްމަދު އިބުރާހިމް ލުޠުފީ (1991) ހާމަކުރައްވާފައިވެއެވެ.
1.5- ފާހަގަކޮށްލެވޭ ޚިދުމަތްތައް
އަޙުމަދު ޝިހާބުއްދީން ދިވެހި ރާއްޖެއަށް ކޮށްދެއްވި ޚާއްޞަ ޚިދުމަތެއް ކަމުގައި ފާހަގަކޮށްލެވެނީ، ހުކުރު މިސްކިތް ބައުވެފައިވުމާއެކު، އެމިސްކިތް އެއަށްވުރެ ރަނގަޅަށް އަލުން ޢިމާރާތް ކުރެއްވުމެވެ. އެއީ މީލާދުން 1153ގައި ރާއްޖެ އިސްލާމްވުމަށްފަހު މުޙައްމަދު ޢިބްން ޢަބުދުﷲ މާލޭގައި ބިނާކުރެއްވި ހުކުރުމިސްކިތެވެ. ހުކުރު މިސްކިތް އަލުން ޢިމާރާތްކުރެވުނު އިރު، ދިވެހިރާއްޖެ އިސްލާމްވުމާއި، އިސްލާންކުރެއްވި ބޭފުޅަކާއި، މިވާހަކަތައް އެނގޭނޭހެން ފިލައެއްގައި ލިޔުއްވައިފައި ހުކުރު މިސްކިތުގައި ބެހެއްޓެވި ކަމަށް ނަސީމާ މުޙައްމަދު (2010) ބަޔާންކުރައްވާފައިވެއެވެ. މިސްކިތް ދެވަނަ ފަހަރަށް އެޅުއްވުމަށް ޝިހާބުއްދީން ރަދުން ޙަވާލުކުރެއްވީ، އެރަދުންގެ ވަޒީރު ޢަލީ ބިން އަބިލް ފަތުޙުއްސަލާޙީ އާ ކަމަށްވެސް މި ފިލާގައި ލިޔެފައިވާކަމަށާއި، މިސްކިތް އަލުން ބިނާކުރައްވައި ނިންމެވީ، ހިޖުރައިން 738ވަނަ އަހަރު ޛުލްޙިއްޖާ މަހުގައި (ޖޫން 1338) ކަމަށްވެސް މި ފިލާގައި ލިޔުއްވާފައިވެއެވެ. އެއީ، ޝިހާބުއްދީން ރަދުންގެ ރަސްކަމުގެ 3ވަނަ އަހަރެވެ. މިފިލައާބެހޭގޮތުން މުޙައްމަދު އަމީން (1949) ލިޔުއްވާފައިވަނީ "އާދެ! މި މުހިންމު ފިލާ ބެހެއްޓެވުމަކީ ދިވެހިރާއްޖޭގެ ތާރީޚަށް މިރަދުން ކޮށްދެއްވި ވަރަށް ވެސް އަގުހުރި ޚިދުމަތެކެވެ"
1.6- ރަސްކަމުން އަޒުލުކޮށް އަރުވައިލެއްވުމާއި އަވަހާރަވުން.
ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރުކަޒު (1990) ބަޔާންކުރައްވާ ގޮތުގައި "ޝިހާބުއްދީން ރަދުންނަކީ އަޚްލާޤީގޮތުން ބަލާއިރު ވަރަށް ދަށުދަރަޖައިގެ ބޭފުޅެކެވެ"(ޞ. 140). ޝިހާބުއްދީންގެ ރަސްކަމުގައި އާދަވެ ރޭގަނޑުގެ ވަގުތުތަކުގައި، ސަރުކާރުގެ ކުރިއަށް ތިބި މީހުންގެ އަނބިންނާއި، އާދައިގެ ދޯދިޔާ އަންހެނުންނާއެކު ގާތް ގުޅުންތައް ހިންގަވާ އުޅުއްވި ކަމަށް މީހުން ބުނެއުޅޭކަމަށް ގްރޭ (1882) އަށް ޙަވާލާދެއްވައި ނަސީމާ މުޙައްމަދު (2010) ލިޔުއްވާފައިވެއެވެ. މުޙައްމަދު ޢިބުރާހިމް ލުޠުފީ (1991) ހާމަކުރައްވާގޮތުގައިވެސް ޝިހާބުއްދީނާމެދު ވާހަކަދެކެވޭ ގޮތުގައި އެމަނިކުފާނު ދައުލަތުގެ ބޮޑުންނާއި އެމަނިކުފާނުގެ ގާތް ރަޙުމަތްތެރިންގެ އަނބީންގެ ގާތަށް ރޭގަނޑު ހިންގަވާތީ އެކަމާހުރެ ރަށުގެ ބޮޑުން އެމަނިކުފާނު ރަސްކަމުން ދުރުކޮށް ހައްދުންމައްޗަށް އަރުވާލީއެވެ.
ކޮންމެއަކަސް، ޝިހާބުއްދީން ރަދުން ރަސްކަމުން ޢަޒުލްކޮށް، ހައްދުންމައްޗަށް އަރުވައިލެވުނީ ރަސްކަމުގެ ބޮޑުން އެ ރަދުންގެ ދޯދިޔާ އަޚްލާޤާ ނުރުހިލައްވައިގެން ކަމަށް ބެލެވެއެވެ. އަދި އެރަދުން ޤަތުލުކޮށްލީ ވެސް ހަމަ އެ ބޮޑުން، މާލެއިން މީހަކު ފޮނުވައިގެންކަމަށް، އިބުނި ބަޠޫތާއަށް ޙަވާލާދެއްވައި ނަސީމާ މުޙައްމަދު (2010) ހާމަކުރައްވާފައިވެއެވެ. އިބުނު ބަޠޫޠާ ވިދާޅުވެފައިވާކަމަށް މުޙައްމަދު އިބުރާހިމް ލުޠުފީ (1991) ހާމަކުރައްވަނީ "...އިހަށް ދުވަހު ތިޔަބޭކަލުން އައްސުލްޠާން ޝިހާބުއްދީން ރަސްކަމުން ދުރުކޮށް އެރަދުން ޤަތުލުކުރީ އެރަދުންގެ އަޅެއްގެ ގެއަށް ވަދެވަޑައިގަތީމާ ނޫން ހެއްޔެވެ؟"(ޞ. 94). މި ބުނުމުގައި 'ތިޔަބޭކަލުން' ކަމަށް އިޝާރާތްކުރަނީ އިބުނު ބަޠޫޠާ ރާއްޖެވަޑައިގެން ހުންނެވި ދުވަސްވަރު ވަޒީރުކަމުގައި ހުންނެވި ޖަމާލުއްދީން (ރެހެންދި ޚަދީޖާގެ ފިރިކަލުން) އާއި ރަސްކަމުގެ ބައިވެރިންނަށް ކަމަށްބެލެވެއެވެ. ބައެއް މުއައްރިޚުން ލިޔުއްވާފައިވާ ގޮތުގައި ޝިހާބުއްދީން އަވަހާރަކޮށްލުމުގެ ހަރަކާތުގައި، ޝިހާބުއްދީނުގެ ދައިތާފުޅު ރެހެންދި ޚަދީޖާގެ އަތްޕުޅެއް ވާ ކަމަށްވެސްވެއެވެ. އެހެންކަމުން، މީލާދުން 1347ގައި ޝިހާބުއްދީން ރަދުން އަހަވާރަކޮށްލީ، އެއިރުގެ ރަސްކަމުގެ ފަރާތުން ކަމަށް ބެލެވެއެވެ.
1.7- ފަސްދާނު ވެޑުވިފައިވާ ތަން
މުޙައްމަދު އިބްރާހިމް ލުޠުފީއަށް ޙަވާލާދެއްވައި ނަސީމާ މުޙައްމަދު (2010) ލިޔުއްވާފައިގޮތުގައި ޝިހާބުއްދީން ފަސްދާނުލެވިފައިވަނީ ހައްދުންމަތީ ބަރެސްދޫގައި ކަމަށާއި، އަދި ހުޅިމެންދޫގައި (މެންދޫގައި) ކަމަށް ވެސް ބުނެވެއެވެ. ނަސީމާ އިތުރަށް ހާމަކުރައްވާގޮތުގައި އެ ދެރަށަކީވެސް މިހާރު ފަޅުރަށެވެ. ހަޤީޤަތުގައި މެންދޫ އާއި ހުޅިމެންދޫ އަކީވެސް ވަކި ދެރަށެކެވެ. އެހެންނަމަވެސް، ނަސީމާގެ ބަޔާނުގައި، ހުޅިމެންދޫގައި މިހެން ލިޔެފައި، ބްރެކްޓްގައި މެންދޫގައި، މިހެން ލިޔެފައިވުމުން އެއިޝާރާތް ކުރައްވަނީ ކޮންރަށަކަށް ކަމާމެދު ސުވާލުއުފެދެއެވެ. ނަސީމާ މުޙައްމަދު (2010) އިތުރަށް ހާމަކުރައްވާގޮތުގައި މެންދޫގައި ހުރި ކުރީގެ ހުކުރު މިސްކިތް ކައިރީގައި ހުންނަ ދެ މަހާނަގަލަކީ ޝިހާބުއްދީންގެ މަހާނަފުޅުގެ ދެ ގައުކަމަށްވެސް އަދި އެއީ "ބޮޑު ކާންޒީ"ގެ މަހާނަގައު ކަމަށްވެސް ބުނެވެއެވެ. ލުޠުފީ (1991) ހާމަކުރައްވާފައިވާ ގޮތުގައި ބޮޑު ކާންޒީގެ ތާރީޚް އެނގޭކަށްނެތެވެ. އެހެންކަމުން، ޝިހާބުއްދީން ރަދުން ފަސްދާނުވެޑުވިފައިވާތަނެއް ޔަޤީންކޮށް އަދި ހޯދިފައެއްނުވެއެވެ.
- ނުނިމޭ -



ވަރަށް ފުރިހަމަ މައުލޫމާތުން ފުރިގެންވާ ދިރާސާއެއް، ހަމަ އެއާއިއެކު މޫސާ ޝަރީފުގެ ލިއުއްވުމެއް ސައިޓުން ފެނުނީތީ ވަރަށް އުފާވެއްޖެ، ހިތަށް އަރާ ރަށުގެ ބޮޑެތި ޢާއިލާތަށް ނުވަތަ ދަރިކޮޅުތަކާ ބެހޭ މަޢުލޫމާތުތަކެއް އެއްކޮށްލުން ކިހިނެއްވާނެ ބާއޭ؟ ހަމަ އެއާއި އެކު ރަށުގައިކަތީބުކަން ކޮށްފައި ތިބި މީހުންގެ ދަރިފަސްކޮޅާއި މަސައްކަތްތައް ތާރީޚަށްޓަކައި ރައްކާކުރެވޭނޭ ގޮތަށް އެކުލަވާނުލެވޭނެބާއޭ؟ ކޮން މެވެސް ބަޔަކު އިސްނަގައިގެން މިފަދަ ކަމެއްކުރުން ރަނގަޅުކަމުގައި ފެނޭ! ދެވަނަ ބަޔަށް އެބަ އިންތިޒާރުކުރަންް.
ޝުކުރިއްޔާ "އާދަމުގެ ދަރި".
ފާޅުކުރެއްވި ޚިޔާލަކީ ވަރަށް ރަނގަޅު ޚިޔާލެއް. ރަށުގެ ތާރީޚާބެހޭގޮތުން ދިރާސާއެއް ހެދިފައި އޮތުމަކީ، މުޅި ދިވެހިތާރީޚަށްވެސް އެއިން ފައިދާ ކުރާނެކަމެއް.