maavahinfo

Saturday, May 19th

Last update10:58:41 PM GMT

:: ބަރަކާތްތެރި ދުވަސްތަކެއް ފެށިއްޖެ

ބަރަކާތްތެރި ދުވަސްތަކެއް ފެށިއްޖެ

E-mail Print PDF

އަޅުގަނޑުމެންނާއި މިއަދު މިބައްދަލުކުރީ މަތިވެރިވެގެންވާ ބަރަކާތްތެރި ދިހަދުވަހުގެ ފުރަތަމަ ދުވަހެވެ. އެއީ ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަހެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘުން ޘާބިތުވާ ގޮތުގައި ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެ މިދުވަސްތަކުގެ ހެޔޮޢަމަލުތަކުގެ ޘަވާބާއި ދަރުމަ އިތުރުވެގެން ވެއެވެ.  އެއީ ނަފުސާއި މުދަލުން ޖިހާދުކުރުމަށްނުކުމެ، އެނބުރިނާންނަމީހާފިޔަވައެވެ.

 


ﷲގެ ހެޔޮރަޙުމަތްފުޅުން މިމަތިވެރި ދުވަސްތައް މިވަނީ އަޅުގަނޑުމެންނަށް މިންވަރުކުރައްވާފައެވެ. ވީމާ އަޅުގަނޑުމެންގެ މައްޗަށް އޮތީ މިދުވަސްތަކުގެ ފައިދާ ހެޔޮގޮތުގައި ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. ޙަޔާތުގެ ނިމުން އަންނާނީ ކޮންވަގުތެއްގައިކަން އެއްވެސް މީހަކަށް ނޭނގޭ އިރު ލިބުނު މިރަނުގެ ފުރުޞަތުގެއްލުވާނުލައި އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމެވެ.


ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ މާތްކަން ޙާޞިލުކުރުމަށްޓަކައި، ސުންނަތް ރޯދަ ހިފުން ގިނަކުރުމާއި، ތަޙުލީލު ތަކުބީރުކިޔުން އިތުރުކޮށް، ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވި ނިޢުމަތްތައް ހަނދާންކޮށް ޝުކުރުވެރިވުން ގިނަކުރުމާއި، ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުން ހިމެނެއެވެ. މީގެ އިތުރުންވެސް ސުންނަތް ނަމާދުތަކަށް ފަރުވާތެރިވުމާއި ޤުރުއާން ކިޔެވުން އިތުރުކުރުމާއި ވީވަރަކުން ޞަދަޤާތްދީ އުޅުމަކީ މިދުވަސްތަކުގައި ކުރެވިދާނެ ކަންތައްތަކެވެ.


ޙައްޖުމަހުގެ ދިހަދުވަހުގެ ތެރެއިން އެންމެ މާތްދުވަހަކީ ޙައްޖުމަހުގެ ނުވަވަނަ ދުވަސްކަމުގައިވާ ޢަރަފާތުދުވަހެވެ. އެދުވަހަކީ އެތަކެއްބައެއްގެ ފާފަތައް ފުއްސަވައި ނަރަކައިން ސަލާމަތް ކުރައްވާނޭ ދުވަހެއްމެއެވެ. ވީމާ ޙައްޖުގެ އަޅުކަމުގައި ބައިވެރިނުވެވުނަސް، އެދުވަހުގެ ނަސީބު ލިބުން އެދި މަސައްކަތްކުރުން ހުއްޓެވެ. އެގޮތުން ޚާއްޞަގޮތެއްގައި ޢަރަފާތުދުވަހު ރޯދަހިފައި، ފާފަފުއްސެވުން އެދި ﷲގެ ޙަޟުރަތުގައި ގިނަގިނައިން ދަންނަވައި އުޅުން އެދެވިގެން ވެއެވެ.


އެއަށްފަހުން އަންނަނީ ބަރަކާތްތެރި އަޟްޙާ ޢީދު ދުވަހެވެ. އަޟްޙާޢީދުދުުވަހަކީ މުސްލިމުންގެ މައްޗަށް އަންނަ އެންމެ އުފާވެރި ޢީދުދުވަހެވެ. އެދުވަހުގެ އެންމެ މަތިވެރި ޢަމަލަކީ ﷲއަށް ޓަކައި ކުރެވޭ ޤުރުބާނީއެވެ. އެއީ އުޟުޙިޔާއެވެ. ޢީދުދުވަހުގައި އެކަކު އަނެކަކަށް ތަހުނިޔާކިޔައި ހަދިޔާ ބަދަލުކޮށް އެކުވެރިކަމުގެ ގުޅުންތައް ގުޅުވައިއުޅުން އިތުރުވެގެން ވެއެވެ. އަޅުގަނޑުގެ ދުޢާއަކީ މިފެށުނު ޙައްޖުމަހުގެ ދުވަސްތަކުގެ ހެޔޮދަރުމައާއި ޘަވާބު އަޅުގަނޑުމެންނަށް މިންވަރުކުރެއްވުމެވެ. ޙައްޖުގެ މަތިވެރި އަޅުކަމުގައި ތިއްބެވި މުސްލިމުންނާއި އެއަޅުކަމުގައި ބައިވެރި ނުވެވުނު އެންމެހާ މުސްލިމުންގެ ފާފަތައް ފުއްސެވުމެވެ.