
ނޯޓް: މިއީ 1993މގައި ފަތްތޫރައިގައި ޝާއިޢުކޮށްފައިވާ މަޒުމޫނެކެވެ. މަޒުމޫނު ލިއުއްވާފައިވަނީ ޢުމަރުޢީސާއެވެ. ޢުމަރު ޢީސާ އަކީ ލާމުއަތޮޅުގެ ގިނަބައެއްގެ އެދުރެއްވެސް މެއެވެ. މިޒަމާނަށްވެސް މިމަޢުލޫމާތުގެ މުހިންމުކަން ބޮޑުކަމުން މިމަޒުމޫނު ހުށައަޅާލާހިތްވީއެވެ. ބުރެކެޓުގެ ތެރޭގައި އެވަނީ ތަފުޞީލުކޮށްދިނުމަށް އަޅުގަނޑު އިތުރުކޮށްފައިވާ ތަންތަންކޮޅެވެ. - އާދަމުގެ ދަރި -
އިއްފަތުގެ މާނައަކީ ހަޑިހުތުރުކަންތަކުން ވަކިވުމެވެ. ޞިއްޙަތުގެ މާނައަކީ ހަށިގަނޑާއި ފުރާނައާއި ބުއްދި، އެންމެހައި ބަލިތަކުން ސަލާމަތްވެ ހުރުމެވެ. އަޅުގަނޑު މިމަޤާލާގައި (މަޒުމޫނުގައި) ޢިއްފަތްތެރިކަމާމެދު ދީނީރޮނގުން ބަޔާނެއް ދޫކުރާކަށް ޤަޞްދެއް ނުކުރަމެވެ. އެރޮނގުން އެއްޗެއް ދަންނަވަނީނަމަ ދަންނަވައިލާނީ މުއުމިނޫން ސޫރަތުގެ 4، 5، 6 މިތިން އާޔަތުންވެސް ޢިއްފަތްތެރިކަމުގެ އަހަންމިއްޔަތުކަން ޞަރީޙަކޮށް ދައްކައިދޭ ވާހަކައެވެ. އެތިން އާޔަތާމެދުގައި ނިކަން ތަފުޞީލުކޮށް ކޮންމެވެސް ބޭކަލަކުގެ ގަލަމުން ބަޙުޘެއް ނެރުއްވުން އެދެކެވެ.
އަޅުގަނޑު މިމަޤާމުގައި މިއުޅެނީ، އަޅުގަނޑަށް ފޯރިމިންވަރަކުން ހަމައެކަނި ޖިންސީރޮނގުން ޢިއްފަތާއި ޞިއްޙަތާއިމެދުގައި ހުރި ރައްޓެހިކަމާއި ތިމާގެކަން ދިވެހިޒުވާނުންގެ ތެރެއިން ނުފިލާތިބި ކޮންމެވެސް ބަޔަކަށް ބަޔާންކޮށްދެވޭތޯއެވެ.
ޒުވާނުން އަޅުގަނޑަށް މިފެންނަނީ ދެބަޔަކަށެވެ. އެއްބަޔަކީ އަދި ޒަވާޖީޙަޔާތެއް ތަޖުރިބާނުކޮށްތިބި، ނުވަތަ އެފަދަ ޙަޔާތެއް ވޭތިކޮށްފައި އެކަނިވެރި ޙަޔާތެއްގައި ހިފައިގެން ތިބި ޒުވާނުންނެވެ. އެއުރެންނާއި ނިސްބަތްކުރާއިރު ޢިއްފަތަކީ، ހަމަމުޅީން ޖިންސީއެދުމާ ބެހޭ ހުރިހައި ޙަރަކާތަކުން ވަކިވެގެން ތިބުމެވެ.
ޒުވާނުންގެ ތެރެއިން ދެންފެންނަން މިތިބީ ދެޖިންސުގެ ތެރެއިން ހޮވޭ ކޮންމެ(ވެސް) ދެޒުވާނަކު އަތުގުޅާލައިގެން ބައިވެރިޙަޔާތެއް ވޭތިކުރާ ބައެކެވެ. އެއުރެންއެތިބީ ޒައުޖިއްޔާ(ކައިވެނީ)ގެ ގޮށުން ގޮށްޖެހިފައެވެ. އެމީހުންނާ ނިސްބަތްކޮށްބަލާއިރު ޢިއްފަތުގެ މާނައަށް ދޫލިބޭތަން ފެނެއެވެ. އާދެ އެމީހުންނަށް ތަޠުބީޤުވެގެންދާއިރު ޢިއްފަތަކީ ބަލައިގެން އުޅުމެވެ. ޝަހުވާނީ ލަގަން ވީވަރަކުން އޮބެހެއްޓުމެވެ. ދެމަފިރިންގެ މުޅިލޯބި މަޙްޞޫރުވެފައިވަނީ ޖިންސީޢަމަލިއްޔާގައިކަމަށް ނުއެދުމެވެ.
ވިސްނައިލަމާތޯއެވެ؟ ހަމަ މިރާއްޖޭގައިވެސް އެކިފަހަރަށް ދިމާވެފައިވާ ގޮތްތަކުން އަތްނބަކު ފިރިއަކު ނުހިފައިތިބެނީ ކިތައް ޒުވާނުންތޯއެވެ؟ ޚާއްޞަކޮށް ތަޢުލީމުގެ މަރުޙަލާ ފާއިތުކުރަމުން މިގެންދާ ޒުވާނުންނަށް ޒަވާޖީޙަޔާތަށް ބޯމަހައިގެން އުޅޭވޭނެތޯއެވެ؟ އަތްމަތިދަތިކަމުން އަތްނބަކު ބަލައިގަންނަން ނުކެރޭ ކިތައް ޒުވާނުންނާ ދިމާވޭތޯއެވެ؟ އެކިއެކި ޡަރުފުތައް (ތަފާތުސަބަބުތައް) ނިޔާކޮށްގެން މުޅީން ދެތަންވެފައި އެކިމިނުގެ މުއްދަތަށް ތިބޭންޖެހެނީ ކިތައްޒުވާން ދެމަފިރިންނަށްތޯއެވެ؟ މިމީހުންގެ ޙާލަތުގައި، މަގެއްކަމުގައި ބޭޢިއްފަތްތެރިވެ ގަނެގެންއުޅުން ހެޔޮވެދާނޭތޯއެވެ؟ ބޭޢިއްފަތްތެރި(ކަމުގެ) މަގުމަތީގައި ޝަހަވާތުގެ ލަގަން ދޫކޮށްލައިގެން ވެދާނެތޯއެވެ؟ އެލަގަން ދޫކޮށްލީމާ، ކަމުގެ އާޚިރު ނަތީޖާއަކީ ކޮބައިބާވައެވެ؟
އޮޅުމެއްނެތެވެ. ހުރިހައި ބަޙުޘެއްގެ ނަތީޖާއެކައްޗެކެވެ. ޝަހުވާނީ އެދުންތަކުގައި ހިފެހެއްޓުމެއްނެތި ގެނބިގަނެގެން އުޅުމީ ހަށިގަނޑަށާއި ބުއްދިއާއި ނަފުސަށް ނުލާހިކު ނުރައްކާތެރިކަން ބޮޑުކަމެކެވެ. މިނަތީޖާއަކީ، ޙަޔާތުގެ މަޞްރަޙުން ހުރިހައި ޒަމާނެއްގައި ސާބިތުވެ ކަނޑައެޅިފައިވާ ނަތީޖާއެކެވެ.
ވަކިޢުމުރެއްގައި ވަކިފުރައަކަށް އަޅައިގަތީމާ އެދުމާއެކުގައި ޖައުލާކުރުމީ (އެދުންތައް ފުއްދައި އެކަމުގެ ތެރޭގައިއުޅުމީ) ޞިއްޙީގޮތުން ބޭނުންކަމެކޭ، އެދުންތައް އޮބެހެއްޓުމީ އެބުނާފުރައެއްގައި ގެއްލުންހުރިކަމެކޭ ބުނާބަޔަކު އުޅޭކަން އަޅުގަނޑު ދަންނަމެވެ. ނަމަވެސް އަޅުގަނޑުގެ ޔަޤީނަކީ، އެމީހުން އެގޮތުން ވާހަކައެދައްކަނީ ޒާތީ މަޞްލަޙަތެއް އޮވެގެން، ނުވަތަ އަމިއްލަ އެދުމެއް ފުއްދާންވެގެންނެވެ. އެދައްކާވާހަކައިގައި އުޅެނީ ސާބިތުވެފައިވާ ޙާޤިޤަތްތައް، އެކޮޅުކޮޅުން ޖަހާށެވެ. އެމީހުންބުނަނީ މާބޮޑަށް ޢިއްފަތްތެރިވުމުން ޢަޞަބީ ބަލިތައްޖެހޭ ވާހަކައެވެ. ވިޔަސް އެއީ ކަނޑައެޅިގެންހުރި ދޮގެކެވެ. ދޮގެއްކަން ސާބިތުކުރުމަށްވުރެ ކުރީގައި ކުޑަކުޑައެއްޗެއް ދަންނަވައިލާނަމެވެ.
އިއްފަތްތެރިވުމުގެ ސަބަބުން ޢަޞަބީބަލިތަކެއް ޖެހޭކަމުގައި ވިޔަސް އެކަމަކީ އިންސާނަކު ޝަހުވާނީ މަގުން ދުއްވައިގަތުމުގެ ޢުޛުރަކަށް ނުފުދެއެވެ. ސަބަބަކީ ޝަހުވާނީ ނަހަމަ މަގުމަތީގައި ކޮންމެ ޙާލަތެއްގައިވެސް ހިނގަމުންގޮސް ދަތުރުކުރެވޭނީ ހަލާކާއި ގެއްލުމުގެ އަޑިގަނޑަކަށެވެ. އެއީ ދުނިޔޭގޭ ނިޢުމަތާއި އާޚިރަތުގެ ނިޢުމަތުން މަޙްރޫމުވާ ފަދަ އަޑިގަނޑެކެވެ. އުނދަގޫތަކަކާއި ބަލިތަކެވެ. ނުރައްކާތެރި ވޭންތަކާއި އެކިސިފަސިފައިގެ މުޞީބަތްތަކެވެ. އެހެންވެ ދެގޮތުންކުރެ ގޮތެއްގައި ހިފާންވެއްޖެ ޒުވާނަކު ނަމަވެސް ހިފާން ވާޖިބުވާނީ ލުއިގޮތެއްގައެވެ.
އެކަމަކު މިއީ ބަޙުޘަށް ތަންދޭންވެގެން ގެނައި މިސާލެކެވެ. ޙަޤީޤަތަކީ އެއީއެއްނޫނެވެ. ޙަޤީޤަތުގައި ޢިއްފަތްތެރިވުމުގެ ސަބަބުން އިންސާނީ ޞިއްޙަތަށް ލިބޭނޭ ކުޑަވެސް ގެއްލުމެއް ނެތެވެ. ދީނީގޮތުން ޢިއްފަތުގައި ހިފުމަކީ އިލާހީ ކޮންމެ ޝަރީޢަތެއްގައި އިސް މާއްދާއެކެވެ. އިޖުތިމާޢީގޮތުން ޢިއްފަތަކީ ކޮންމެ ފަރުދަކަށް ލާޒިމުކުރާ ކަމެކެވެ. މާތްއަޚުލާޤުގެ ކުރިމަތީގައި ބޭ ޢިއްފަތްތެރިޔާއަކީ އަގެއްނެތް ސޫތްޕެކެވެ.
މިޒަމާނުގެ އެންމެ މަޝްހޫރު ޑަކްޓަރުންދޭ ބަޔާންތަކުގައި ޢިއްފަތަކީ ކޮންމެހެން ޞިއްޙީއުޞޫލު ނިޔާކުރާގޮތުން މަޖުބޫރުކުރާ ސިފައެއްކަމުގައި ކަނޑައަޅައެވެ. މިމައުޟޫޢުގައި އެކިއެކި ޑަކްޓަރުންގެ ވަކިވަކި ބަޔާންތައް، ކިހިނަކުން ހުރިތޯބަލަމުންދާއިރު މިއޮތީ، ސާޅީސްއަހަރުދުވަހުގެ ތެރޭގައި އިނގިރޭސީންގެ ތެރެއިން ޚާއްޞަކޮށް ތަނާސުލިއްޔާތުގެ ރޮނގުން އަރައިހުރި މުޢުތަބަރު ޑަކްޓަރެއްގެ ބަޔާނެވެ.
[ޞިއްޙަތަށްޓަކައި ތަނާސުލީގުޅުންތައްހިންގުމީ ބޭނުންކަމެކޭބުނާމީހުން އެހަދަނީ، ދޮގެކެވެ. އަޚުލާޤީގޮތުން މުޅިން މަނާކަމެއް ޞިއްޙީގޮތުން އެދެވޭ ކަމަކަށް ވާނީ ކޮންފަދައަކުންހޭ؟ އަހަރެންގެ އަމިއްލަ ތަޖުރިބާތަކުންވެސް ސާބިތުވަމުންދަނީ އެބުނާގޮތާއި މުޅިން ޚިލާފަށެވެ. މަގޭ ލޯމަތީގައިވެސް އެކިއެކި ޡަރޫފުގައި ވަރަށްގިނަފަހަރު އިނދެގެން އުޅޭ ދޭދޭ ދެމަފިރީންވެސް އެއްތަންނުވެ ގުޅުމެއްނުހިންގައި ތިބޭންޖެހޭތަން ފެނެއެވެ. އެކަމަކުން އޭގެ އެއްޙާލަތެއްގައިވެސް ދެމަފިރީންކުރެ އެކަކަށްވެސް ޞިއްޙީގޮތުން ގެއްލުމެއް އަންނާތީއެއް ނުފެނެއެވެ. މިމައްސަލަ އެހެންދިރޭ ސޫފިތަކާއި ތަޠުބީޤުކޮށްބަލާއިރު ޒަމާނުއްސުރެ ސިކާރަމަތީކުއްތާއެއްގެ ހަލުއިކަން އިތުރުކުރާނަމަ އަންހެންކުއްތާއާ ދުރުކޮށްގެން ކައިރިވިޔަނުދީ ބަލަހައްޓާތަން ފެނެއެވެ. ރޭސްކޯޓުގައިވެސް ޚާއްޞަ އަހަކަށް އެއްވަނަ އިނާމުދިޔުން އެދިގެން (ހީވާގޮތުގައި މިތާ އެވަނީ؛ "އެއްވަނަ އިނާމުލިބުން އެދިގެން" މިހެންނެވެ.) މަސައްކަތް ކުރާނަމަ އެބަޔަކު އަސްމަޙުރޫމުކުރާތަން ފެންނަނީ އެންމެފުރަތަމަ ޖޯޑުވެ އުޅުމުންނެވެ. މިކަހަލަ އެތައްގިނަ ކަމަކުން ޖިންސީގުޅުމަކީ ޞިއްހަތައްޓަކައި ކޮންމެހެން ބޭނުންކަމެކޭ ބުނެވޭ ބަހުގައި އަގެއްނެތްކަން އެނގެއެވެ."
އެމެރިކާގެ މަޙުކަމަތުއް ޞިއްޙާގެ އިދާރާއިން އެތާނގެ އެންމެ މުޢުތަބަރު ޞިއްޙީކޮމިޓީން ދީފައިއޮތް ބަޔާނެއްއެކުލަވާފޮތެއް ހަޔެއްކަ އަހަރު ކުރީން ނެރުނެވެ. އެބަޔާނުގެ ތަރުޖަމާގައި އޮއްވައި ދުށީމެވެ.
"ޝަހުވާނީ ޢަމަލުތަކުން އެއްފަރާތްކޮށްގެން ޖާނު އޮބެހެއްޓުމީ އަންހެނަކަސް ފިރިހެނަކަސް ކޮންމެ ޢުމުރެއްގައި ވިޔަސް ޞިއްހަތުގެ ގަވާއިދާ ޚިލާފުވާކަމެއް ނޫނެވެ. އަދި ހަށިގަނޑާއި ނަފްސު ޠަބަޢީގޮތުން ވާންވީ ތަރައްޤީއެއްގައި ހުރަސް އަޅާކަމަކަށްވެސް އެކަން ނުވެއެވެ. އެހެންވެ ފެންނަނީ ޞިއްޙީ ތަނާސުލީގޮތުން މުޖުތަމަޢުގެ އެންމެހައި އަފުރާދުން(ނަށް) މިއުޞޫލުގެ މަތީން ތަރުބިއްޔަތާއި ޘަޤާފަތުދިނުމީ ކޮންމެހެން ބޭނުންކަމެއްކަމުގައެވެ."
މިޞްރުގައި އުފެދުނު ތަނާސުލިއްޔާތުގެ މަޝްހޫރު ޑަކްޓަރު ނަޖީބު މަޙްފޫޡުގެ ލިއުމެއްގައި މިއޮތީއެވެ.
"ތަނާސުލީގޮތުން ޒުވާނުން ނަހަމަ ޢަމަލުތައް ހިންގައި، ޠާހިރުނޫން އުޅުންތައް ދެމެހެއްޓުމުން ފައިދާވާ ބަލިތަކާއި މުޞީބާތްތައް ފިޔަވައި ހަމައެކަނި ޢިއްފަތުގެ ދިރިއުޅުމާމެދު ޙުކުމްކުރާގޮތެއްގާ ބަލާލެވުނަސް ޢިއްފަތުގެ ދިރިއުޅުމަކީ އިންސާނަކަށް ވެސް ހިފެހެއްޓިދާނޭ ގެއްލުމެއްނެތް، މުޅިޙަޔާތުގައި އޭގެ ލާބަ މަތިވެރި އުޅުމެއްކަމުގައި ޙުކުމް ކުރެވޭނެއެވެ. މިގޮތަށް އަހަރެން މިކަނޑައަޅަނީ މަމައްސަލާގައި ލިޔެވިފައިހުރި ހުރިހައިބަހަކުން އެންމެ މުޢުތަބަރު ފޮތްތައް ބަލާފައި، އަމިއްލަ ތަޖުރިބާތަކުންވެސް ވަރުގަދަޔަށް ސަނަދު(ދަލީލު) ލިބިގެންނެވެ."
ޖަރުމަނުވިލާތުގެ މުރައްޖިޢެއްކަމުގައި ބެލެވޭ އެންމެ މަޝްހޫރު މިޒަމާނުގެ ތަނާސުލިއްޔާތުގެ އެއް ޑަކްޓަރަކު ދޭ ބަޔާނެއްގައި ވެއެވެ.
" ހަށިގަނޑުގެ ޖިންސީ އަރާމުތަކަށް ގެނބިގަތުމަކީ، ވަރަށް ނުބައި ނަތީޖާތަކެއް ގެނެސްދޭކަމެކެވެ. ޚާއްޞަކޮށް އެއީ ޒުވާނުންގެ ހަށިގަނޑުގެ ބުންވަރާއި ނަފުސުގެ ޢަޒުމް ލުއިކޮށްލާކަމެކެވެ. އެކަމުގެ ސަބަބުން އެމީހުންގެ ނާރުތަކާއިބެހޭ މަރުކަޒުތައް ބަލިވަމުންގޮސް ހުރިހައި މަސައްކަތްތަކެއްގައިވެސް ވާޖިބު އަދާނުކުރެވޭތަން ވަރަށް އަވަހަށް އަތުވެދެއެވެ. މުސްކުޅިޒަމާނުގައި ބައެއްފަހަރަށް ޔޫނާނީންނާއި ރޫމާނީން އެތަންތާނގެ ޒުވާނުންގައި ބާރުއިތުރުވުމަށްޓަކައި ވަރަށްމަތީ ޢުމުރަކާ ޖެހެންދެން ހަށިގަނޑުގެ ލައްޒަތުން އެކުދިން ދުރުހެލިކުރާކަން ސާބިތުވެފައިވެއެވެ. މީގެ އިތުރުން ޝަރުޢީނޫން ގޮތްގޮތުން ޖިންސީގުޅުންތައް ހިންގައި އުޅުމީ އޭގެ ނަތީޖާ ވަރަށް ނުރައްކާތެރި ކަމެކެވެ. އެކަމުގެ ސަބަބުން އުފެދޭ ޢަޞަބީ ބަލިތަކާއި ޖިންސީބަލިބަލި ގިނަގުނައެވެ."
އިސްވެގެން މިދިޔައީ ޢިއްފަތާއި ޞިއްޙަތާ ހުރި ރަޙުމަތްތެރިކަން، ތިމާގެކަން ވިސްނޭނޭގޮތުން ބަސްޤަބޫލުކުރެވޭ ޑަކްޓަރުން ދީފައިވާ ތެދުވެރި ބަޔާންތަކެވެ. އެއްކޮަށް ނަގައި ލިޔެ ފާޅުކޮށް މިހަދަނީ އިޚުލާޞްތެރިކަމާއެކު އަޅުގަނޑުގެވެސް ދިރޭ ޟަމީރު ރުހޭނޭފަދަ ތެދުވެރިކަމަށް ތަރުޖީޙުދީގެންނެވެ. ބޭނުންކަމެއްކަމުގައި ފެންނާތީ މުޅީން ހެޔޮއެދުމަކާ ޚާލިޞް ނިޔަތެއް އޮތުމާއެކުގައެވެ. މިބަޔާންތަކަށް ވިސްނާއިރު އެންމެ މަތީދަރަޖައަށް ޢިއްފަތްތެރިވުމީވެސް ޞިއްޙަތަށް އުނިކަމެއް ފޯރައިދާކަމެއްނޫންކަން ރަނގަޅަށް އެނގޭހައި ވެއެވެ. އެއީ ޒުވާންކަން ދެމެހެއްޓުމުގެ ވަރުގަދަ ޢާމިލެއްކަން ދޭހަވާހައި ވެއެވެ. ނަމަވެސް އަދިތަންކޮޅަކަށް މިބަޙުޘް ދަމަހައްޓަމާތޯއެވެ؟
ޒައުޖިއްޔަތުން (ކައިވެނިން) މަޙުރޫމުވެފައި އަޅުގަނޑުމެންގެ ތެރޭގައިވެސް ދެޖިންސުގެ އެތައް ޒުވާނުންނެއް ތިބެއެވެ. ބައެއްކުދީން މުޅީން ޢިއްފަތްތެރިވެގެން އުޅޭއިރުވެސް ޢަޞަބީ އުނދަގޫތަކެއް އުފުލާތީ ފެނެއެވެ. ނިދިމަދުވުން މިޒާޖުގޯސްވުން، ރުޅި އިސްވުން، ފާސިދު ޚިޔާލުތައް ހިތުން ފިލުވޭގޮތް ދަތިވުން، ހޮޑު އަވަސްވުން، މިބާވަތުގެ ވަރަށް ގިނަ ސިފަތަކެއްގައެވެ. އަނެއްބައި ޒުވާނުން ވިދިވިދިގެން ޢިއްފަތްތެރިކަމުގައި ދިގުއަހަރުތަކެއް ވޭތުކުރާ އިރުވެސް އެމީހުންނަކަށް ޢަޞަބީ އެއްވެސް ބާވަތެއްގެ އުނދަގުލެއް ނުފެނެއެވެ.
ޝަހުވާނީ އެކިދަރަޖަދަރަޖާގައި އުޅޭ ޒުވާނުންގެ ތެރެއިންވެސް އެއްބަޔަކު ޢަޞަބީ ބަލިތަކުގެ އުނދަގޫ ދެކެއެވެ. އަނެއްބަޔަކު އެއްގޮތަކަށްވެސް ޢަޞަބީ އުނދަގުލެއް ނުއުފުލައެވެ. (ނުނިމޭ)



ވަރަށް އަވަހަށް މީގެއަނެއްބައި ބޭނުން.