maavahinfo

Saturday, May 19th

Last update10:58:41 PM GMT

:: ބަލިފައި

ބަލިފައި

E-mail

މި ވާހަކަ އާއިމެދު: މިއީ 22 ނޮވެމްބަރ 1997 ގެ އާފަތިސް ނޫހުގެ މައިޒާން: 06 ގައި ކުރިން ޝާއިޢުކުރެވިފައިވާ ވާހަކައެކެވެ.

ނަމަވެސް މާވަށްއިންފޯގައި މިވާހަކަ ހިމަނާލަނީ ވަރަށްގިނަ ބަދަލްތަކެއް ގެނެސްފައެވެ. އޭރު އަޅުގަނޑު ލިޔެފައިވާ މިވާހަކަ އިތުރަށް ކޮށާމަށާލުމުން އިހުނަށްވުރެ ފުރިހަމަ ކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ. މިވާހަކަ ވަނީ 1997 ގައި ދިވެހިރާއްޖޭގެ އަޑުން ފޮނުވި އަންހެނުންގެ ޕްރޮގްރާމްގައި ސިލްސިލާކޮށް ގެނެސްދީފައެވެ. އުއްމީދު ކުރަނީ ކިޔުންތެރިންނަށް މިވާހަކަ ކަމުދާނެ ކަމަށެވެ.

 

ތެދެކެވެ. އަހަރެންގެ އެންމެގާތް ރަޙްމަތްތެރިޔާގެ ގަޔަށް ތިންހަތަރުފަހަރަށް ވަޅި ހަރާލީމެވެ. ނަމަވެސް އެކަން އެގޮތަށް ދިމާވީ ހީވެސް ނުކުރާކަހަލަ ގޮތަކަށެވެ. މެދުވެރިވި އެތަކެއް ސަބަބުތަކަކެއްގެ އާޚިރު ނަތީޖާއަކަށްވީ އެ ހިނގައިދިޔަ ބޮޑު ޖަރީމާއެވެ. ނަތީޖާއެއްގެ ގޮތުން މިއަދު އަހަންނަކީ ދުނިޔޭގެ އެހެނިހެން ޒުވާނުންނާއި އެތައް ގޮތަކުން ތަފާތު މީހަކީމެވެ. މިއަދު އަހަރެންގެ ސިކުޑީގައި ދުނިޔޭގެ މާހައުލަށް އަންނަމުންދާ އެކިއެކި ބަދަލުތަކާއިމެދު ވިސްނާ ޚިޔާލުކުރުމުގެ ޤާބިލްކަމެއް ނެތެވެ. ދުނިޔޭގެ ހަމަވައި ތެރޭގައި އުޅެންލިބުނު މަދު ދުވަސްކޮޅު، އަހަރެންގެ ސިކުނޑިއަށް ދެވުނު ކާއެތިކޮޅުވެސް ހަޖަމްވެގެން ހިގައްޖެއެވެ. އެހެންގޮތަކަށް ބުނަނީނަމަ ބުނެވޭނީ މިއަދު އަހަރެންގެ ސިކުނޑިއަކީ ދަބަރުޖަހާފައިވާ ސިކުނޑިއެކެވެ. މިހާރު އަހަރެންގެ ސިކުނޑިވެސް ހޭނިފައިވަނީ ދަގަނޑުތޭރިތައްޖަހާފައިވާ މި ހަތަރުފާރުން އެތެރެއަށެވެ.

 

އޭރު ކުރެވުނު ކަންތައްތައް އެއީ އަހަރެންގެ މޮޔަކަމުން ކުރެވުނު ކަންތައްތަކެއްކަމަށް ޚުދު އަހަރެންގެ އަމިއްލަ ޟަމީރުވެސް ޤަބޫލުކުރެއެވެ. އޭރު އަހަންނަށް އަރައިގަނެވުނީ ބޮޑެތިވެގެންވާ ފާފަތަކަކަށެވެ. އެކަމުގެ ސަބަބުން ދެދުނިޔޭގައިވެސް ސަޒާ ލިބޭނެކަންވެސް އެނގެއެވެ. މީހުންގެ ބަސްތައް ރައްދުވާނޭކަންވެސް އެނގެއެވެ. މީސްތަކުންގެ ނަފުރަތާއި ބަދު ދުޢާލިބޭނެކަންވެސް އެނގެއެވެ. މިހާރުވެސް އެކަންކަން އަހަންނަށް ފެންނަމުން މިހިރަ ދަނީއެވެ

.

އަހަރެންގެ އަމިއްލަ ނަފުސުދެކެ ރުޅި އާދެވެންފެށީ އެދުވަހަށް ފަހުގައެވެ. އޭރު އަހަރެންނަކީ ސިކުނޑިހަމަނުޖެހޭ މީހެއް ނޫނެވެ. މޮޔަވެ ދުނިޔެ ހަފުސްވެފައިވާ މީހަކީމެއްވެސް ނުމެނޫންމެއެވެ. އެކަމަކު..... އެކަމަކު ބޮޑުވެގެންވާ އެ ފާފައަށް އަރައިގަނެވުމުން އަހަރެންގެ އެ ރަން ދުނިޔެ ފުނޑުފުނޑު ވެގެން ދިޔައީއެވެ.

އެއީ 1980 ވަނަ އަހަރުގެ ކުރީކޮޅުން ކޮންމެވެސް މަހެއްގައި އަހަރެންގެ ޙަޔާތާއި ކުރިމަތިވި ބިރުވެރި އެހެނަސް ޙަޤީޤީ ހުވަފެނެކެވެ. ވަރުގަދަ ޠޫފާނެކެވެ. މި ޠޫފާނުގެ އަސަރު އެތަކެއް ނަފުސު ތަކަކަށް ފޯރިއެވެ. ޢަދަދު ނުކުރެވޭހާ ގިނަގުނަ ގެއްލުންތަކަކާއި ލޮޚްސާންތަކެއް އަހަރަމެންގެ ދެ ޢާއިލާއަށް ކުރިމަތި ކުރުވިއެވެ. ދެ ޢާއިލާގެ ދެމެދުގައި ޒަމާނުއްސުރެ އުފެދިފައިއޮތް އެކުވެރިކަމާއި އަޚްވަންތަކަމުގެ ގުޅުމަށް ވަރުގަދަ ބިންހެލުމެއް ކުރިމަތިކުރުވިއެވެ. ޢާއިލީ ލޯބި ފުނޑުފުނޑުވެގެން ދިޔައީ ފަރުބަދަ ގޮއްވާ މީހުން ފަރުބަދައިގައި ބޮން ހަރުކޮށް ގޮއްވާލުމުން ފަރުބަދައިގެ ހިލަތައް ހިމުން ހިލަވެއްޔަށް ބަދަލުވެގެންދާ ފަދައިންނެވެ. ލޯބި ފުނޑުވުމާއިއެކު އެ ލޯބި ބަދަލުވެގެން ދިޔައީ ހުޅުފަޅާފައިވާ ނަފުރަތުގެ ގަދަފަދަ އަލިފާނަށެވެ.

"ހިތަށް ކޮށްފައިވާ އަސަރުން އެކަން ހިނގާދިޔަގޮތް ކިޔާނުދެވި ވަރަށް ގިނަ ހާސަރުތައް ދެމިއްޖެދޯ؟" އަހަރެންގެ ބަސްދީގަތުމެއް ނެގުމަށް އަހަރެން އިން ކުޑަކުޑަ ގޮޅީގެ ތެރެއަށް ވަދެއިން މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ކުރެން އަހާލީމެވެ.

 

" ނޫނޭ.... ކުރިއަށް ގެންދޭ! ..... އަހަންނަށް މި ފުރުޞަތު ލިބުނީ ތިން އަހަރުގެ ދިގު އިންތިޒާރެއް ކުރުމަށްފަހު.... އެހާ ގިނަދުވަހާ އަޅާކިޔާއިރު އަދި ނުވޭ ފަޅި ސިކުންތެއްވެސް!!"

އަޑުއަހާށެވެ. ފަރުވާތެރިކަމާއިއެކު އަޑުއަހާށެވެ. އަހަރެންގެ ޙަޔާތުގެ ފަންސިގަނޑު ދަތުރުކުރި ގޮތުގެ ވާހަކައެވެ. ގިރާކުރަންޖެހުނު ބޮޑެތި ކަނޑުތަކުގެ ވާހަކައެވެ. ވިސްނާ ފިކުރުކޮށް ޢިބްރަތްތަކެއް ލިބިގަތުމަށެވެ

.

އެއީ އުފާވެރިކަމާއި އެއްބަނޑު އެއްބަފާކަމުގެ ގުޅުމުން އަހަރަމެންގެ ދެ ޢާއިލާ އެކަތިގަނޑަކަށް ވެފައި އޮތް ދުވަސްވަރެވެ. ބައްޕައާއި ބޮޑުބޭބެވެސް ދެ ޢާއިލާ އެކަތިގަނޑަކަށް ވުމުން ހިތްހަމަޖެހިގެން ތިބި ދުވަސްކޮޅެކެވެ. އެންމެ ފުރަތަމަ ޢާއިލާގައި އޭރު ކުޑަކޮށްތިބި ދެބެން ޚިތާނުކޮށްގެން އުޅުނު ދުވަސްވަރުގެ އުފާވެރިކަމެވެ. ބޮޑުބޭބެގެ ހަގު ދަރިފުޅާއި ބައްޕަގެ ހަގު ދަރިފުޅު ބައިންދައިގެން އުޅުނު ދުވަސްވަރެވެ. ރަށުގެ ރައްޔިތުން ދުވަހަކުވެސް ދެކެފައި ނުވާފަދަ އުފާވެރި މާހައުލެއްގައި ބޭއްވުނު ބޮޑުކޭމުގެ ހަފުލާ ފާހަގަ ކޮށްލެވެއެވެ. އަތޮޅުގެ ދެތިންރަށެއްގައި ތިބި ރައްޓެހިންގެ ފަރާތުން ހަދިޔާގެ ގޮތުގައި ބޮޑެތި ކޭންތައް ލިބުނެވެ

.

ޚިތާނީ މާހައުލު ވެގެންދިޔައީ ޒުވާންކުދިންނަށް ލިބިގެންދިޔަ ރަނުގެ ފުރުޞަތަކަށެވެ. ރޭގަނޑުގެ ދަންބަލަހައްޓަން ތިބުމަށް ދެޖިންސުގެ ޒުވާނުން މަތިންބައިން ޖެހިގެންވެސް އުޅުނެވެ. ހިތާމައަކީ އެދުވަސްވަރަކީ އަހަރެންނާއި އަހަރެންގެ މިތުރުންގެ މިތުރުގެ ޅަދުވަސްވަރު ކަމެވެ. އެހެންގޮތަކަށް ބުނާނަމަ އެއީ އަހަރަމެންގެ ލޯކަޅުނުވާ ދުވަސްވަރެވެ. އެކަމަކު އަހަރަމެން ދެ މިތުރުންވެސް ދަމަށް ތިބުމަށް ނިންމީމެވެ. އަހަރަމެންނަށް ކަންފުޅެއް ނުވާތާގައި އެވެރިން އުޅޭގޮތް ބަލައި ދަސްކުރުން އެއީ ގޯސްކަމެއްކަމަކަށް އަހަރަމެންނެއް ނުދެކުމުއެވެ

.

ރަށުގެ ބޮޑުބެރު ގްރޫޕް ޔާހުން ހަބޭހަށް ބެރުގެ ދުލިފަށުގައި މޫސީޤީ ހަމަތަކާއެއްގޮތަށް ތަޅަމުން ދިޔައިރު ހީވީ މަޑީގެ ހަމުންހަދާފައިވާ އެ ވަރުގަދަ ދުލިފަށް ފަޅާލަން މަސައްކަތް ކުރަނީ ހެންނެވެ. ބެރުވެރިންނަށް އެމީހުންގެ ގޮނޑިތަކުގައި ހަރުނުލެވިގެން އުޅުނު މަންޒަރު ފެނުނަސް މީހަކު ހިނިއައިސްގެން ފަހަރުވާ ލެވޭވަރުވާނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ސަމާކޮޅުގައި ތިބެގެން ލަވަކިޔަމުން ދިޔަމީހުންވެސް އެންމެ ތަންފުކެއް ދޫކޮށްނުލައެވެ. ނަގައިކިޔާ މީހާ އޭނާގެ ބުންޒީލަ އަޑުން ލަވަކިޔަން ފެށިއިރަކު ހީވީ ކަންފަތުގެ ދުލިފަށް ފަޅައިގެން ހިނގައިދާނެހެންނެވެ. ޒުވާންފުރާގެ ޅަކުދިންނާއި މުސްކުޅިފުރާގެ މީހުން ހަށިގަނޑުގެ އެކިއެކި ހިސާބަށް ބަނޑިބަނޑި ލައްވަމުން ނެށިނެށުމަކީވެސް ހަނދާނުން ނައްތާލަން ދަތި މަންޒަރުތަކެކެވެ. މުސްކުޅިވަރެއްގެ ބޭބެއެއް ނަށަން ފެށިއިރަކު ހީވީ އެހެން ފަދަކަމެއް ހެނެވެ. ދެއަތް ދެފަރާތަކަށް ފުރޮޅާލާ، ބަނޑިބަނޑިއަށް ގުދުކޮށްލާ، ފައިވެސް ވަކިހަމައަކުން ނަގަމުން ގެންދިޔައެވެ. ފައިން އެލައްވާ ހިތްގައިމު ކޮރާއިއެކު ބޮލަށް ފަރި ޙަރަކާތެއް ގެނެއެވެ. ދޫންޏެއް އުދުހިފާދާ ގޮތަށް ފަރިހަރަކާތެއް ދައްކާލައެވެ. ކުރުކޮށް ބުނާނަމަ ބުނެވޭނީ އެ ބޭބެ ދައްކައިދިނީ ' ހޯރަ ނެށުމެކެވެ.' ހޯރަތަކެއް އުދުހިފައިދާގޮތް ނުވަތަ ހޯރައަޅާގޮތް ނެށުމަކުން ސިފަކޮށްދިނީއެވެ. މި ނެށުމަކީ ރަށުގައި ބޮޑުބެރުޖަހައި އުޅޭ ތަންތާނގާ ނިކަން ހިނގާ ނެށުމެކެވެ. އެ ބޭބެގެ ދެއަތް ދެފަރާތަށް ހަލުވާލާފައި އަންހެންވެރިންގެ ގާތަށް ޖެހިލުމުން އެވެރިން ހޭބަލިވެގެން ތެޅިގަނެއެވެ

.

ބައެއް އަންހެންވެރިން ސައިކުރާތަކަކާއިއެކު ދޮލަނގެއްގައި އަތުރާލާފައިވާ ލުނބޯހުތު ފަނިތަށިތަކެއް ހިފައިގެން ކޮޅުކޮޅުމައްޗަށް ހިނަގަމުން ދިޔައެވެ. އަންހެންވެރިންގެ އެހެން ބައިގަނޑެއް ލަވަކިޔާ ބެރުޖަހަމުން ގެންދިޔަ ފިރިހެންވެރިންގެ ޚިދުމަތުގައި އުޅެމުންދިޔައެވެ. އެމީހުންގެ ހަށިގަނޑުން އޮހޮރެމުންދިޔަ ދާތިކިތައް ފޭބިޔަނުދީ ހިފެހެއްޓޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ. މިބުނި އަންހެންވެރިން، ނަލަކޮށް ނަލަފޮތިއަޅައި ޖަރީކޮށްފައިވާ 'ވިހާ ފަންކާ' ތަކުން އެމީހުންގެ ގަޔަށް ވިހެދެމުން ގެންދިޔައެވެ

.

އަށިމަތީގައި އިން އިރު އަހަންނަށްވެސް އިނދެވުނީކީ އެއް ނޫނެވެ. ދިވެހިންގެ ލޭކައްކުވާލާ ބޮޑުބެރު ލަވައިގެ އަޑިއިވުމުން މުޅިހަށިގަނޑުގައި ލޭހޫނު ވިއެވެ. ފުރަތަމަ ކިޔާންފެށި ލަވަޔާއެކު އަހަރެންގެ ލޭ ކެކެންފެށިއެވެ. އެހެންނަމަވެސް އަހަރެންގެ ލަދުރަކި މިޒާޖުގެ ސަބަބުން ކެކެމުން އައި ލެޔާއި ބޮޑުބެރުގެ ހަމަތަކަށް ނަށާލާހިތްވި ހިތްވުން މައިތިރި ކުރަންޖެހުނެވެ. އޭރު ކޮއްކޮވެސް އަށިމަތީގައި ބަހައްޓާފައިހުރި ކުޑަގޮނޑީގައި އިނެވެ. ގައިމަތީގައި އަޅާފައިއޮންނަ ފޮތިގަނޑު އެލުވުމަށް ޖަހާފައިއޮތް ކެވެލިގަނޑުގައި ހިފަހައްޓާލައިގެން ފެންނަމުންދިޔަ ފޯރިގަދަ މަންޒަރުތަކަށް ގެއްލިފައެވެ. ކޮއްކޮ ހޭލާ އިނަކަސް ބޮޑުބޭބެގެ ދަރިފުޅު، އިރުއޮއްސުމާއިއެކު ތަންހަރުވިގޮތަށް އޭރުވެސް އޮތީ ނިދާފައެވެ. އަހަރެންގެ އެންމެގާތް މިތުރު، އެ ކޮއްކޮގެ ފައިގައި ހިފަހައްޓައިގެން އިނީ އެހެން ދުނިޔެއެއްގައިކަން އަހަރެންނަށް އެނގުނީ ވަރަށްފަހުންނެވެ. އަންހެންވެރިން ، ކުޅިވަރުކުޅެމުންދިޔަ މީހުންނަށް ސާބަސްދިނުމުގެގޮތުން އެމީހުންގެ ގަޔަށް ފުށްޖެހުމާއި އަތަރުލުމާއިގެން ފޯރިނަގާފައި އުޅެމުން ދިޔައެވެ. އޭރުވެސް މަގޭ މިތުރަށް އިނދެވުނީ ޚިޔާލީ ދުނިޔެއެއްގައެވެ.

 

ބޮޑުބެރުޖެހުން ހުއްޓާލުމުން، އެ މާހައުލަށް ހަމަހިމޭންކަމުގެ ސާލެއް ފެތުރިގެން ދިޔައެވެ. ބޮޑުބެރު ބަލަންދިޔަ ގިނަމީސްމީހުން ރޭގަނޑުގެ އަރާމު ނިދި ލިބިގަތުމަށްޓަކައި ކޮޅުކޮޅުމައްޗަށް މިސްރާބު ޖެހިއެވެ. އަހަރަމެން ދެމިތުރުންވެސް އަށިކައިރިއަށް ދަން ބަލަހައްޓަން އެހެންބަޔަކު އައުމުން ބަދިގެފަރާތަށް ދިޔައިމެވެ.

 

ބަދިގެ ފަރާތުގައި އަތުރާލެވިފައިހުރި މޭޒުތަކުގައި ކުޅިވަރުކުޅުނު މީހުންނަށް ތައްޔާރުކޮށްފައިހުރި ސަޔަށް އިންސާފުކުރެވެމުން ދިޔައެވެ. އަހަރަމެންވެސް ސައިތަށްޓެއް ބޮއެގެން ވަރުބަލިފިލުވާލުމަށްޓަކައި ގޭގެ ބަނބުކެޔޮގަސްދޮށުގައި އޮތް ވާދިގު އުނދޯލިތަކަށް ދިޔައީމެވެ. ބަނބުކެޔޮގަސްދޮށަށް ގަހުގެ ހިޔަނިއެޅިފައި ވީނަމަވެސް އުޑުމަތީގައި ރަސްކަންކުރަމުންދިޔަ ސާދަވިލޭރޭގެ ހަނދުގެ ހަނދުވަރުން މުޅި މާހައުލަށްވަނީ މިލަހަނދުވަރެއް ފޯރުކޮށްދީފައެވެ. އުނދޯލީގައި އިށީންއިރުވެސް އެކުވެރިޔާގެ މިޒާޖުވަނީ ބަދަލްވެފައެވެ. އޭނާގެ މޫނުމަތިން ނުތަނަވަސްކަމުގެ އަސަރު ފާޅުވަމުން ދިޔައެވެ.

 

"މާދަން ހެނދުނު ނިދާނީދޯ؟" އެކުވެރިޔާއާއި ވާހަކަދައްކަން ފެށުމުގެގޮތުން އަހަރެންގެ އަނގައި ބޭރުކޮށްލީ މި ހަމަނުޖެހޭ ޖުމްލައެވެ. އެހެނަސް އެކުވެރިޔާއަށް ކަމެކޭވެސް ހިޔެއްނުވިއެވެ. "ކިހިނެތްވެފަތަ ތިއޮތީ؟..... އަނެއްކާ މާބޮޑަށް ނިދިއައީތަ؟ ... މަވެސް ނިދިއަންނަވަރުން މިހާރު ދެފަހަރަށް މޫނުދޮވެފިން!" ބޮޑު ބަންޖެއް އަމުނާލީމެވެ.

"މިވަރުން ނިދިއަންނާނެތަ؟ .... މިއުޅެނީ ހިތަށް ތަދުވާވަރުންނެއްނު!" އަހަރެންގެ އަތްނުފޯރާ ހިސާބުން އެކުވެރިޔާގެ ވާހަކަ ފެއްޓިއެވެ. "މިއުޅެނީ އަހަރެންގެ ހިތުގައި އަންހެންކުއްޖަކު ވިކަގަތްގަތީނުން ތަދުނުފިލައިގެނެއްނު!" އެކުވެރިޔާ ދެއްކިވާހަކަތަކެއް އަހަރަންގެ ސިކުނޑިއަކަށް ނުވިސްނުނެވެ. އެހެންކަމުން އަނގައިންނުބުނެ މަޑުމަޑުން އިރުކޮޅެއްވަންދެން އޮތީމެވެ.

 

" ތިޔަކިޔާ ބަންޖެއް އަހަންނަކަށް ނޭނގުނު!" އެކުވެރިޔާގެ ވާހަކަތައް މެދުކަނޑާލަމުން އަހަރެން ބުނީމެވެ. އެކުވެރިޔާ ކިޔަމުންދިޔަ ބަނދީގެ މާނަ އަހަންނަށް އޮޅުންފިލުވައިދިނެވެ. ހީވެސްނުކުރެވޭ ކަހަލަ މާނައެކެވެ. އެކުވެރިޔާ ކުއްޖަކާއިހެދި މޮޔަވިއްޔޯލައެވެ. ހިތާމައަކީ އެކުވެރިޔާގެ ހިތަށް ތަދުކުރަމުންދާ ކުއްޖަކީ އަހަރެންގެ ހިތުތެރޭގައި ފޮރުވައިގެންއުޅޭ ނަމަކަށް ވީކަމެވެ. މިކަމަކީ އަހަރެންގެ އެކުވެރިޔާއަށް އެނގިފައިވާ ކަމެއްނޫނެވެ. އެކަމަކު އެކުވެރިޔާގެ ޙައްޤުގައި އަހަރެންގެ ހިތުން އެކުއްޖާގެނަން ފޮހެލުމަށް ހަމައެރޭ އެވަގުތު ނިންމީމެވެ.

 

އެތަކެއްދުވަސްތަކެއް ފާއިތުވެ ހިނގައްޖެއެވެ. އެކުވެރިޔާއާއި އޭނާގެ ލޯބިވެރިޔާ، ރަށުގެ އެކި ހިސާބުހިސާބުން ފެންނަންފަށައިފިއެވެ. ރަށުތެރޭގައި ފޯރިއާއިއެކު މިދެލޯބިވެރިންގެ ވާހަކަތައް ދެކެވެން ފަށައިފިއެވެ. އެކުވެރިޔާގެ ގޭގެ އެންމެނަށްވެސް މިކަންތައްގަނޑެއް ފަޅާއަރައިފިއެވެ. އެހާބޮޑު އުނދަގުލަކާއިނުލައި އަހަރެންގެ ހިތުންވެސް މިކުއްޖާގެ ނަން ފޮހެލީމެވެ. ވާންއުޅޭ ފަހަރިއާއިމެދު ނުކިއްސަރު ގޮތަކަށް ދެކުމަކީ އެހާ ރަނގަޅުކަމެއް ނޫންކަމަށް އަހަރެންގެ ހިތަށް ވިސްނައިދެމުންނެވެ.

 

ބާރަށް ގުގުރާ ވިދަމުންދިޔަ ރެއެކެވެ. އެކުވެރިޔާއާއި އަހަރެން، އެރޭގެ ބާރަޖަހަންދެން މަގުމަތީގައި އުޅުނީމުއެވެ. ބޯކޮށް ވާރޭވެހެން ފެށުމުން ދެމީހުން ދެމަގަށް އެޅީމެވެ. އަވަހަށް ގެޔަށްދިޔުމަށެވެ. ގެއަށް ދެވުނުއިރު އަހަންނަށް ހުރެވުނީ ވާރެޔާއި ތެމި ފޯވެފައެވެ. އަވަސްއަވަހަށް ކޮޓަރިއަށްވަދެ އެއްޗެހި ބަދަލުކޮށްލައިގެން އަރާ އޮށޯތީމެވެ. ނިދުމުގެ ކުރިން އެކިއެކިކަންކަމާއިމެދު ވިސްނާ ޚިޔާލުކޮށްލަން އިރުކޮޅަކު އޮތީމެވެ. އެހެން އޮއްވާ ޖެހިގެންހުރި ކޮޓަރިން އިވެންފެށި އަހަރެންގެ ކޮއްކޮގެ ހުނުމުގެ އަޑެވެ. އަހަރެންގެ ހަގަށް ހުންނަ އަންހެން ކޮއްކޮގެ އަޑެވެ. ދެވަނަ ފަހަރަށްވެސް ކޮއްކޮގެ ހުނުމުގެ އަޑު ޖެހުނެވެ. ނިދީ ތެރޭގައި ކޮއްކޮ ހެނީ ނޫންކަން ޔަޤީންކުރީ އެހިސާބުންނެވެ. ކޮއްކޮ ކޮންމެވެސް މީހަކާއިއެކު ސަކަރާތްތަކެއް ގަންނަނީކަން އެނގުނެވެ. އެކަމަކު ކޮއްކޮ އެގަޑީގައި އެގޮތަށް ހޭންވީ ކީއްވެގެން ހެއްޔެވެ؟

 

" ދެން... އަޅެ ނޫން ... ބޭބެއަށް ހޭލެވިދާނެ!" ކޮއްކޮ މިހެންބުނިގޮތުން ގޯހެއް އުޅެނީކަން އިތުރަށް ޔަޤީން ކުރެވުނެވެ. އަހަރެންގެ މޭގަނޑު ތެޅިގަތެވެ. ކޮއްކޮ އެފަދަކަމެއް ކޮށްފާނެބާވައެވެ.

ނުނިމޭ