ފިލްމް ސްކްރިޕްޓެއް
މަޖީދީމަގުގެ މެދެއްހައި ހިސާބު – މެންދުރުގެ ވަގުތު
މާލޭގެ މަޖީދީމަގުގެ މެދެއްހައި ހިސާބުގައި ހުރި އެންމެ އުސް އިމާރާތް ކައިރީގައި ނުހަނު ގިނަ ޢަދަދަކަށް މީހުންތައް ފުނިޖެހިފައި ވެއެވެ.
ދުރުން ބަލައިލާއިރު ހީވަނީ ކޮންމެވެސް މުޒާހަރާއެއް ކުރިއަށް ދަނީހެންނެވެ. މެންދުރުގެ ގަދަ ހޫނުކަމުގެ ދިލައަކަށް، މަގުމަތީގެ ޓްރެފިކަކަށް ބެލުމެއްނެތި އެސަރަޙައްދަށް މީހުންތައް ތޮއްޖެހެމުން ދިޔައެވެ. މެދުއުޑުގައި އަނދަމުންދާ އަލިފާންގަނޑެއްފަދައިން އިރު އޭގެ ވާޖިބު އަދާކުރަމުންގެންދިޔައީ އެސަރަޙައްދުގައި ހުރި އެންމެ އުސް އިމާރާތުގެ މަތީގައި ހިނގަމުންދިޔަ [ކަމަށް] އުސްއަލިތަކެއް އަޅުވަމުންހެން ހީވާކަހަލައެވެ.
ޢިމާރާތާއި ދިމާ މަގުމަތީގައި ތޮއްޖެހިފައިވާ މީހުންގެ ތެރޭގައި ފުލުހުންގެ ތިން ވެހިކަލާއި ދެ އެމްބިއުލާންސް އެކި ހިސާބުތަކުގައި ބާއްވާފައި އޮތެވެ.
ޢިމާރާތުގެ ހަވަނަ ފަންގިފިލާގެ މަތީގައިވާ ޓެރަހުގެ ވަށާފާރުމަތީގައި ކޮޅުކޮޅުމައްޗަށް ހިނގަމުންދާ މީހަކު ހުއްޓެވެ. އެމީހާ އެއްވެސް ޖެހިލުމެއްނެތި ހިނގަމުންދިޔައިރު ހީވަނީ އެތަނުން ފުންމާލާނީތޯ ނުވަތަ ފުންމާނުލާނީތޯ ހިތާހިތާ ސުވާލުކުރަމުން ދާހެންނެވެ.
މައްސަލަ ޙައްލުކުރުމަށްޓަކައި އިސްވެހުރި ފުލުހެއް ކަމަށްވާ އަދުނާން ރުޝްދީ، މެގަފޯނެއްގެ އެހީގައި ޢިމާރާތްމަތިން ފުންމާލުމަށް ތައްޔާރުވަމުންދާ މީހާއާއި މުޢާމަލާތުކުރުމަށް މަސައްކަތް ކުރަމުންދެއެވެ.
އަދުނާން
(ޢުމުރުން ދުވަސްވެފައިހުރުމާއި ކަމުގެ ނާޒުކުކަމުން ނުހަނު އޯގާތެރިކަމާއިއެކު)
ކޮއްކޯ، ކުރަން ތިއުޅޭ ކަންތަކާއިމެދު ނިކަން ވިސްނާލަބަލަ! ތިކަމުން ހަމައެކަނި ގެއްލުންލިބޭނީ ކޮއިފުޅަށް އެކަންޏެއްނޫން.... ކޮއްކޮ އެންމެ ލޯބިވާ ފަރާތްތަކަށް ތިކަމުން ލިބިގެންދާނީ ކޮންފަދަ ބޮޑު ހިތާމައެއް؟
ކުޅިބަލަން އެއްވެތިބި މީހުން ޗުކުޗުކު ލައްވަމުން ދިޔައެވެ. އެއްވެސް ކެތްތެރިކަމެއްނެތި [އެމީހާ] ކަންކުރާނެ ގޮތަކާއިމެދު ކަންބޮޑުވެފައިތިބި ޙާލުގައެވެ.
ދެބައި އުމުރަށް ގޮސްފައިވާ ފުލުހުންގެ އޮފިސަރު އަދުނާނު ޙަރަކާތްތެރިވަމުންދިޔައީ މައްސަލަ ހައްލުކުރުމަށްޓަކައި ޙަރަކާތްތެރިވާ ޓީމުގެ ވެރިއަކަށެވެ. އަދުނާނަކީ ވަޒީފާއިން މުސްކުޅިކުރައްވާ އުމުރާއި ގާތްވެފައި ހުރިމީހެކެވެ. ޙިކުމަތްތެރިކަމާއި ފަރުވާތެރިކަމާއިއެކު ޓެރަސްމަތީގައި ހުރި ޒުވާނާގެ ޙަރަކާތްތަކަށް ބަލަމުންދިޔައެވެ.
ކުއްލިއަކަށް ހުދުކުލައިގެ އެއްޗެހިތަކެއް އިމާރާތުގެ މަތިން ބިންމައްޗަށް ފައިބަންފަށައިފިއެވެ. ވައިރޯޅިއާއިއެކު ނަށަމުން ކަހަލަގޮތަކަށް ފައިބަމުންދިޔަ އެއްޗެހިތައް ސިފަކުރެވެނީ ސްނޯފައިބަމުންދާ މަންޒަރެއްގެ ގޮތުގައެވެ.
ތޮއްޖެހިފައިވާ މީހުންތައް ހައިރާންކަމާއިއެކު ތައްމިނަށް އަނގަހުޅުވިފައި ތިއްބެވެ.
އަދުނާނު އޭނާގެ ޓީމުގެ ކުދިންނަށް އިޝާރާތެއް ކޮށްލިއެވެ. ތަނަށް ތޮއްޖެހިފައިވާ މީހުން ފެއަށް ޖެއްސުމަށެވެ. ޓެރަސް މަތީގައިހުރި މީހާ އިތުރު އެއްޗެހިތަކެއް ވައްޓާލަފާނެކަމަށް ލަފާކޮށްފައެވެ.
ޓެރަސްމަތިން އޮއްސާލިތަކެއްޗަކީ ކަރުދާސްކޮޅުތަކެއްކަން ޔަޤީންވެގެން ދިޔައީ އެތަކެތި ބިންމައްޗާއި ހަމައަށް ވާޞިލްވުމުންނެވެ.
އެތަކެތި ފެނުމުން އަދުނާނަށް އޮޅުނު ކަހަލައެވެ.
އަދުނާނު (ދައްކަމުން ދިޔަވާހަކަ ކުރިއަށް ގެންދަމުން...)
ޖަވީދު! ..... ތީ ކޮންއެއްޗެއް؟
އުމުރުން 23 އަހަރުގެ ޒުވާން އޮފިސަރު އަޙްމަދު ޖަވީދުު އެތަނުން ކަރުދާސްކޮޅެއް ނަގަމުން ޖަވާބުދިނެވެ.
ޖަވީދު
މީ ކަރުދާސްކޮޅުތަކެއް!
އަދުނާނު
ތީގަ އެއްވެސް އެއްޗެއް ލިޔެފަ އެބައޮތްތަ؟
ފަތްޖަހާފައިއޮތް ކަރުދާސްކޮޅެއް ނިއުޅުވާލަމުން:
ޖަވީދު
ޔެސް ސާރ.... ކޮންމެވެސް ނަންބަރެއް ލިޔެފަ އެބައިން.
އަދުނާނު
ފޯނު ނަންބަރެއްތަ؟
ޖަވީދު
ހީވަނީ އެހެން ކަމަށް
އަދުނާނު
އޯކޭ... ވެހިކަލްތެރެއިން މަގޭ ފޯނު ގެނެސްދީ.... ތި ނަންބަރުގެ ވެރިފަރާތަކީ ކޮންމެ މީހެއްނަމަވެސް ވީހާއަވަހަކަށް އެމީހަކު މިތަނަށް ގެނުވަން އެބަޖެހޭ..... ވެދާނެ ތީ އޭނަގެ ތިމާގެ މީހެއް ނުވަތަ އޭނާއަށް ބާރުފޮރުވޭ ވަރުގެ މީހެއްގެ ނަންބަރަކަށްވެސް.
ޖަވީދުު
ޔެސް ސާރ.
ޖަވީދު އަވަސް އަވަހަށް ވެހިކަލް ތެރެއިން ފޯނު ގެނެސްދިނެވެ.
ކާގެއާއި އެއްކޮށް ހަދާފައިވާ ބަދިގެއެއްގެ އެތެރެ – ކުރީ މަންޒަރާއި ގުޅުވައިގެން
ޒުވާން ހެދިހުރި ހަށިގަނޑެއްގެވެރި އަންހެން ކުއްޖެއް ކަމަށްވާ [އަނާ] މެންދުރަށް ކެއްކުމަށްޓަކައި ތައްޔާރީތަކެއް ވަމުންދަނީއެވެ. ކާމޭޒުމަތި ތައްޔާރުކުރަން ފަށާފައިހުރިގޮތުން ދެމީހަކަށް ސުފުރާމަތި ތައްޔާރުކުރަން އުޅެފައިހުރިކަން ދޭހަވެއެވެ.
އަނާ ކޮންމެވެސް ހިތްގައިމު ލަވައެއް މަޑުމަޑުން ކިޔަމުންދިޔައެވެ. ކުއްލިއަކަށް މޭޒުމަތީގައިއޮތް އަނާގެ ފޯނުން އަނާ ކިޔަމުންދިޔަ ލަވަ ރިންގްޓޯނެއްގެ ގޮތުގައި އިވެންފެށިއެވެ. ޢަލީ ރަމީޒުގެ ޖާދުވީ އަޑުން ކިޔާފައިވާ ލަވައެއް ކަމުގައިވާ [އިޙްސާސު ވަނީ ހިތުގެ އަރާމާއި ލޯތްބޭ ... ބީހުންތަކުން ދެރޫޙް މިއާލާވި ލޯތްބޭ....] މި ހިތްގައިމު ލަވައެވެ.
އަނާ އަވަސްއަވަހަށް ފޯނާއިދިމާއަށް ދުއްވައިގަތެވެ. ފޯނުގެ އާންސާ ބަޓަންއަށް ފިއްތާލަމުން:
އަނާ
ހެލޯ؟
އެވަގުތު އޭނާގެ ކަންފަތުގައި ޖެހުނީ ބީރައްޓެހި އަޑެކެވެ.
އަދުނާނު
އައްސަލާމު ޢަލައިކުމް. އަޅުގަނޑަކީ ޕޮލިސް ސަބް އިންސްޕެކްޓަރ އަދުނާނު ރުޝްދީ. މިވަގުތު އަހަރެން މިހުރީ އުސް އިމާރާތަކުން މީހަކު ފުންމާލުމަށް ތައްޔާރަށްހުރި ސަރަޙައްދެއްގަ..... ހީވާގޮތުގައި އޭނާ ބޭނުންވަނީ ތިބޭފުޅާއާއި ބައްދަލުކޮށްލަން.... ޓީވީން ލައިވްކުރަމުންވެސް އެބަދޭ މިކަންތައްގަނޑު.
އަނާއަށް ލިބިގެންދިޔައީ ކުއްލި ހައިރާންކަމަކާއި ބިރުވެރިކަމެކެވެ. އަނގައިން ކުޅުހިކިގެން ދިޔައެވެ. ހަދާނެގޮތް ހުސްވިއެވެ.
އެންމެފަހުން ވަރަށް މަސައްކަތުން ކުރަކިވެފައިވާ އަޑަކުން އޭނާގެ އަރުތެރެއިން އަޑެއް ބޭރުކޮށްލެވިއްޖެއެވެ.
އަނާ
ޔާރައްބީ!
އަދުނާނު
އަޅުގަނޑަށް އެނގޭ މިދެވުނީ ވަރަށް އެހެންކަހަލަ ޚަބަރެއްކަންވެސް.... ނަމަވެސް އަޅުގަނޑުމެންނަށް މިކަމުގައި ތިބޭފުޅާގެ އެހީތެރިކަން ވަރަށްބޮޑަށް ބޭނުންވޭ. އަޅުގަނޑުމެންގެ ވެހިކަލެއް އެބަފޮނުވަން.... އަވަހަށް އެޑްރެސް ވިދާޅުވެދެއްވާ.
އަނާއަށް އާނއެކޭ ބުނެވުނީވެސް އެއްވެސް ދިރުމެއް ނެތް ގޮތެއްގައެވެ.
އަނާ
އަޅުގަނޑުގެ އެޑްރެހަކީ މާފަންނު އިކާޒް – ކަނބާއައިސާ ރަނިހިނގުން.
ޕޮލިސް ވޭންގެ އެތެރެ – ކުޑައިރުކޮޅެއް ފަސް
އަނާ އިނީ ކަންބޮޑުވެ ހާސްވެފައެވެ. ކަރުގައި އަޅާފައިވާ ފަށާއި ކުޅެލެކުޅެލައެވެ. ވެގެން އުޅޭގޮތެއް މާރަނގަޅަށް ނޭގިފައެވެ. އެބުނާ އިމާރާތަކުން ފުންމާލަން އުޅެނީ ކާކުކަމެއްވެސް ނޭނގޭ ހާލުގައެވެ.
އަނާގެ އަތުކުރީ ގަޑިއަށް ބަލާލިއެވެ. އިހުނަށްވުރެންވެސް ކަންބޮޑުވެފައި އިނދެއެެވެ. އެއަށްފަހު އަނާގެ ލޯބިވެރިޔާގެ މޮބައިލް އަށް ގުޅެތޯ މަސައްކަތްކުރަން ފެށިއެވެ. ގުޅެގޮތެއް ނުވިއެވެ. ހަމަ ބިޒީކޮށްލަނީއެވެ. އަނާގެ ކަންބޮޑުވުން އިތުރު ވަމުން ދިޔައެވެ. ވެހިކަލް ދުއްވަމުން ދިޔައިރު އަނާގެ މަސައްކަތަކަށްވީ ލޯބިވެރިޔާއަށް ގުޅޭތޯ މަސައްކަތް ކުރުމެވެ.
މަޖީދީމަގުގެ މެދެއްހައި ހިސާބު – މެންދުރުގެ ވަގުތު
ތޮއްޖެހިފައިވާ މީހުންތަކުގެ ތެރެއަށް ވަދެގެން އައި ފުލުހުންގެ ވޭން މަޑުކޮށްލިއެވެ. ވޭންގެ ތެރެއިން އަނާއަށް ނުކުމެވުމާއިއެކު ހައިރާންވެ އަންތަރީސްވިއެވެ. އެއްވެފައިތިބި މީސްތަކުންގެ ބައިބޯކަމުންނެވެ.
އަނާ
މާތްކަލާއްކޯ!
ފުލުހުންގެ ވޭނާއި ދިމާއަށް އަދުނާނު އަވަސްވެގަތެވެ. ތޮއްޖެހިފައިވާ މީހުންތައް ކޮންޓްރޯލް ކުރުމަށް ޖަހާފައިވާ ބެރިކޭޑުން ބޭރަށް ނުކުމެ ވޭންގެ ކައިރިއަށް އައިސް ހުއްޓުނެވެ.
އަދުނާނު
އަޅުގަނޑުމީ ސަބް އިންސްޕެކްޓަރ އަދުނާނު ރުޝްދީ.
އަނާ
އަޅުގަނޑުމީ އަނާ. ކިހިނެތްތޯ ވެގެން މިއުޅެނީ؟
އަދުނާނުގެ އަތުގެ އިޝާރާތުން މީހުންތައް ދުރަށް ޖައްސަމުން ޖަހާފައިހުރި ބެރިކޭޑް ތަކުގެ ތެރެއަށް އަނާ ވެއްދިއެވެ.
އަދުނާނު
ކުރިންވެސް ދެންނެވިހެން މި ޢިމާރާތުގެ މަތިން އެހެރަމީހާ ފުންމާލަން އުޅޭކަމަށް ބެލެވެނީ. މީގެ ކުޑައިރުކޮޅެއް ކުރިން އެމީހާ ބިންމައްޗަށް ކަރުދާސްތަކެއް އޮއްސާލި. އޭގެއިން ކޮންމެ ކަރުދާސް ކޮޅެއްގައި ލިޔެފައިވަނީ ތިބޭފުޅާގެ މޮބައިލް ނަންބަރު.
އަނާ
އެކަމަކު އެއި ކާކުކަމެއް ސާފުކޮށް އެނގޭވަރެއް ނުވޭ އަޅުގަނޑަކަށްވެސް. ލާފަ ހުރި ހެދުން އެއީ އަޅުގަނޑާ އެހާގާތް ގުޅުމެއް އޮންނަ މީހަކު ލައިއުޅޭ ވައްތަރުގެ ހެދުމެއްވެސް ނޫން.
އަދުނާނު
ތިބޭފުޅާއަށް ފަހަރު އެނގިލައްވަފާނެކަމަށް އަޅުގަނޑުމެން އުންމީދުކުރަން.
އަދުނާނު
ޖަވީދު. ގެނެސްދީ ދުރުމީއެއް.
ޖަވީދު އަވަސް އަވަހަށް ވެހިކަލާއި ދިމާއަށްގޮސް ދުރުމީއެއް ހިފައިގެން އައެވެ.
އަދުނާނު
(ދައްކަމުން ދިޔަ ވާހަކަ ކުރިއަށް ގެންދަމުން)
އެހާމަތީހުރީމަ ކާކުކަން ވަކިކުރަން އުނދަގޫވާނެ ދޮގެއްތޯ!
އަދުނާނު މިހެންބުނުމަށްފަހު ޖަވީދު ގެނެސްދިން ދުރުމި އަނާއަށް ދިއްކޮށްލިއެވެ.
އަދުނާނު
އަން މިއޮތީ
އަނާ ދުރުމީއަޅާ ބަލާލިލިއެވެ. ހަމަ ބަލާލުމާއިއެކު އަނާއަށް ފަހަތަށް ޖެހިލެވުނެވެ. އަތުން ދޫވެގެން ދުރުމީ ވެއްޓެންދިޔައެވެ. އެހެނަސް އެވަގުތު ނުހަނު ހުޝިޔާރުކަމާއިއެކު ދުރުމީގެ ވާގަނޑުގައި އަދުނާނަށް ހިފުނެވެ.
އަދުނާނު
އަނާ ހިތްވަރު ކުރައްވާ! އަނެއްކާ ކިހިނެތްތޯވީ؟
އަނާ ހަމަޖެހިލެވޭތޯ މަސައްކަތް ކުރިއެވެ.
އަނާ
ޔާރައްބީ! ...... އެއީ އަޅުގަނޑުގެ ލޯބިވެރިޔާ!
އަނާއަށް ގިސްލެވެން ފެށިއެވެ.
އަދުނާނު އަތުގެ އިޝާރާތުން މެގަރފޯން ގެނައުމަށް އިޝާރާތްކޮށްލިއެވެ. އެވަގުތު ޕްރައިވެޓް ނައުޝާދު އައިސް މެގަރފޯނު ހަވާލުކުރިއެވެ.
އަދުނާނު
މެގަރފޯނުގެ އެހީގައި ވާހަކަދައްކައިގެން އޭނާ ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރަންވީނު.... އަނާ އަށް މިކަން ކުރެވޭނީ ފަސޭހައިން.
އަނާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. އަދުނާނު ދިއްކޮށްލި މެގަރފޯނުގައި ހިފަމުން ކަރުނަ ފޮހެލާ ކުޑަކޮށްނަވެސް ހަމަޖެހިލެވޭތޯ މަސައްކަތްކުރިއެވެ. އެއަށްފަހު މެގަރފޯނު އޮންކޮށްލިއެވެ. ނަމަވެސް އަނާގެ އަނގައިން އެންމެ ލަފުޒެއްވެސް ނުބުނެވެންދެން އިމާރާތުގެ މަތީގައި ހުރި އަނާގެ ލޯބިވެރިޔާ ފުންމާލައިފިއެވެ.
އެވަގުތު ތަނަށް އެއްވެ ތިބި އެންމެން ކަހަލަ ގޮތަކަށް ހަޅޭއްލަވައިގަތެވެ.
އަނާ އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ.
އަދުނާނު
މާތް ކަލާއްކޯ!
އިމާރާތުގެ މަތިން ފުންމާލިމީހާ ވެއްޓެމުން ދިޔައެވެ. ކުއްލިއަކަށް ވޫޝްލާފައި ހުޅުވިގެން އެދިޔައީ އެމީހާގެ ބުރަކަށީގައި އަޅުވާފައިއޮތް ދަބަހުން ވައިކުޑައެކެވެ.
ތަނަށް އެއްވެފައިތިބި މީހުންނަށް އިތުރު ހައިރާންކަމެއް ލިބިގެންދިޔައެވެ. ހަޅޭއްލަވާ އަޑާއި ރޯ އަޑު އިތުރުވެގެން ދިޔައިރު ކޮންމެވެސް ވަރަކަށް މީހުންގެ ހިނިގަނޑު ފަޅައިގެން ދާ އަޑުވެސް އިވޭހެން ހީވަމުން ދިޔައެވެ.
ވައިކުޑަ ހުޅުވިގެން ދިޔަވަގުތު ކުޑައިގައި ކޮންމެވެސް އެއްޗެއް ލިޔެފައިވާތަން ފެނިގެން ދިޔައެވެ. ކުޑައިގައި ލިޔެފައިވަނީ [އަނާ ޕްލީޒް އަހަންނާ އިންނަން އެއްބަސްވެދީ!]
އަދުނާނު ޖަވީދާ ކައިރިއަށް ޖެހިލިއެވެ.
އަދުނާނު
ޖަވީދު!... އެ މޮޔަ ....(އައުގުރާނައެއް) ހަމަ ބިމަށް ތިރިވީމަ އަވަހަށް ބިޑިއަޅުވާ! އަޑުއިވިއްޖެތަ؟
ޖަވީދު
ޔެސް ސަރ
އަނާގެ މޫނުމައްޗަށް ހިނިތުންވުން ވެރިވެން ދިޔައެވެ. ހެވި ދިލިފައި ހުރިއިރު ދެކޯތާފަތް މައްޗަށް ފައިބަމުންދިޔަ ކަރުނަތައް ހުއްޓިފައި ހުރިކަހަލައެވެ.
އަދުނާނު
(ވަރަށް ރުޅިއައިސް ރަތްވެފައި ހުރެ އަނާއަށް)
ކަލޭގެ ލޯބިވެރިޔާ އެއީ މޮޔައެއްތަ؟
އަނާއަށް ހީނގަނެވުނެވެ. ލިބުނު އުފަލާއި ހިތްހަމަ ޖެހުމުގެ ސަބަބުންނެވެ.
އަނާ
ނޫނޭ... އެއީ އޭނަ އަހަންނަށްޓަކައި އިމާރާތެއްގެ މަތިންވެސް ފުންމާލަފާނަމޭ ބުނީމަ އަހަންނަށް ބުނެވިފަވަނީ ނުކެރޭނޭ ފުންމާލާކަށް...
ނިމުނީ


varah salhi...............ahmmadey yah hama medal kiyaavaru vey......:D
v salhi, rangalhu hiyaaleh kujaka propose kuran
?But male' ga ehaa us bilding eh ebahuribaa
Haadha us building ekey dhw
އަނާއަށް ހާޓް އެޓޭކެއްޖެހި މަރުނުވިކަން ރަގަޅެއްނު