maavahinfo

Saturday, May 19th

Last update10:58:41 PM GMT

:: "ހިޔަޅު"

"ހިޔަޅު"

E-mail

"ވަޢަލައިކުމުއްސަލާމް" ފަހަތުން މީހަކު ސަލާމްގޮވާލިއަޑު އިވުމުން ފަހަތައް އެނބުރެމުން ޖަވާބުދިނީމެވެ. ކުރިމަތީގައި

އަތް ދިއްކޮށްލައިގެން ހުރީ އަހަރެން ދަންނަމީހެއްނޫނެވެ. އިސްކޮޅުންދިގެވެ. ހިކި ހަށިގަނޑެކެވެ. ހަމުގެ ކުލަ އައްޔެވެ. މަޑުނޫކުލައިގެ ޖިންސަކާއި އަތްކުރު ހުދުގަމީހެއްލައިގެން ހުރިއެމީހާގެ އަތުގައި އަހަރެން ހިފީމެވެ. އަތާއަތްޖޯޑު ކޮށްލިއިރު އަހަރެންގެމޫނު ގައިވަނީ ސުވާލުމާކެކެވެ.

 


"ކުޑަ ވާހަކައެއް ދައްކާލަންވެގެން" އަތްދޫކޮށްނުލާ ހުރެއޭނާބުންޏެވެ.

"ފޯނެއްގަ ދޯ!" އަހަރެން ހުރީފޯނުގަކަންވެސް ހަނދާންވީ އެހެން ބުނީމައެވެ. "ނުނިމޭނެތަ އަވަހަކަށް"

އެކޮޅުގަ ހުރީ އަންހެނުންނެވެ. އަހަރެން ކަނޑާނުލާ ފޯނުލީ ޖީބަށެވެ. ހިލޭނަންބަރެއްވީމައެވެ. އަނެއްކާ ކަމެއްވިޔަސް އަންހެނުންނަށްވެސް އެނގޭނެތީއެވެ. މާލޭގައި މާރާމާރީތަކާއި ފޭރުންތައް ގިނަވެފައިވީމައެވެ.

"އަހަންނަކީ މާލޭމީހެއް" އޭނަ ވާހަކަ ފެށިއެވެ. "ބައްޕަ ގެހަދާފަ ގެދިނީ ބޭބެއަށް ހަތަރުބުރި އެއްކޮށް، ބޭބެ ކައިވެނިކޮށްގެން އުޅޭތީ ގިނަ ޚަރަދުތައް ކުރަންޖެހޭނެތީއޭ ބައްޕަ ބުނީ" މޫނުމަތިން ހިތާމައިގެ އަސަރު ފާޅުވާންހުއްޓެވެ.

ރޯދަމަހުގެ ދެވަނަދުވަހުގެ ހެދުނުކަމުން މަގުމަތި އޮތީހުސްވެފައެވެ. ސަތޭކަ ވަރަކަށްފޫޓް ދުރުގައި ހުރިފިހާރައެއްގެ ކުރިމަތީގައި ގާޑަކު ނިދާފައި އިނެވެ. މަގުގެ އަނެއްފަރާތުގައި ތަންކޮޅެއްދުރުގައި މަގުކުނިކަހާމީހަކު ކުނިކަހަމުން ދެއެވެ. ދުއްވާ އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. ޕާކް ކޮށްފައިވާ އެއްޗެއް ފިޔަވައެވެ.

"އަހަރެން އެކަމާދެކޮޅުހަދާ ބޭބެމެންގެ ބަޔަށްވަންނާތީ ބައްޕަ އަނިޔާކުރަންފެށީ، ބަލާ! އުހު.." ވާތުއުޅަނބޮށީގައިވާ ފާރުގަނޑަކާއި،ކަނާތުގައި ހުރި ކުޑަތަންކޮޅެއް ދައްކާލައިފައި ބުންޏެވެ. "މައްސަލަޖައްސަން ޕޮލިހައްދިޔައިމަވެސް މަ ގޯސްވީ،"

އަހަރެން އެއްޗެއް ނުބުނެ އަޑުއަހަން ހުރީއެވެ. މީހުން ދައްކާވާހަކަ އަޑުއެހުމުގެ ހުނަރާބެހޭގޮތުން މަޑުލު ވަހީދުލިއުއްވާފައިވާ ލިޔުމެއް ކިޔާލެވުނުތާ މާގިނަދުވަހެއްނުވާތީ، އޭގެން ލިބުނު މަޢުލޫމާތުގެ ބޭނުން ހިފީމެވެ. އަހަރެން ބޭނުންވީ އަހަރެން އޭނާގެ ވާހަކައަށް ސަމާލުކަން ދޭކަން ހާމަކޮއްދޭށެވެ.

"އެންމެ ފަހުން ޕޮލިހުން ބުނީ ގެއަށްނުވަދެ މަޑުކުރާށޭ ބައްޕަ ރުޅިމަޑުވަންދެން، ނޫނީތިމަންނަމެން ގުޅަންދެން" އޭނާ އަށް ގޮތް ހުސްވެފައިވާ ފަދައެވެ. "މިހާރު މަސްވެރިންގެ ޕާކުގަ ނިދާތާ ތިންދުވަސްމިވީ؛ އަހަރެން އަތުގަ މިވަގުތު އެންމެ ރުފިޔާއެއްވެސް ނެތް" އަސްލު މައުލޫއަކީ އެއީކަން ވިސްނުނެވެ. "ކާލާނެ ގޮތެއް ހަދާލަދެވިދާނެތަ؟" އޭނާ އެދުނެވެ.

މާލޭގައި "ފޭކް ސްޓޯރީތައް" ޖައްސާމީހުން ވަރަށް ގިނައިންއުޅެއެވެ. އެކަހަލަ ބައެއްމީހުނާ ދިމާވެފައި ހުރުމުން ފުރަތަމަ ވިސްނާލީމެވެ. ހަދާނެ ގޮތެއް އަހަރެންގެ ހިތުންވިސްނަމުން ދިޔައީމެވެ. މިއީ ރޯދަމަހެވެ. ގިނަގިނައިން ޞަދާޤާތްކުރުމަށް އަހަރެމެންގެ ނަބިއްޔާ އިރުޝާދުދެއްވައި އެކަމުގެ ނަމޫނާ އެންމެފުރިހަމަޔަށް ދައްކައިދީފައިވެއެވެ. އަހަރެން ހުރީ ޞަދަޤާތަކަށް އެއްޗެއްދޭނެކަހަލަ މީހަކު ހޯދާލަހޯދަލައެވެ.

"ސަތޭކަރުފިޔާއިން ދެތިންދުވަހު ކާލެވޭނެ" އޭނަބުންޏެވެ. "އަހަރެން ބޭނުމެއްނޫން ލާރި ހޯދާކަށް، އެކަމު މިވަގުތު އެހެން ހަމައެއްގޮތެއްވެސް ނެތީ، އަހަރެން އަނބުރާދައްކާނަން" އޭނާބޭނުންވީ އަހަރެންނަށް ޔަޤީންކަން ދޭށެވެ." އަހަރެންގެ ނަންބަރުވެސް ދޭނަން"

އަހަރެން ވިސްނީ އެހެން ގޮތަކަށެކެވެ. "އަހަރެންނާއެކު ދާންވީނު ކާން، ހޮޓަލަކަށް ނޫނީ ރެސްޓޯރަންޓަކަށް" އަހަރެން ލާރިދޭހިތް ނުވީއެވެ. ވޮލެޓްގައި އެއިރުއޮތީވެސް ސަތޭކަ ރުފިޔާއެއް އެކަންޏެވެ. ނަގާދޭންވީއޭ ވެސް ކިތަންމެ ފަހަރަކު ހިތައް އެރިއެވެ.

"އަހަރެން ދުވަހަކުވެސް ހޮޓަލަކަށް ނާރަން" ބުނިރާގުން ހީވަނީ ވަރަށް ޅަކުއްޖެއްހެނެވެ.

"ނުކެރޭނެ ރެސްޓޯރަންޓަކަށްވެސް ދާކަށް" އޭނާ ބުންޏެވެ. "މަންމަ މަނާކޮށްފަ އޮންނަނީ"

"ދެން އެހެންވިއްޔާ ކިހިނެއް މިހާރުކަނީ" އަހަރެން ސުވާލުކުރީމެވެ.

"ރައްޓެއްސަކު ކާއެއްޗެހި ގެނެސްދިނީމަ ޕާކުތެރޭގަ ކަނީ"

"މަގުމަތީގަ ކެއުމަށްވުރެ ރަނގަޅުވާނެ މިތަނުންކެފޭ އަކަށްވަނަސް" އަހަރެން ބުނެލީމެވެ.

"މަގުމައްޗަކު ނުކަމޭ، ޕާކުގަ ނިވައިވެގެން އިނދެކަނީ"

" އެކަމަކު އެއަށްވުރެ މާރަނގަޅުވާނެ ތާކަށްގޮސްކާލީމަ"

އޭނާ އެއްބަސްވީ ލައްކަ ކިއައިގެންނެވެ. ރޯދަ ވިއްލަން ޠައިބާ މިސްކިތައްއަންނަން ޤަބޫލުވެގެން އޭނާ ހިނގައްޖެއެވެ.

ފަހެއްޖެހި އިރު ފެންވަރާލައިގެން އަހަރެންވެސް ތައްޔާރުވީ ރޯދަވިއްލަން މިސްކިތައް ދާށެވެ. މިއަދު އަދި އެއްފޮތް ކިޔަވާލަން ހިތުގައި އޮތީމާ ތަންކޮޅެއް ކުރިންދާން ނިންމީއެވެ. ނިކުމެ ސައިކަލަށް އަރަނިކޮށް ފޯނެއްއައެވެ.

"އައްސަލާމްޢަލައިކުމް"

"ވަޢަލައިކުމުއްސަލާމް" އެއީ ބޭބެގެ ފޯނެކެވެ. " ފަސްހާސް ރުފިޔާނަގާފަ ބާއްވަދީބަލަ ދޮންބެ އަންނަންވާއިރަށް" ދޮންބެ އުޅެނީ ހުޅުލޭ ވަޒީފާގައެވެ. ދޮންބެގެ ވިސާކާޑް އޮތީ އަހަރެންގެ އަތުގައެވެ.

މިސްކިތައްދިއުމުގެ ކުރިން ފުރަތަމަ ދިޔައީ އޭޓީއެމަކަށެވެ. ދޮންބެ ކޮންމެ ގަޑިއަކުވެސް އަތުވެދާނެއެވެ. ލާރިކޮޅު ވޮލެޓަށް ލުމަށްފަހު މިސްކިތާދިމާއަށް ދުއްވާލީމެވެ.

ބަންގިގޮވުމުން ރޯދަވިއްލުމަށް ބޭރަށް ނިކުމެ އޭނާ ފެނޭތޯ ހޯދާލީމެވެ. ލޮލުގައި އަޅައެއްނުގަތެވެ. އަވަސްކޮށްލައިގެން އަވަހަށް މިސްކިތަށް އެރީ ސުންނަތް ކޮށްލާށެވެ.  ރޯދަމަހުގައި ސުންނަތް ނަމާދަކުންވެސް ފަރުޟު ނަމާދެއްގެ ސަވާބުލިބޭތީއެވެ. އަހަރެން މިސްކިތުން ފޭބީ ނަމާދުކޮށްނިމިގެން ސުންނަތްވެސް ކޮށްގެންނެވެ. އޭނާ ފެނޭތޯ ހޯދާލުމަށްފަހު ބޭރުގައި މަޑުކޮށްލީމެވެ.

އޭނާ އައީ ބޭރުންނެވެ.

"އައްސަލާމް ޢަލައިކުމް" އަހަރެން ސަލާމް ކޮށްލީމެވެ.

"އަންނަނިކޮށް ބަންގިގޮވީމަ އެންމެ ކައިރީގަ ހުރި މިސްކިތަށްވަނީ" ސަލާމްގެ ޖަވާބުދިނުމަށްފަހު އުޛުރެއްދެއްކިއެވެ.

ދެމީހުން ދިޔައީ "ރާނބާ"އަށެވެ. އެހާ އެތެރެއަށް ވަންނާކަށް އޭނާ ބޭނުމެއްނުވިއެވެ. ކެއުމުގައި މާލަސްނުކޮށް ދާން އަހަރެންވެސް ބޭނުމެވެ. ތަންކޮޅެއް ކުރިން ނުދިޔައިއްޔާ ޢިޝާނަމާދުގައި ބައިވެރިވެވޭނީ ފަހަތު ސަފަކުންނެވެ. އެހެންކަމުން މާގިނަ ވާހަކައެއް ނުދައްކާ ވަރަށް އަވަހަށް ކާލައިފީމެވެ. ބިލްގެނައުމުން ބިލުގައި "ޕިން"ނަންބަރު ޖެހުމަށްފަހު ކޭޝްކާޑް ދިއްކޮށްލީމެވެ. ކާޑުގެންނަށްދެން އަހަރެން ވޮލެޓް ޖީބަށް ނުލާ މޭޒުމަތީގައި ބާއްވާލީމެވެ.

ކުއްލިއަކަށް ވޮލެޓްނަގައިގެން އޭނާ ދުއްވައިގަތެވެ. އަހަރެން ފަހަތުން ނިކުތް އިރު އޭނާހިފަހައްޓައިގެން ދެޕޮލިހުން ތިއްބެވެ. އަހަރެން ހުރީބުނާނެ އެއްޗެއް ނޭނގިފައެވެ.

" ވަރަށް ވިސްނައިގެން އުޅުއްވާތި" ވޮލެޓް އަތުލުމަށްފަހު އަހަރެންގެ އަތަށް ދެމުން ބުންޏެވެ.

"ޝުކުރިއްޔާ ވަރަށްބޮޑަށް" އަހަރެން ބުނީމެވެ.

"އެކަމަކު، މިފަހަރު ހުރިހާ ޝުކުރެއް ކަލޭގެ އަންހެނުންނަށް" ޕޮލިސްޖިޕަށް އޭނާ އަރުވައިގެން ނައްޓާލަމުން ބުންޏެވެ.

-ނިމުނީ-

 

މިލިޔުމަށް ހިޔާލުފާޅުކުރެއްވުމަށް
...s... .

haadha visnun therei ainbekey dhoooo : )
ނަން:
އީމެއިލް:
 
ސުރުހީ: