
މާވަށުގައި ކަރަންޓުގެ ހިދުމަތް ކޮންމެވެސް ސިފައެއްގައި އެއިރުވެސް ލިބެމުން ދިޔައެވެ. ނަމަވެސް އަލިކޮށްލުމަށް ދިއްލާލާ ބޮތްކެއްގެ ބޭނުން ނޫން އެހެން ބޭނުމެއް އެއަކުން ނުކުރެއެވެ.
ހީވާގޮތުގައި، އެއިރު އެހެން ބޭނުމެއް ކުރެވޭ ވަރުނުވެފައި، ކުރެވެން ވެސް ނުހުންނަނީއެވެ. ކަރަންޓު ލިބެނީ އިރުއޮއްސި ހަޔަކުން ރޭނގަޑު އެގާރަ އަށެވެ. އެގާރައިގެ މާކުރިން މުޅިރަށް ނިދާ މަރުވާނެއެވެ.
މަދަރުސާގެ ކިޔެވުމުގެ އަހަރު ނިމި ބޮޑުޗުއްޓި ލިބިއްޖެއެވެ. އަހަރެން އެންމެ އުންމީދު ކުރަމުން އައި ދުވަސް އައީއެވެ. ބައްޕަ ބުނުއްވާފައި އޮތީ، މިފަހަރު އޭރިޕޯޓަކުން ފާސްވެއްޖެނަމަ މާލެ ގެންގޮސް ދޭނެ ކަމަށެވެ. ކުލާހުން އެއްވަނައަށް ރިޕޯޓު ފޯމު ހޯދައިގެން އަހަރެން ގެއަށް އައިއިރުވެސް ބައްތިރީސްދަތް ހަމަ ނުވާ ދަތްޕިލައިގައި ނުފެންނަ އެންމެ ދަތެއްވެސް ނެތެވެ. މިފަހަރު އަހަންނަށް މާލެ ދެވޭނެތީއެވެ.
ބޯޓުގައި ދެރެއެއް ވުމަށްފަހު މާލޭގެ މަލަމަތި ދައްކާލައިފިއެވެ. ގާތްވި ވަރަކަށް ތަންތަން ސާފުކޮށް ރީތިކޮށް ފެންނަމުން ދިޔައެވެ. ބޮޑު ދިދައާއި ބޮޑުގުއްބެވެ. ބޮޑެތިއުސް ގެތަކާއި އިމާރާތް ތަކެވެ. ރީތި ކުލަ ކުލައިގެ ގެތަކެވެ. އަހަރެންގެ ކުރާހާ ފޮތުގައި ފެން ކުލައިން ކުރަހާ ލެވިފައިވާ ތަސްވީރެއް ފަދައެވެ.
މާލެއަށް ފޭބުމުން މަގުތައް މަތީގައި ދުއްވަމުންދާ ތަފާތު ވެހިކަލްތަކުން އަހަރެން ވަނީ އަންތަރީސް ވާހާ ވެފައެވެ. މީހުން ގިނަ ކަމުން ހީވަނީ ބޮޑު ކަމެއް ވެގެން އުޅެނީ ހެނެވެ. ބައްޕައާއި އެކު ފިނިފިނި ކާރެއްގައި އަލަށްދުއްވާ ލާފައި އަހަރެން ދިޔައީ ބައްޕަގެ ރައްޓެއްސެއްގެ ގެއަކަށެވެ.
ބޮޑުކޮށް ހަދާފައިވާ ރިތި ގެއެކެވެ. ބައްޕަގެ ރައްޓެހި އިބުރާހީމުބެ ހުރީ އަހަރެމެނަށް ވަކިން ކޮޓަރިއެއް ހުސްކޮށްދީފައެވެ. ބޮޑުޗުއްޓީކަމުން އެގޭގައި އުޅޭ ބައެއްކުދިން ވަނީ ރަށަށްގޮސް ކަމުގައި އަހަންނަށް ފަހުން އެނގުނެވެ. މިދަރުގައި ކަރަންޓުގެ ވަރަށް ގިނަ ބޭނުންތަކެއް އަހަރެންނަށް ފެނިގެން ދިޔައެވެ. ކޮޓަރީގައި ހުރިފަންކާ އެނބުރެނީ ކަރަންޓުންނެވެ. ރަށުގައި ނަމަ ފަންކާޖެހޭނީ އަތުން ވިހޭށެވެ. ނޫނީ ހުންނާނީ ވާފަށަކުން ދަމާގޮތަށް ހަދާފައި ހުންނަ ބޮޑުފަންކާއެކެވެ. ރޭޑިއޯ އަކީވެސް ކަރަންޓުން ބޭނުން ކުރެވޭ އެއްޗެކެވެ. ރަށުގައި އެއަށްބޭނުން ވަނީ ބެޓެރިއެވެ. މިހެން ގޮސް އެތަށްކަމެކެވެ. ފާހާނާގައިވެސް ދާންޏެއް ބޭނުމެއް ނުވެއެވެ. ހުންނަނީ ހުސް އިސްކުރެވެ. ނަމަވެސް އެއީ ކަރަންޓުގެ ފަސޭހައެއް ކަމެއް އޭރަކު ނޭނގެއެވެ.
ދަތުރުގައި އަހަންނަށް ތަފާތު އެތައް އާކަންތައްތަކެއް ދަސްވަމުން އާތަންތަން ފެންނަމުން ދިޔައެވެ. އަހަރެން އެކިތަންތަނަށް ގެންގޮސްދެނީ އެގޭ އިބުރާހީމްބެގެ ދަރިފުޅެކެވެ. މިސްކިތައް ވެސް ދަނީ ދެމީހުން އެކީގައެވެ.
އެއްރެއެއްގެ މަޣުރިބު ނަމާދުވަގުތެވެ. ބަންގި ގޮވުމުން ދެމީހުން މިސްކިތައް ދިއުމަށް ނައްޓާލައިފީމެވެ. މިސްކިތް އެހާ ކައިރިއެއްވެސް ނޫނެވެ. ތަންކޮޅަކަށް ހިނގާލި ތަނާ އަހަރެންގެ ބަނޑު ކައްކާލިއެވެ. ނަމަވެސް ކެއްކޮށްލައިގެން ހުރެ މިސްކިތާދިމާލަށް ދިޔައީމެވެ. އިރުކޮޅަކުން ހަމައަކަށް އެޅިދާނެ ކަމަށް ބަލާފައެވެ. ނަމަވެސް މިސްކިތާއި ހަމައަށް ދެވުނު އިރު ހުރީ ދާހިއްލާ ފޯވެފައެވެ. ވީކީއްތޯ އަހާލުމުން އަހަރެންނަށް ބަނޑުގައި އަތް އަޅާލުމާއި އެކު މޫނައް ޖެއްސުނު ވައްތަރަކުން ވީގޮތް އޭނަ ދެނެގަނެފިއެވެ. އަދި ގެއަށް ގޮސްފިނަމަ ޖަމާޢަތް ގެއްލޭނެކަމުގައި ބުނުމަށްފަހު، މިސްކިތުގައިވެސް ފާހާނާ ހުންނާނެ ކަމުގައި ބުނެދިނެވެ. އަދި އަހަރެންނަށް ފާހާނާ ދެއްކުމަށްފަހު އޭނާ ވުޟޫކޮށްގެން ޖަމާޢަތަށް ދާން ހިންގައްޖެއެވެ.
އެއީ ކުޑަކުޑަ ގޮޅިއެކެވެ. ހުރީ ތައްޓާއި އެންމެ އިސްކުރެކެވެ. ތައްޓާދިމާ މަތީގައިވެސް ފާޑެއްގެ އެއްޗެއް ހަރުކޮށްފައި ހުއްޓެވެ. އަހަރެން ނުގޮތަކަށް އިނދެ ހާޖަތް ފުއްދައިފީމެވެ. އަދި ދޮވުމަށްޓަކައި އިސްކުރު އަނބުރައިލައިފީމެވެ. ކުއްލިއަކަށް މަތީގައި ހުރި އެތި ތެޅިލާފައި ހަލޭލަވައި ގަތެވެ. ހީވަނި ބޯމައްޗަށް ވެއްޓެން އުޅޭހެނެވެ. ނޫނީ ގޮވަން އުޅޭ ބޮމެއް ނޫންބާވައޭވެސް ހިތައް އެރިއެވެ. ކޮންމެ އަކަސް އެއެއް، ހުއްޓޭކަށް ނޫޅެއެވެ. ހީވަނީ ދެންމެ ދެންމެ އަހަރެންނާއި އެކު މުޅިތަން ގޮވަން އުޅޭ ހެންނެވެ. ބަލާކަށް ނެތީމެވެ. އެއްވެސް ތަނެއް ދޮންނާކަށް ނަހަދަމެވެ. އެތިކޮޅު އަރުވާލައިގެން އަވަހަށް އެތަނުން ނިކުމެއްޖެއީމެވެ. އަހަރެންގެ ހިތް އޮތީ ބޭރުގައި ހެން ހީވެއެވެ.
މިސްކިތަށް އެރޭކަށް ނެތެވެ. އެތަނުން ތާހިރު ވެވޭކަށް ނެތެވެ. ހުރިގޮތަށްގެއަށް އައިސް ފެންވަރައިގެން ނިކުތްއިރު އިބުރާހިމްބެ ގެ ދަރިފުޅު އަހަރެން ނުފެނިގެން ހޯދާ ހޯދާފައި ހާސްވެގެން ގެއަށް އައިސް ވަދެއްޖެއެވެ. އަހަރެން ފެނުމުން ހަމަ ޖެހިލާފައި ކިހިނެއް ހެދީހޭ އަހާލިއެވެ. އެއްވެސް މީހެއްގެ ގާތުގައި ނުބުނުމަށް ވަޢުދުކޮށްފައި ވީގޮތް ކިއައި ދިނީމެވެ. ހީހީފައި އަހަރެންގެ އަތުގައިހިފައިގެން ގޮސް ދެއްކީ އެގޭގައި ހުރި ފެންމޯޓަރެވެ.
އަދި ބުންޏެވެ. "މީއަދި އަހަރެންނަށް ބުނެނުދެވޭ އެއްޗެއްތާ!"
ނިމުނީ

ވަރަށް މަޖާ ވާހަކައެއް..ހިހިހި...
މީހަޤީގީ ވާހަކައެއް ބާ...؟ ވަރަށް މަޖާ....
hehehe... majaaa vahaka eh ... hama haqeegathei baa??
varah maja n varah salhi