maavahinfo

Saturday, May 19th

Last update10:58:41 PM GMT

:: މާވަށުގެ ރައްޔިތުން- މަސައްކަތްތެރިކަމުގެ ނަމޫނާ ބައެއް

މާވަށުގެ ރައްޔިތުން- މަސައްކަތްތެރިކަމުގެ ނަމޫނާ ބައެއް

E-mail Print
ޔޫޒާރ ރޭޓިން: / 0
ގޯސްބަރާބަރު 

މާވަށުގެ ބަނދަރު ޞަރަޙައްދުގައި މަސްހިއްކުމަށް ތައްޔާރުކޮށްފައިވާ އަށިތަކެއް

އަޅުގަނޑުމެންގެ އަތޮޅު، ހައްދުއްމައްޗަކީ ވަރަށް މަސައްކަތްތެރި، ހީވާގި ރައްޔަތުން އުޅެމުންދާ އަތޮޅެއްކަމާމެދު ދެބަސްވާނެ ބަޔަކު ނުވަތަ މީހަކު ހުންނާނެ ކަމަށް ހަމަ ޔަޤީނުންވެސް އަޅުގަނޑެއް ނުދެކެމެވެ.

ހަމަ އެހެންމެ، މާވަށަކީ ރާއްޖޭގެ ގިނަރަށްތަކާއި ތަފާކޮށް މަސައްކަތްތެރި ކަމާއި ހީވާގިކަމުގެ ވަރަށް ލާމަސީލު މިސާލެއްފަދަ ރައްޔިތުންތަކެއް ދިރިއުޅެމުންދާ ރަށެކެވެ. ބުނެވޭ ގޮތުގައި ދެވަނަ ޖުމްޙޫރިއްރާގެ ފުރަތަމަ ރަޢީސުލްޖުމްޙޫރިއްޔާ، އިބްރާހީމް ނާޞިރުގެ ދައުރުގައި ހުޅުމާލޭގައި އެއަރޕޯޓްހެދުމުގެ ޤަޢުމީ އެ ބޮޑުމަސައްކަތުގައިވެސް ހައްދުއްމަތީގެ ރައްޔަތުން ދައްކާފައިވާ މަސައްކަތުގެ ނަމޫނާގެ ސަބަބުން ހުރިހާ އަތޮޅަކުން އެއްވަނަ ލިބުނީ ހައްދުއްމައްޗަށެވެ. ހައްދުއްމައްޗަށް އެއްވަނަ ލިބުނު އިރު، މުޅިއަތޮޅުން އެއްވަނަ ލިބުނުކަމަށް ބުނެވެނީ މާވަށުގެ ރައްޔަތުންނަށެވެ.

 

މިހާރުވެސް، މާވަށުގެ ކޮންމެ ދިމާއަކަށް ބަލާލުމުންވެސް ފެންނަން އޮތީ ތަފާތު މަސައްކަތްތަކުގައި ޒުވާނުންނާއި ހަރުފުރާގެ ގިނަ މީހުންގެ ތެރޭން މަސައްކަތް ކުރެވޭނެ ފަދަ ޙާލަތުގައި ތިބިމީހުން އެކިއެކި މަސައްކަތުގައި ސާމިލުވެގެން އުޅޭ މަންޒަރެވެ. އަޅުގަނޑު ހިތުން، ކަމެއްނެތި އަތްއުރާލައިގެން ތިބޭ މަދުބައެއް ތިބިކަމުގައިވިޔަސް ޖުމުލަގޮތެއްގައި މާވަށަކީ ހީވާގި، މުރާލި މަސައްކަތްތެރި ރައްޔަތަކު ދިރި އުޅޭރަށެކެވެ. ރާއްޖޭގެ ވަރަށް ގިނަރައްތަކުގައި މަސައްކަތެއްނެތި، މަގުމަތީ ހިނގާބިގާވާ މީހުނަށް ފުރައްސާރަކޮށް އުޅޭ “ހަލަބޮލި” ޒުވާނުން މާފަށުން ފެނުމަކީ ނާދިރުކަމެކެވެ. ހުރިހާ މަސައްކަތެއްގައިވެސް ޒުވާނުންގެ ދައުރު ވަރަށް ހާމަކޮށް މާވަށުން ފެންނަން އޮތްކަމީ އުފާކުރުން ޙައްޤު ކަމެކެވެ. ކަނޑުމަހުގެ މަސްވެރިކަން ކުރުމުގައިވެސް، މާލެ ދަތުރުކުރާ ބޯޓުފަހަރު ދުއްވުމުގައިވެސް، މަސްއޮޑި ދުއްވުމުގައިވެސް، ވިޔަފާރި ކުރުމުގައިވެސް، އިމާރަތްކުރުމުގެ ތަފާތު މަސައްކަތްކުރުމުގައިވެސް، މަސް ކައްކާ ހިއްކުމުގައިވެސް، ހުއިފިލަނޑާ، އިހި، ފާނައިގެ މަސްވެރިކަމުގައިވެސް އެއްމެއިސް ސަފުގައި ޚަރަކާތްތެރި ވާތަންފެންނަނީ އާއްމުގޮތެއްގައި ޒުވާނުންނެވެ. މިކަން މިގޮތަށް އޮތްއޮތުން ދޭހަކޮށްދެނީ މާވަށުގެ ކުރިމަގުގެ އުޖާލާކަމެވެ.

 

އަޅުގަނޑުމެންގެ ރަށާއި އެހެން ރަށްތަކާއި ތަފާތުވާސަބަބު ތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއްކަމަކީ މާވަށުގައި ތަފާތު އެކިއެކި މަސައްކަތްކޮށްގެން އާމުދަނީ ލިބުމުގެ ފުރުޞަތު ތަނަވަސް ވެފައި އޮތްކަމެވެ. ރަށުގެ އާބާދީ އާއި، އަދި ރަށުގައި ވަޒަންވެރިވެގެން އުޅޭމީހުންގެ ބައެއް އެހެން ރަށްތަކާއި ނިސްބަތުން ގިނަކަން އެއީ މިދެންނެވި ފުރުޞަތުތަކަށް މަގުފަހިވެގެން ދިއުމަށް މެދުވެރިވެފައިވާ އެއްސަބަބެވެ. ޢިމާރާތްކުރުމުގެ މަސައްކަތް ކުރާމީހުންނާއި، ވަޑާން ކުރުމުގެ މަސައްކަތް ކުރާމީހުންނާއި، މަސްވެރިކަމުގެ ތަފާތު މަސައްކަތް ކުރާމީހުންނަށްވެސް އެމަސައްކަތްތައް ކޮށްގެން އާމުދަނީ ލިބޭނެމަގުތައް އަޅުގަނޑުމެންގެ ރަށުގައި ތަނަވަސް ވެފައި އެބައޮތެވެ. ޢިމާރާތްކުރުމުގެ ތަފާތު މަސައްކަތް ކުރާމީހުންނަށް ވަރަށް ބޮޑު ޑިމާންޑެއް މާވަށުގައި އޮތްކަމަށް ފާހަގަ ކޮށްލެވެއެވެ.ރަށުގެ ބައެއްމީހުން ފާހަގަ ކުރާގޮތުގައި މުޅި ރާއްޖެއަށްވެސް ދިމާވެފައިވާ “ބިދޭސީ ހުމުގެ” ސަބަބުން ބައެއް ކަހަލަ މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ ގޮންޖެހުމެއް އަޅުގަނޑުމެންގެ ރަށަށްވެސް ވަނީދިމާވެފައެވެ.ހަމައެހެންމެ ބައެއްކަހަލަ މަސައްކަތްތަކަށް ބިދޭސީ މަސައްކަތްކުރާމީހުންގެ ސަބަބުންވަނީ ކުރިއެރުންވެސް ލިބިފައެވެ.

 

އެއްމެ ޚާއްޞަގޮތެއްގައ މާވަށު ރައްތިތުންގެ މުރާލިކަމާއި ހީވާގިކަމުގެ ނަމޫނާ ފެންނަންއޮތީ މަސްވެރިކަމުގެ މަސައްކަތުންނެވެ. މަސްވެރިކަމުގެ މަސައްކަތް މާވަށުގައި ކުރިއަރާފައި އޮތްމިންވަރަކީ މަސްބޭނުމުންފެށިގެން ގޮސް މަސްގެނެސް، ސާފުކޮށް، ކައްކައި، ހިއްކައި، ބަންދުކޮށް، މާލެ ފޮނުވާ، ވިއްކުމުގެ މަރުހަލާ އާއި ހަމަޔަށްވެސް އަޅުގަނޑުމެންގެ އަމިއްލަރަށުގައި މިމަސައްކަތް ވަރަށްބޮޑަށް ތަރށްޤީވެފައިވުމެވެ. އަޅުގަނޑުމެން ތައްޔާރުކުރާ ހިކިމަސް މާލެގެންނަން ނުޖެހި ފަސޭހަކަމާއެކު އަޅުގަނޑުމެންގެ ސަރަޙައްދުން ދުނިޔޭގެ މާރުކޭޓުތަކަށް ބޮޑުއަގުގައި ވިއްކާލުމުގެ ދޮރު “އަނެއް ދިވެހިރާއްޖޭގައި” އެބުނާގޮތަށް ހުޅުވިގެން ގޮސްފިނަމަ މަސްވެރިކަމުން ރަށަށްލިބޭ އާމުދަނީ އެތައްގުނަޔަކަށް އިތުރުވެގެން ދާނެކަން ކަށަވަރެވެ. މިފަދަ ކަންކަމަށް ކުރިޔަށް އޮތް މަޖުލީހަށް ކުރިމަތިލާ ބޭބޭފުޅުން ވިސްނުން ހިންގާލުން އެއްމެ ރަނގަޅެވެ.

 

މާވަށަކީ ” މަސްވެރިކަމުގެ ކާރުޚާނާއެއް” ފަދަ ރަށެކެވެ. މިހެންމިދެންނެވީ ހިކި ކަނޑުމަހުގެ އަގުހުންނަ ދުވަސްވަރެއްގައި، ވަކި މާވަށުގެ ރައްޔަތުންނަށް ނުދެވުނު ބޮޑު އަގެއް ރޯމަހަށް ދެވޭނެ އެއްވެސް ބަޔެއް ނެތްކަމެވެ. އަނެއް ކަމަކީ މާވަށުގެ ރައްޔިތުން މަސް ކައްކާ ހިއްކުމުގެ ވިޔަފާރި ކުރާލެއް ފުޅާކަމެވެ. ތިން ހަތަރުޓަނުގެ މަސް އެއްފަހަރާ ގަނެ ކަނޑައި، ކައްކައި، ހިއްކާލުމުގެ ޤާބިލުކަން އަޅުގަނޑުމެންގެ ތެރޭން އެތައް ބަޔަކުވަނީ ހޯދާފައެވެ. ހިކިމަހުގެ އަގުހުންނަ ދުވަސްވަރު މާވަށުގައި މަސްގަތުމުގެ މައިދާނުން ސިފަވެގެންދަނީ އަގުހުރި ނީލަމެއްގެ ބީދަޔަށެވެ. އަތޮޅުގެ ރަށްތަކުގެ ދޯނިފަހަރުގެ އިތުރުން ރާއްޖޭގެ އެކިސަރަޙައްދުތަކުގެ މަސްދޯނިތައް މާވަށަށް މަސްކިރަން އަންނަކަމީ އާއްމުކަމެކެވެ. ހަމައެކަނި ހިކިމަސް އުފެއްދުމެއްނޫނެވެ. މާވަށަކީ މީރު ރިހާކުރު ތައްޔާރުކުރުމުގައިވެސް ފާހަގަކޮށްލެވޭ ރަށެކެވެ. ހަމަ އެހެންމެ މުޅި ހައްދުމަތީގެ އިތުރުން މާވަށުގައި އުފައްދާ ރިހާކުރު ދަންނަ މީހުންގެ ތެރޭގައި ފާހަގަ ކުރެވިފައި އޮންނަނީ މީރު ރިހާކުރެއްގެ ގޮތުގައެވެ.

 

އަތޮޅުތަކުގެ ނިސްބަތުން އަޅާކިޔާލާއިރު، މާވަށުގައި ކުރަމުންދާ ބަޔެއް ވިޔަފާރިތަކަކީ ވެސް ނަމޫނާ މަސައްކަތެކެވެ. ބަޔެއް ފިހާރަތަކުން ލިބެންހުންނަ މުދާ އެއްމެ ކުޑަމިނުން ބަރަނިން ފެށިގެންގޮސް ހާޑުވެއަރ ސާމާނާއި ޢިމާރާތް ކުރުމަށް ބޭނުންވާ މުދާވެސް ލިބެން ހުރެޔެވެ. ފޯނު ކޮށްލުމާއެކު ކަސްޓަމަރުންގެ ގެޔަށް މުދާ ފޮނުވައި ދިނުމުގެ ޚިދުމަތްވެސް މާވަށުގެ ބައެއް ފިހާރަތަކުން ދެއެވެ. ރަށުގައި ހިންގާ ހޮޓާތަކަކީވެސް ނިސްބަތުން ރަނގަޅު ފެންވަރެއްގައި ހިންގަމުން ގެންދާ ތަންތަނެވެ. ރެސްޓޯރެންޓްގެ ޚިދުމަތް މާވަށުގައި ފެށިއްޖެނަމަ އިތުރު ފުރިހަމަ ކަމެއް މާވަށަށް ލިބިގެންދާނެކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ.

 

އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަންވީ ރަށުގައި ތަފާތު މަސައްކަތްތައް ފުޅާކޮށް ޒަމާނީ ގޮތްގޮތަށް ބަދަލުގެނެސް މަސައްކަތްތައް ކުރިއެރުވުމަށެވެ. ހަމަ އެހެންމެ ރަށަށް ލިބެން އޮތްނަމަ އޮތް ތަރައްޤީ އެއް ހޯދުމަށް އެއްމެން އެކަތި ގަނޑަކަށްވެއެވެ. އެއްމެ އިސްކުރަންވީ އަޅުގަނޑުމެންގެ ރައްޔަތުންގެ މަސްލަޙަތެވެ. އެއަށްފަހު އެހެން މަސްލަޙަތު ތަކެވެ. މިހެން ނުވެއްޖެނަމަ ކުރިމަގުގައި ލާމަރުކަޒީ އުޞޫލަށް މިރާއްޖެ ބަދަލުވެއްޖެނަމަ އެއް ޕްރަވިންސް އަނެއް ޕްރަވިންސް، އެއްރަށް އަނެއްރަށާއި ދެމެދު އުފެދިގެންދާނެ ކަމަށް ބެލެވޭ ތަރައްޤީގެ ވާދަވެރިކަމުގައި އަޅުގަނޑުމެން ފަހަތުގައި ތިބެންޖެހި ދާނެއެވެ. ހަމަ ޔަޤީނުންވެސް އެފަދަ ފަހަތެއްގައި އަޅުގަނޑުމެންގެ ރަށް އޮންނަން ޖެހިދާނެ ފަދަދުވަހެއް ދުށުމަކީ އަޅުގަނޑުމެންގެ ތެރޭން އެއްވެސް މީހަކު ދެކެން ބޭނުންވާނެ ދުވަހެއް ނޫނެވެ.

މިލިޔުމަށް ހިޔާލުފާޅުކުރެއްވުމަށް
sumone .

meethi kiya hitheh nuve.....cox liyun maa dhiguvefa font kiyan undhagu vy ma....:(
އެޑުމިން .

Sumone ގެ ކޮމްޕިޔުޓަރުގައި މިއާޓިކަލް ލިޔެފައިވާ ފޮންޓް ފަހަރުގައި ނެތްނަމަ ލިޔުން ކިޔަން އުދަގޫ ވެދާނެ ކަމަށް ލަފާ ކުރެވޭ. މި ލިޔުން ރީތިކޮށް ފެންނާނީ "Mv faseyha " މި ފޮންޓުން... މި ފޮންޓް ސައިޓުގެ ހޯމްޕޭޖުން ޑައުންލޯޑު ކުރެވެން ހުންނާނެ.

- ޝުކުރިއްޔާ -
ނަން:
އީމެއިލް:
 
ސުރުހީ: