
މާވަށު ހުކުރުމިސްކިތް
މިއީ މާވަށެވެ. މާވަށަށް އަހަރެން ކުރި ދަތުރެއްގައި ދިމާވި ކަންތައްތަކެކެވެ. އެއްދުވަހެވެ. ހުކުރު ދުވަހެކެވެ. އަހަރެން ފެންވަރާ ނަލަހެދިލައިގެން ހުކުރަށް ދާން ހިނގައިގެންފީމެވެ . އޭރު ބަންގި ގޮވަނީއެވެ. ގެއިން ނިކުމެ މަޑުމަޑުން ހިނގައިގަތީމެވެ. ކުއްލިޔަކަށް ކުދިބަޔަކު ހުނުމުގެ އަޑު އިވިގެން ފަހަތަށް އެނބުރި ބަލާލިއިރު، ކުދިބަޔަކު މޫދަށް އެރެންދަނީއެވެ. އޭރު ބަންގި އޮވެ ގޮވަނީއެވެ. އޭ ސަހަރޯއޭ ހިތައް އަރައި، އަނެއްކާވެސް މިސްކިތައް ދާން ހިނގައިގެންފީމެވެ. ގޭގެ ގޯޅީން ކަންމައްޗަށް ނުކުމެ ހުއްޓުނު އިރު ކުދިބަޔަކު ފެންވަރައި ނަލަހެދިގެން "އަމައިމައްޗަށް" ހުކުރަށް ގޮސް ތިއްބެވެ. ކަންމަތީގައި ބަހައްޓާފައި ހުރި ޖޯލި ފައްޗެއްކައި އޮށޯވެގެންނެވެ. އެއްކުއްޖެއްގެ އަތުގައި ސިނގިރޭޓް ބުރިވަރެއް އޮތެވެ. ބަލާބެލުމަށް އެއީ އަދި ސުކޫލު ކުދީންނެވެ. ތިންހަތަރު ކުދިން ތިއްބެވެ. ތިންކުދިންގެ މެދުގައި އަދި ހުކުރަށް ދާން ޚިޔާލެއްވެސް ނެތް "ބޮޑު" ޒުވާނަކު އޮތެވެ. ހީވާ ގޮތުގައި އެކުދިންނަށް ސިނގިރޭޓް ދީގެން އެ އުޅެނީ މި ޒުވާނާއެވެ. ކުރާނެކަމެއް ނެތޭ ހީކޮށް މިސްކިތާ ދިމަލަށް ދާން ހިނގައިގަތީމެވެ.
ވަކި ހިސާބަކަށް ނުދެވެނީސް ދެން ފެނުނީ ވަރަށް އެހެންކަހަލަ މަންޒަރެކެވެ. ފާޑަކަށް އަހަރެންގެ ގާތަށް ހިނިވެސް އަންނަގޮތް ވިއެވެ. ގެއެއްގެ އުނދޯލީގައި ވެޑުވިފައި އޮތް މީހަކު ކުޑަކުއްޖަކަށް ހަމަ "ހެސް" ކިޔާފައި އެއްޗެތި ކިޔަނީއެވެ. އޭނާ ކިޔަމުން ދިޔަ އެއްޗެއްސަށް ތަންކޮޅެއް ކަނުލައި އަޑުއަހާލިއިރު މިކިޔަނީ ބަންގި ގޮވައިގެން ދިޔައިރުވެސް މިސްކިތައް ނުގޮސް ހުރި ވާހަކައެވެ. އެހެންވެ އެކަމާ ހަޅޭއް ލަވަނީއެވެ. ރަނގަޅަށް ވިސްނާލި އިރު މިއީ އެ ކުއްޖާގެ ބައްޕައެވެ. ބައްޕަ ދާނުގައި ކަމެއް ނެތިފައި އޮވެ، ދަރިފުޅަށް އަމުރުކުރަމުން ދިޔަ ކަންތަކުން ހަމަ ހިނި އަންނަ ގޮތްވީއެވެ. އެހެނަސް މާ ލަސްވެދާނެތީ އަވަހަށް މިސްކިތައް ދާން ހިނގައިގެންފީމެވެ.
މިސްކިތާ ކައިރިވަމުން ދިޔައިރު ފެންނަމުން ދިޔަ މަންޒަރަކީވެސް ބަލާލަން އެހާ ކަމުދާ މަންޒަރަކަށް ނުވިއެވެ. ތަންތަނަށް ބައިބަޔަށް މީހުން އެއްވަމުން ދެއެވެ. ހިޔާގަނޑުގަނޑަށެވެ. ހީވާ ގޮތުގައި މި އެންމެންނަކީ މިސްކިތައް އައި މީހުންނެވެ. މިސްކިތުގައި ޖާގަ ހުރި އިރުވެސް އެތައް ބަޔަކު ބޭރުގައި މަޑުކޮށްގެން ތިބެންވީ ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ. ސުވާލު އުފެދުނެވެ. މަޑުމަޑުން ހިނގަމުން ގޮސް މިސްކިތައް އަރައިފީމެވެ. މިސްކިތައް އަރަން ދިމާކޮށްލި ގަޑީގައިވެސް ފެނުނީ ވަރަށް އެހެންކަހަލަ މަންޒަރެކެވެ. އަހަންނާ ދާދި އެއްކޮށް އައި މީހަކު މާސިންގާ ބޮޑު ދޮރެއް ހުއްޓައި، މިސްކިތުގެ ފާރުމަތިން އެ ވަނީ މިސްކިތަށެވެ. ހައިރާންވިއެވެ. ސަބަބަކީ ވިސްނޭ ހަރުމީހަކަށް އެމީހާވެފައި އެމީހާގެ ފުށުން އެކަހަލަ މަންޒަރެއް ފެނުނީމައެވެ.
މިސްކިތައް ވަދެ ފެންޑާ މަތީގައި އަހަރެން މަޑުކޮށްލީމެވެ. އޭރު މިސްކިތައް ބައެއް ޅަފުރާގެ ކުދިން އަންނަމުން ދެއެވެ. އެހެންނަމަވެސް އަހަންނަށް އެކުދިންގެ ފުށުން ފެންނަމުން ދިޔައީ ތަރުބިއްޔަތެއް ނެތި ބޮޑެތިވަމުން އަންނަ ބައެއްގެ މިސާލުންނެވެ. މި ބުނާ އުމުރުގެ ކުދިންތައް ގުރޫޕް ގުރޫޕަށް މިސްކިތުގެ ހަރުފަތް ބަރިމަތީގައި މިސްކިތައް ފުރަގަސް ޖަހައިގެން ތިއްބެވެ. އެ ކުދިންގެ ބައްޕަޔާއި ބޭބެ ފަހުން އައިސް އެކުދިންގެ ކައިރިން މިސްކިތައް އަރަމުން ދިޔައިރުވެސް އެއްވެސް އެއްޗެއް ނުބުނުމުން އަހަރެން ހައިރާންވިއެވެ. ހުކުރު ޚުތުބާގެ ބަންގިވެސް ގޮވައިފިއެވެ. ޚަތީބް މެންބަރަށް އަރައި ޚުތުބާ އަޑުއިންވަން ފަށައިފިއެވެ. އެހެނަސް އެއްކަލަ ކުދިންތަކަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ވާހަކަދައްކަމުން ދަނީއެވެ. ސަކަރާތް ޖަހަމުން ދަނީއެވެ. ވަރަށް އަޑުގަދަވެސް ކުރިއެވެ. އަދި އިރުކޮޅުކޮޅުން ތަންކޮޅެއް ބޮޑެތިކުދިންވެސް އެ ޅަކުދިންކޮޅާ ގުޅިއްޖެއެވެ.
ހުކުރު ހުތުބާ ކިޔަމުން ދިޔަ ވަގުތެވެ. މިސްކިތުގެ ބޭރަށް އަހަރެންގެ ނަޒަރު ހިންގާލީމެވެ. މާދުރުގައި ހުރި ގަސްތަކެއްގެ ހިޔަލުގައި ކުދިންތަކެއް އެއްވެ ސަކަރާތް ޖަހަން ތިއްބެވެ. ސިނގިރޭޓަކަށް ފަހު ސިނގިރޭޓެއް ބޮމުންދާ ކުދިންނެވެ. އެހެނަސް ލީޑް ކުރަންތިބީ ޒުވާނުންނޭ ކިޔާފައި އަޑު ހަރުކުރާ ހަމަ ހެޔޮވިސްނޭ މީހުންންވެ. މިސްކިތުގެ ދޮރުމަތުން ލާފައި ކުދިންތައް ހަމަ އެތަނަށް އެއްވަމުން ދެއެވެ. ހުތުބާ އަޑުއެހުމަކީ މި ކުދިންތަކަށް ނެތަކަމެއް ކަހަލައެވެ. އަހަރެން އެކަމާ ހިތާމަކުރީމެވެ. އެހެނަސް ދެން އެއަށްވުރެ ހިތާމަކުރުން ހައްޤު މަންޒަރެއް ލޯމައްޗަށް ފެނުނެވެ. އެއީ ސުކޫލުގެ އިސްކޮށް އުޅޭ ލީޑިންޓީޗަރެއް މަޑުމަޑުން ހިގާފައި މިސްކިތައް އައި މަންޒަރެވެ. އޭރު ދެވަނަ ހުތުބާ ފައްޓައިގެން ކުރިޔަށް ދެއެވެ. ހިތާމަކުރީ އެކަމަކާ ނޫނެވެ. ހިތާމަކުރީ ކުދިންނަށް ނަޞީހަތްދީ ހެޔޮގޮތް ބުނެދެން ހުރި މީހަކު އައިސް މިސްކިތުގެ ހަރުފަތް ބަރީގައި މިސްކިތައް ފުރަގަސް ފަރާތް ދައްކައިގެން ތިބި ގުރޫޕްގެ ކައިރީގައި އެއްކަލަ ލީޑިންޓީޗަރުވެސް އައިސް މިސްކިތާ ދިމާ އަދިކޮޅަށް އިށިންނުމުންނެވެ. "ޗުއްޕް" ވެސް ނުބުނެއެވެ. މަޑުމަޑުން "ވަލަޒިކުރުﷲ އަކުބަރަށް" މިސްކިތައް އަންނަމުން ދާ މީހުންވެސް އޮވެ އާދެއެވެ. އޭގެތެރޭގައި ކައުންސިލްގެ އިސް މެންބަރަކުވެސް ހިމެނެއެވެ.
މިހާރު ބަންގި ގޮވައިފިއެވެ. އެކި ތަންތަނުގައި އެއްވެފައި ތިބި ގުރޫޕްތައް އައިސް މިސްކިތައް ޖަމާވާން ފަށައިފިއެވެ. އެހެނަސް ގިނަ މީހުންބެލީ މިސްކިތުގެ ބޭރުން ފައިވާން މަތީގައި ނަމާދުކުރެވޭތޯއެވެ. މިސްކިތުގެ ދޮރުކައިރިއަށް އައި އިރުވެސް ސިނގިރޭޓް ބުރި ތުނބުން ނުވީއްލޭ ކުދިންވެސް ތިއްބެވެ. ނަމާދު ފަށައިގެން ކުރިޔަށް ދިޔައިރުވެސް ހެޔޮވިސްނޭ ބޮޑެތި މީހުން (ޒުވާނުން) ހީ ސަކަރާތް ޖަހައި ހެދިއެވެ. އަހަރެންގެ ހިތައް އެރިއެވެ. ޒުވާނުންގެ އަމަލުތައް މިހެން ހުރިއިރު ދެން އަރާ ޖީލުގެ ކުދިން ކިހާވަރެއް ވާނެބާއެވެ. ހުތުރު ޢަމަލުގެ ރިވެތި ނަމޫނާ ބަޔަކު އެކުދިންނަށް ދައްކަމުން އެބަދެއެވެ. ސަލާމްދިނުމާއި އެކު ހީވީ ބިރެއް ފެނުނުހެންނެވެ. އެމީހަކު ޖެހުނުތާކަށް އެމީހަކު ހިނގައްޖެއެވެ. ހީވީ އެންމެ ކުރިން ދާ މީހެއްގެ "ވަނަ" ހޯދަން އުޅުނުހެންނެވެ.
(ނިމުނީ)


ވިސްނަން ވެއްޖެ ކަމެއް....ހުކުރު ޚުތުބާ ކިޔާ ގަޑީގައިވެސް ހުނުމާ ސަކަރާތް ޖެހުމަކީ ވަރަށް ދެރަ ކަންކަން...